މައްސަލަ ބޮޑުވި ފަޒީގެ ހިޖާމާ ކްލިނިކް ހެލްތުން ހުއްޓުވައިފި
މައްސަލަ ބޮޑުވި ފަޒީގެ ހިޖާމާ ކްލިނިކް ހެލްތުން ހުއްޓުވައިފި

ހުއްދަ ނުނަގައި، ހިޖާމާ ޖެހުމުގެ ހިދުމަތް ނުދެވޭނެ ކަމަށް ހެލްތު މިނިސްޓްރީން އެންގުމުން "ފަޒީސް ހިޖާމާ ތެރަޕީ" ގެ ހިދުމަތް މިއަދުން ފެށިގެން ހުއްޓާލަން ނިންމައިފި އެވެ.

ފަޒީސް ހިޖާމާގެ މައްސަލަ ކުއްލިއަކަށް ހޫނުވީ، ޑައިބެޓީސް އަކީ ހިޖާމާ އިން ކޮންޓްރޯލް ކުރެވޭ ބައްޔެއް ކަމަށާއި ބާރުގަދަ ބޭސްތައް ބޭނުން ކުރުމުގެ ބަދަލުގައި ހިޖާމާ ބޭނުން ކުރުމަށް ފަޒީސް ހިޖާމާ އިން ކުރި ޕޯސްޓެއްގައި ބުނެފައިވާތީ އެވެ. އަދި އިންސިއުލިން ޖެހުމުގެ ބަދަލުގައި ހިޖާމާ ޖެހުމަށް އެ ޕޯސްޓުގައި ބުނި މައްސަލައާ ގުޅިގެން އެތައް ބަޔަކު ވަނީ އެކަމުގެ ނުރައްކާތެރިކަން ފެންމަތިކޮށް ކަންބޮޑުވެފަ އެވެ.

އެ މައްސަލައާ އެކު އެނގުނީ ފަޒީސް ހިޖާމާ ތެރަޕީ ހިންގަމުން ދަނީ ހެލްތު މިނިސްޓްރީން ނަގަން ޖެހޭ ހުއްދަ ވެސް ނުނަގާ ކަމެވެ. އެ މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީން މިއަދު ވަނީ އެ ކްލިނިކް ހިންގަމުން އަންނަ ފަޒީލާ އުސްމާނާ މިއަދު ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމަށް ފަހު ފަޒީލާ "މިހާރު" އަށް ބުނީ ހުއްދަ ނަގައިގެން އެކަން ކުރުން އެއްވެސް މައްސަލައެއް ނެތް ކަމަށް ހެލްތުން ބުނެފައިވާ ކަމަށާއި އެހެންވެ ދެން އެކަން ކުރާނީ ހުއްދަތައް ހަމަކޮށްގެން ކަމަށެވެ.

"މިހާރު މި ހަދަނީ ޑިޕްލޮމާ ކޯހެއް. އިރާދަކުރެއްވިއްޔާ ދޮޅު މަސް ތެރޭގައި ސެޓްފިކެޓް ލިބުނީމަ ހެލްތަށް ހުށަހަޅައިގެން ހުއްދަތައް ހޯދައިގެން ދެން މިކަން ކުރާނީ. މިނިސްޓްރީން ބުނަނީ ހުއްދަ ނަގައިގެން މިކަން ކުރުމަށް އެއްވެސް ހުރަހެއް ނެތޭ. އެހެންވެ، އޭގެ ކުރިން އަޅުގަނޑު ގޭގައި ވެސް އަދި އެހެން ގޮތަކުން ހިޖާމާއެއް ނުޖަހާނަން،" އޭނާ ބުންޏެވެ.

"ރަޖިސްޓްރީ ކޮށްފައި އަޅުގަނޑުގެ ކްލައިންޓުންނަށް އެކަން އަންގާނަން."

މި ބައްދަލުވުމާ ގުޅޭ ގޮތުން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

ފަޒީލާ މިހާރު އަންނަނީ، އޭނާ ބުނި ގޮތުގައި ޔޫކޭގެ ހިޖާމާ ނޭޝަންސް އިން ޑިޕްލޮމާ ކޯހެއް އޮންލައިންކޮށް ފުރިހަމަކުރަމުންނެވެ. ހަ އަހަރުވަންދެން ފަޒީލާ އެ ހިދުމަތް ދެމުން އައީ އެ ދާއިރާއިން އެއްވެސް ކޯހެއް ހަދައިގެނެއް ނޫނެވެ. އޭނާ ބުނީ ހިޖާމާ ޖަހަން ދަސްކުރީ މީހުން ހިޖާމާ ޖަހާ ގޮތް ބަލައިގެން ކަމަށެވެ.