ބޮޑީ ބިލްޑިން ގައުމީ ސްކޮޑްގެ ޓީމު ބީ ގައި މަނާފް، މައުޒު، ލިޔާއު އަދި ރިޔާޒު
ބޮޑީ ބިލްޑިން ގައުމީ ސްކޮޑްގެ ޓީމު ބީ ގައި މަނާފް، މައުޒު، ލިޔާއު އަދި ރިޔާޒު

އެންމެ ފަހުގެ މިސްޓަ މޯލްޑިވްސް މުބާރާތުގައި ވާދަކުރި ހަތަރު އެތުލީޓުން ކަމަށްވާ، މަނާފް ވަހީދު، އަހްމަދު މައުޒު، ލިޔާއު ވަހީދު އަދި ހުސައިން ރިޔާޒު ހިމަނައިގެން، ރާއްޖޭގެ ގައުމީ ބޮޑި ބިލްޑިން ސްކޮޑްގެ ޓީމު ބީ އެކުލަވައިލައިފި އެވެ.

ބޮޑީ ބިލްޑިން ގައުމީ ސްކޮޑްގެ ޓީމު ބީ ގައި މަނާފް، މައުޒު، ލިޔާއު އަދި ރިޔާޒު
ބޮޑީ ބިލްޑިން ގައުމީ ސްކޮޑްގެ ޓީމު ބީ ގައި މަނާފް، މައުޒު، ލިޔާއު އަދި ރިޔާޒު

ގައުމީ ސްކޮޑް ދެ ޓީމަކަށް ބަހައިލައިގެން ތައްޔާރު ވަމުން ދަނީ ޖުލައި މަހު ރާއްޖޭގައި ބާއްވާ އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕަށެވެ. ގައުމީ ކޯޗު މެލޭޝިއާގެ ވޮން ހޮން ވަނީ މިދިޔަ ހަފުތާގައި ޓީމު އޭ އެކުލަވައިލައިފަ އެވެ. ޖުމުލަ 20 އެތުލީޓުން ހިމެނޭ ގައުމީ ސްކޮޑްގެ ކޮންމެ ޓީމެއްގައި 10 އެތުލީޓުން ހިމެނޭނެ އެވެ.

ބޮޑީ ބިލްޑިން ގައުމީ ސްކޮޑްގެ ޓީމު ބީ ގައި މަނާފް، މައުޒު، ލިޔާއު އަދި ރިޔާޒު
ބޮޑީ ބިލްޑިން ގައުމީ ސްކޮޑްގެ ޓީމު ބީ ގައި މަނާފް، މައުޒު، ލިޔާއު އަދި ރިޔާޒު

ޓީމު ބީ ގައި ހިމަނާފައިވާ މުހައްމަދު ޒިދާން ވަނީ އެންމެ ފަހުގެ މިސްޓަ މޯލްޑިވްސް މުބާރާތުގައި ވާދަކޮށް އެތުލެޓިކް ފިޒިކް ކެޓަގަރީން ބްރޯންޒް މެޑަލް ހޯދައިފަ އެވެ. އަދި އެޓީމުގައި ހިމެނޭ އަހްމަދު ނައީމް ވެސް ވަނީ އެންމެ ފަހުގެ މިސްޓަ މޯލްޑިވްސްގައި ވާދަކޮށްފަ އެވެ. މި ޓީމުގައި ހިމެނޭ އެންމެ ފާހަގަ ކުރެވޭ އެތުލީޓަކީ ހުޝާމް ހަމީދު އެވެ. އޭނާ ވަނީ 2009 ގެ މިސްޓަ މޯލްޑިވްސް ޓައިޓަލް ކާމިޔާބުކޮށްފަ އެވެ. ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު އޭނާ އަލުން ވަނީ ބޮޑީ ބިއުލްޑިންގެ ތެރެއަށް އެނބުރި އައިސްފަ އެވެ.

- މަނާފް ވަހީދު

- އަހްމަދު މައުޒު

- ލިޔާއު ވަހީދު

- ހުސައިން ރިޔާޒު

- މުހައްމަދު ޒިދާން

- އަހްމަދު ނައީމް

- ވިރާމް އިސްމާއީލް

- އިބްރާހިމް ހަމްދާން

- ހުޝާމް ހަމީދު

- މުހައްމަދު އިމްރާހް އިބްރާހިމް

ބޮޑީ ބިލްޑިންގައި ރާއްޖޭގެ އެންމެ މަޝްހޫރު އެތުލީޓުން ހިމަނާފައި ވަނީ ޓީމު އޭ ގަ އެވެ. މިދިޔަ އަހަރު އުޒްބެކިސްތާންގައި ބޭއްވި ވޯލްޑް ބޮޑީ ބިލްޑިން އަދި ފިޒިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ރިހި މެޑަލް ހޯދައިދިން މުހައްމަދު ރަޝީދު (ރަޗޭ) އާއި މުހައްމަދު މޫސާ (މޯޑް) ވެސް ޓީމު އޭ ގައި ހިމެނެ އެވެ. އަދި އެންމެ ފަހުގެ މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ކާމިޔާބު ކުރި މުހައްމަދު ޔާމީން (ޔާމްބެ) ވެސް ހިމެނެނީ ޓީމު އޭ ގަ އެވެ.

ޓީމު އޭގައި ހިމަނޭ އެތުލީޓުންގެ ތެރެއިން، ޑޮމެސްޓިކް މުބާރާތްތަކުގައި އެންމެ ކާމިޔާބު އެއް އެތުލީޓަކީ ރަޗޭ އެވެ. އޭނާ ވަނީ މިސްޓަ މޯލްޑިވްސް ޓައިޓަލް 2007، 2014 އަދި 2016 ގައި ކާމިޔާބުކޮށްފަ އެވެ.

މޯޑް ވަނީ 2019 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ލޯ މެޑަލް ހޯދައިފަ އެވެ. އަދި އެހަރު ބޭއްވި އޭޝިއާގެ ޗެމްޕިއަންޝިޕްގައި ވެސް ލޯ މެޑަލް ހޯދި އެވެ. ދެކުނު އޭޝިއާގެ މުބާރާތުން އޭނާ ވަނީ ރަން މެޑަލް ވެސް ހޯދައިފަ އެވެ. އެންމެ ފަހުގެ މިސްޓަ މޯލްޑިވްސް މުބާރާތުގައި އޭނާ ދިޔައީ ދެވަނަ އަށެވެ.

ވޯލްޑް ޗެމްޕިއަންޝިޕްގައި ލޯ މެޑަލް ހޯދި ދެ އެތުލީޓުން ކަމަށްވާ، ހުސައިން ހިމްޔާން އާއި އަޒްނީން ރަޝީދު ވެސް ހިމެނެނީ ޓީމު އޭ ގަ އެވެ. އަޒްނީން ވަނީ 2019 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ލޯ މެޑަލް ހޯދައިފަ އެވެ. އަދި އެއަހަރު ބޭއްވި ދެކުނު އޭޝިއާގެ ޗެމްޕިއަންޝިޕްގައި އޭނާ ވަނީ ރަން މެޑަލް ވެސް ހޯދައިފަ އެވެ. ޓީމު އޭގައި ދެން ހިމެނޭ ފާހަގަ ކުރެވޭ އަނެއް އެތުލީޓަކީ ދެކުނު އޭޝިއާގެ ޗެމްޕިއަންޝިޕްގައި 2019 ގައި ލޯ މެޑަލް ހޯދި ފަތުހުއްﷲ މުހައްމަދެވެ.

- ހުސައިން ހިމްޔާން

- އަޒްނީން ރަޝީދު

- މުހައްމަދު މޫސާ (މޯޑް)

- މުހައްމަދު ރަޝީދު (ރަޗޭ)

- މުހައްމަދު ޔާމީން (ޔާމްބެ)

- އަލީ ސަލީމް އިބްރާހިމް

- މުހައްމަދު ނަހްޔާން

- އަބްދުﷲ އަހްސަން

- ފަތުހުއްﷲ މުހައްމަދު

- އިބްރާހިމް ނަބީލް

އޭޝިއާގެ 30 ގައުމަކުން އެތުލީޓުން ވާދަކުރާ މުބާރާތް އޮންނާނީ ޖުލައި 15-21 އަށް، ކ. މާފުށީގަ އެވެ. މުބާރާތުގައި ރާއްޖޭގެ ޓާގެޓަކީ މަދުވެގެން 10 މެޑަލް ހޯދުމެވެ. ބީބީއޭއެމްއިން ވަނީ ކޯޗު ވޮންގެ ދަށުން މަސައްކަތް ކުރުމަށް އޮފިޝަލުންތަކެއް ވެސް ހަމަޖައްސައިފަ އެވެ. ޓީމުގެ އެސިސްޓެންޓް ކޯޗަކީ އަބްދުލް ހަސީބެވެ. ޓީމުގެ މެނޭޖަރަކީ އިބްރާހިމް އަބްދުﷲ އެވެ.

މި މުބާރާތް ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބޭއްވާ ބައިނަލްއަގްވާމީ އެންމެ ބޮޑު ކުޅިވަރުގެ އިވެންޓަށެވެ. މުބާރާތުގައި ކޮންޓިންޖެންޓްގެ ގޮތުގައި ގާތްގަނޑަކަށް 500 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ބީބީއޭއެމުން ލަފާ ކުރެ އެވެ.