"މާޒީ ހަނދާން ނައްތާލާ، މިއީ ލީގަށް ވާދަކުރާ ފަހަރު"
"މާޒީ ހަނދާން ނައްތާލާ، މިއީ ލީގަށް ވާދަކުރާ ފަހަރު"

ލިވަޕޫލް (ޑިސެމްބަރު 26) – ލިވަޕޫލުން މި ސީޒަނުގައި އަމާޒުކުރަނީ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރަން ކަމަށާއި ލިވަޕޫލުގައި ހޭދަކުރަމުން އަންނަނީ އުފާވެރި ދުވަސްތަކެއް ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލުން 1990 ވަނަ އަހަރުގެ ފަހުން ލީގު ކާމިޔާބުކޮށްފައިނުވާއިރު ބްރެންޑަން ރޮޖާސްގެ އިރުޝާދުގެ ދަށުން މީގެ ދެ ސީޒަން ކުރިން ލީގު ކާމިޔާބުކުރުމާ ވަރަށް ގާތަށް ދިޔަ އެވެ. ކްލޮޕާ އެކު އެ ޓީމު ކުރިއެރުން ހޯދާފައިވާއިރު މި ވަގުތު އެ ޓީމު އޮތީ ތާވަލުގެ ދެ ވަނައިގަ އެވެ. އެކަމަކު އެއް ވަނައިގައި އޮތް ޗެލްސީއާ ހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ކްލޮޕް ބުނީ ލީގު ކާމިޔާބުކުރަން އަމާޒުކުރާއިރު އޭނާގެ އެދުމަކީ ސަޕޯޓަރުންނާއި ކުޅުންތެރިން ވެސްް، ލީގު ނުލިބި ދިޔަ 25 އަހަރާ މެދު ނުވިސްނުމަށް ކަމަށެވެ.

"އަހަރެމެންނަކީ މިދިޔަ 25 އަހަރެއް ނޫން. އަހަރެމެން މިހާރު މިތިބީ މި ސީޒަނުގައި. މި ކްލަބުގެ ތާރީހުގައި ބޮޑު ހިއްސާއެއްވި ކުޅުންތެރިން ދެކެ އަހަރެމެން ލޯބިވޭ. އެކަމަކު އަހަރެމެން މިވަގުތު އަދާކުރަން ޖެހޭނީ މިވަގުތު އަހަރެމެންނާ ހަވާލުވެފައިވާ ވަޒީފާ. މާޒީއާ މެދު ވިސްނައިގެން ފޯކަސް ގެއްލެން ބޭނުމެއް ނުވޭ،" ސްކައިސްޕޯޓްސްއާ ވާހަކަދައްކަމުން ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ލިވަޕޫލް މިވަގުތު އޮތީ ލީގު ނެގޭ ފެންވަރުގައި ކަމަށާއި އެކަމަށް މަސައްކަތްކޮށް އެކަން ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އޭނާ ވަނީ ލިވަޕޫލުގައި ހޭދަކުރަމުން އަންނަނީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށް ބުނެފަ އެވެ.

"އަހަރެން ޕްރިމިއާ ލީގަށް އަންނަން ވަރަށް ޝައުގުވެރިވެފައި ހުރީ. އަހަރެންގެ އެ ހުވަފެން ހަގީގަތަކަށް ހަދައިދިނީ ލިވަޕޫލް. މި ކްލަބުގައި އަހަރެން ހުރުމަކީ އަހަރެންގެ ނަސީބު ރަނގަޅުކަމުގެ ހެއްކެއް. މިއީ އަހަންނަށް ނިންމުނު ފުރިހަމަ ނިންމުމެއް،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ޕްރިމިއާ ލީގަކީ ދުނިޔޭގެ އެންމެ ވާދަވެރި ލީގު ކަމަށާއި ލީގަށް ވާދަކުރާ ހަޔެއްކަ ޓީމު އަބަދުވެސް އޮންނަ ކަމަށެވެ. އަދި މިއީ އެހެން ލީގެއްގައި ފެންނަ މަންޒަރެއް ނޫން ކަމަށް ކުރިން ޖަރުމަން ލީގުގައި ކޯޗުކޮށްދިން ކްލޮޕް ބުންޏެވެ.

ޕްރިމިއާ ލީގުގައި ލިވަޕޫލް މާދަމާރޭ ނުކުންނާނީ ސްޓޯކް ސިޓީއާ ދެކޮޅަށެވެ.