15 މެއި 2022 - 14:14

ރޯމް (މެއި 15) - ފިރިހެން ޓެނިސް ކުޅުންތެރިންގެ އެސޯސިއޭޝަން (އޭޓީޕީ) އިން ކުރިޔަށް ގެންދާ އޭޓީޕީ ޓުއާ (އެއްވަނަ ޑިވިޝަން ޓެނިސް) ގައި ހޯދި 1،000 ވަނަ މޮޅާ އެކު ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޮވޮވިޗް އިޓާލިއަން އޯޕަންގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އިޓަލީގައި މިހާރު ކުރިއަށްދާ ރޯމް މާސްޓާސް އިޓާލިއަން އޯޕަންގައި ޖޮކޮވިޗް، 34، ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި، ދުނިޔޭގެ ހަތްވަނައިގައި އޮތް ނޯވޭގެ ކެސްޕާ ރޫޑް ސީދާ ދެ ސެޓުން؛ 6-4، 6-3 އިން ބަލި ކޮށްގެންނެވެ.
ޖޮކޮވިޗް އެންމެ ފުރަތަމަ އޭޓީޕީ ޓުއާ މެޗެއް ކުޅުނީ 2004 ވަނަ އަހަރު އެވެ. އިޓާލިއަން އޯޕަން ސެމީ ފައިނަލުގައި ރޭ ހޯދި މޮޅާ އެކު، 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް ވެފައި ވަނީ، ޖިމީ ކޮނޯސް އާއި ރޮޖާ ފެޑެރާ އަދި އިވާން ލެންޑެލް އާއި ރަފައެލް ނަޑާލް އަށް ފަހު އޭޓީޕީ ޓުއާގައި 1،000 މެޗުން މޮޅުވި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
"މިހާ ގިނަ ކާމިޔާބީތަކާ އެކު ވަރަށް ބޮޑު ޝަރަފެއް މި ލިބުނީ. މިދިޔަ ދެ އަހަރެއް ތެރޭގައި ރޮޖާ (ފެޑެރާ) އާއި ރަފާ (ނަޑާލް) މި މައިލްސްޓޯން ފާހަގަކުރާތަން ފެނުމުން އަހަރެން އަމިއްލައަށް އެކަން ހާސިލް ކުރަން ކެތްމަދުވެފައި ހުރީ،" ޖޮކޮވިޗް ބުންޏެވެ.
"ޓުއާގައި ފުރަތަމަ މެޗުން މޮޅުވިތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ. އުންމީދަކީ ކުރިޔަށް އޮތް ތަނުގައި ވެސް އިތުރު އެތައް ކާމިޔާބީތަކާ ހަމައަށް ދިޔުން."
ވާދަވެރި ކުޅުންތެރިޔާ ފެޑެރާއަށް ވުރެ އަވަހަށް ޖޮކޮވިޗް 1،000 މޮޅާ ހަމައަށް ވާސިލްވި ނަމަވެސް އޭނާ ވަނީ ނަޑާލް އާއި ކޮނާސް އަދި ލެންޑެލް އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ.
މިރޭ ކުޅޭ ފައިނަލުގައި ޖޮކޮވިޗް ނުކުންނާނީ ރޭންކިންގެ ފަސްވަނައިގައި އޮތް ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް، 23، އާ ދެކޮޅަށެވެ. ސިޓްސިޕާސް ވަނީ ސެމީ ފައިނަލުގައި، ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި އޮތް ޖަރުމަނުގެ އަލެކްޒެންޑާ ޒްވެރޭވް 2-1 ސެޓުން ބަލިކޮށްފަ އެވެ.
މިހާތަނަށް ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް ވަނީ މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ކުޅެފަ އެވެ. ނަމަވެސް ފައިނަލުން ބަލިވީ ރަފައެލް ނަޑާލް އަތުންނެވެ. މިއީ ސިޓްސިޕާސް ރޯމް މާސްޓާސް ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.