އީދު ދުވަހުގެ މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި
އީދު ދުވަހުގެ މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި

މިދިޔަ ކުޑަ އީދު ދުވަހު މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ފުލުހުން ހޯދަން އިއުލާނުކުރި ހަތް މީހުންގެ ތެރެއިން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ކުޑަ އީދު ދުވަހުގެ ރެއިން ފެށިގެން ހިންގި މާރާމާރީތަކުގައި ވަޅިޖަހައި ފަސް މީހަކު ޒަހަމްކޮށްލި އެވެ. ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި މި މަހުގެ ދެވަނަ ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ހަތް މީހަކު ހޯދަން ފުލުހުން އިއުލާނުކުރި އެވެ.

ފުލުހުން މިއަދު ބުނީ ހޯދަމުންދާ މީހުންގެތެރެއިން ގއ. ގެމަނަފުށި/ ކެނެރީގެ އަހްމަދު ނާޒިހް, 27, މިދިޔަ އަންގާރަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން އިއްޔެ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ފުލުހުން އިއްޔެ ކޯޓުގައި އެދުނީ ޝަރީއަތް ނިމެންދެން ނާޒިހް ބަންދުކޮށްދިނުމަށެވެ. ނަމަވެސް 15 ދުވަހަށް އޭނާ ބަންދުކުރީ އޭނާ އާއި ވަކީލާ ބައްދަލު ނުވެވޭތީ ދެ ފަރާތުން ބައްދަލުކުރުމަށް ފަހު ބަންދާ މެދު ގޮތެއް ނިންމަން އެދިފައިވާތީ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން ނަޒީހްގެ މައްޗަށް ތުހުމަތެއް ވުޖޫދުވާވަރަށް ވަނީ ހެކި ލިބިފަ އެވެ.

''އެ ގޮތުން ތޫނު ހަތިޔާރާ އެކު ބަަޔަކަށް ހަމަލާދީ ޒަހަމްކޮށްލުމުގައި މީނާ ބައިވެރިވެފައިިވާކަން ހުށަހެޅިފައިވާ ހެކިންގެ ބަޔާނުންނާއި ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތަކުން އެނގެ އެވެ.''

މި މައްސަލައިގައި މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން އަންނަނީ މައްސަލަ ތަހްގީގު ކުރަމުންނެވެ.