ފަޔާ އަށް ކެމްޕޭނުގައި ފެނުނު މަންޒަރު؛ 2023 ކަށަވަރު ގޮތަކީ ރައީސް!
ފަޔާ އަށް ކެމްޕޭނުގައި ފެނުނު މަންޒަރު؛ 2023 ކަށަވަރު ގޮތަކީ ރައީސް!

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް ނުކުންނަވައިގެން ނޫން ގޮތަކަށް އެމްޑީޕީ އަށް 2023 ކަށަވަރުވާނެ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒް އިސްމާއިލް (ފަޔާ) އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަޔާ އަށް ކެމްޕޭނުގައި ފެނުނު މަންޒަރު؛ 2023 ކަށަވަރު ގޮތަކީ ރައީސް!
ފަޔާ އަށް ކެމްޕޭނުގައި ފެނުނު މަންޒަރު؛ 2023 ކަށަވަރު ގޮތަކީ ރައީސް!

ޗެއާޕާސަންގެ އިންތިހާބާ ގުޅޭ ގޮތުން "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި އޭނާ ވިދާޅުވީ މި ވެރިކަމުގައި އެމްޑީޕީން ސަރުކާރަށް އެއްބާރުލުން ދީގެން ކަންކަން ހިންގި ނަމަ ދެ ވަނަ ދައުރެއް، ޕާޓީން އެކަނި ނުކުމެ ވެސް ކާމިޔާބުވީސް ކަމަށެވެ. އެކަމަކު މަޖިލީހުގެ މެޖޯރިޓީ ވެސް ލިބިފައި އޮވެމެ ސަރުކާރު ބަލިކަށިކޮށްލަން އަމިއްލަ ޕާޓީން ކުރި މަސައްކަތުން އެ ފުރުސަތު ގެއްލިފައި އޮތް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ އަށް 2023 ކާމިޔާބުވާން ދެން އޮތީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ނުކުންނެވުމުން އެކަންޏެވެ.

"ބައެއް ބޭފުޅުންނަށް ދަތިވެދާނެ މިކަން ގަބޫލުކުރައްވަން. އެކަމަކު އެއީ އަޅުގަނޑަށް ފެންނަން ގޮތް, ހަގީގަތް," ފަޔާ ވިދާޅުވި އެވެ.

ކެމްޕޭނުގައި އޭނާއާ ބައްދަލުވި އެމްޑީޕީގެ މެމްބަރުން ވެސް މި ހަގީގަތް އޭނާއާ ހަމައަށް ފޯރުކޮށްދީފައިވާ ކަމަށާއި އެ ވާހަކައިގައި އެއްވެސް ބޭފުޅަކަށް ދެރަ ބަހެއް އަމާޒުކުރެއްވުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ފައްޔާޒް ތާއީދު ކުރައްވަން ނިންމަވައިގެން ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

"އެމްޑީޕީގެ ރިޔާސީ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހްގެ ނަން އޮވެއްޖިއްޔާ ވަރަށް ސާފުކޮށް އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު ހުންނާނީ ރައީސް ސޯލިހްގެ ފަހަތުގައި, ބެހެއްޓި ހިސާބެއްގައި ހުރެ އަޅުގަނޑަށް ވީހާ މަސައްކަތެއް ކުރާނަން އެކަމަށް," ފަޔާ ވިދާޅުވި އެވެ.

"ސިޔާސީ މަސްރަހު ރާއްޖޭގައި އަދި އޮތް ގޮތުން 2023 އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނީ ރައީސް ސޯލިހް ނުކުންނަވައިގެން."

އޭނާ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މައިގަނޑު އަމާޒަކީ އެމްޑީޕީއަށް 2023 ކާމިޔާބު ކޮށްދިނުން ކަަމަށް ވިދާޅުވި އެވެ. ފަސް އަހަރުގެ ދައުރަކަށް އަނިޔާވެރި ވެރިކަމެއް ރާއްޖެއަށް އަޔަ ނުދިނުމަކީ ޗެއާޕާސަންގެ މަގާމުގައި އޭނާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ޓިކެޓް ކަށަވަރުވެއްޖެ ނަމަ ވެސް އާއްމު މެމްބަރުންގެ އެ ނިންމުމާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ. ސިޔާސީ ކަންކަމުގައި އޭނާ މިހާތަނަށް އަމަލުކޮށްފައި ހުންނާނީ އަމިއްލަ ހިޔާލާއި ފިކުރު ޖެހިލުމެއް ނެތި ފާޅުކުރުމާ އެކު މެޖޯރިޓީގެ ވިސްނުމަށް ތަބާވެގެން ކަމަށް ވިދާޅުވި އެވެ.

ޗެއާޕާސަން ކަމަށް ކެމްޕޭން ކުރައްވާ އޭނާގެ ވާދަވެރިޔާ, މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ޓީމުން މަސައްކަތް ކުރަނީ 2023 ގެއްލުވާލަން ކަމަށް އޭނާ ވިދާޅުވާ ގިނަ ސަބަބުތައް ފަޔާ ދެއްކެވި އެވެ. ސަރުކާރަށް ފާޑުކިއުންތައް ޕާޓީތެރެއިން އަމާޒުކުރަމުން އައިސް އެ ކަންކަން ތިލަކޮށް ރައީސުލްޖުމްހޫރިއްޔާ ހަމައަށް ވެސް އެ ހަމަލާތައް އަމާޒުކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރަށް ހެސް ކިޔާފައި އެއްޗެހި ކިޔާފައި ވަގަށް ގޮވާފައި ގާތިލުންނަށް ކިޔާފައި ދެން އައިސް ސަރުކާރާ އެކީ އިށީނދެ ކޮން ވާހަކައެއްތޯ ދެއްކޭނީ،" އިންތިއަށް ނިސްބަތް ކުރައްވައި ވިދާޅުވި އެވެ.

މި ކެމްޕޭނުގައި އޭނާ ފާޅުކުރެއްވި ކަންބޮޑުވުމަކީ ސަރުކާރުން ވޭތުވެދިޔަ އަހަރުތަކުގައި ރަނގަޅަށް ކުރި ކަންކަން ދިފާއުކޮށް ޕްރޮމޯޓްކުރަން ޕާޓީގެ ދައުރެއް ނެތުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މިހާތަނަށް ކުރި ރަނގަޅު ކަންކަން ވެސް ޓުވިޓާގައި ނުވަތަ ހެޑްލައިނެއް ޖަހާލައިގެން މުޅިން ނުބައިކޮށް ރައްޔިތުންނަށް މާނަކޮށްދިން ކިތަންމެ ފަހަރެއް ހިނގައްޖެ އެވެ. މިކަންކަމުގެ ހަގީގަތް ހާމަކޮށްދިނުމަކީ އެމްޑީޕީގެ ޒިންމާއަކަށް ވިޔަސް އެކަން ކުރެއްވިފައެއް ނުވެ އެވެ.

"ސަރުކާރަށް ދެރަވާ އިރު ވެސް ރަނގަޅުވާ އިރު ވެސް ޕާޓީ އެބަޖެހޭ ސަރުކާރު ފަހަތުގައި އޮންނަން, ގޯހެއް ވިއްޔާ އެކަމެއް ޕާޓީން ހައްލުކުރަން ޖެހޭ," ފަޔާ ވިދާޅުވި އެވެ.

ފަޔާ ވިދާޅުވި ގޮތުގައި އެމްޑީޕީން ސަރުކާރު ދިފާއުނުކޮށް 2023 ލިބޭ ތަނެއް ނުފެނެ އެވެ. ކިތަންމެ ޕްރޮޖެކްޓެއް ސަރުކާރުން ހިންގިއަސް އާއްމު މެމްބަރުންނާ އޮންނަން ޖެހޭ ގުޅުން ނެތް ނަމަ ވޯޓަކަށް އެކަންކަން ބަދަލެއް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.