11 މެއި 2022 - 18:49

ސްރީ ލަންކާ އަށް ބޭސްފަރުވާ އަށް ގޮސް އުޅެނިކޮށް މީގެ ނުވަ ދުވަސް ކުރިން ގެއްލިގެން ހޯދަމުން ދިޔަ ދިވެހި މީހާ މިއަދު ފެނިއްޖެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އޭނާ ފެނުނީ ކޮލަންބޯގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ. އޭނާ އަށް އެއްވެސް އަނިޔާއެއްވެފައި ނުވާ ކަމަށް ބުންޏެވެ.
"އަޅުގަނޑުމެންގެ ކޮންސިއުލާ ސްޓާފަކަށް އޭނާ ފެނުނީ ކޮލަންބޯގެ ހޮސްޕިޓަލެއްގެ ތެރެއިން. އަޅުގަނޑުމެން އޭރު ދިޔައީ އޭނާ ހޯދަން އެ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލެއް ބަލަމުން،" މިނިސްޓްރީން ބުންޏެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ދިޔައީ އިބްރާހިމް އަލީ ނަމަކަށް ކިޔާ 62 އަހަރުގެ މީހެކެވެ. ދެހިވަލަ މިސްކިތް ކައިރިއަށް ދިޔަ ގޮތަށް އިބްރާހިމްގެ ޚަބަރެއް ނުވާ ކަމަށް، ލަންކާގައި ހުރި އޭނާ ދަންނަ މީހަކު އޭރު ބުންޏެވެ.
ލަންކާގައި ހުރި މީހާ ބުނި ގޮތުގައި އިބްރާހިމް އެ ގައުމަށް ދިޔައީ އެކަންޏެވެ. އަދި އޭނާ މި ފަހުން އެހެން ގެއަކަށް ބަދަލުވި ކަމަށް ވެސް އޭނާ ބުންޏެވެ.
އިބްރާހިމްގެ ހަބަރެއް ނުވެގެން މޯޗަރީ ވެސް ބަލާފައިވެ އެވެ.