ޓައިޕް 1 ޑައިބެޓީސް އަށް ވެކްސިނެއް ޓެސްޓްކުރަނީ
ޓައިޕް 1 ޑައިބެޓީސް އަށް ވެކްސިނެއް ޓެސްޓްކުރަނީ

އެމެރިކަން ޑައިބެޓީސް އެސޯސިއޭޝަނުން ދާދި ފަހުން އިއުލާންކުރީ ޓައިޕް 1 ޑައިބެޓީސް އަށް ފަރުވާ ލިބޭ ވެކްސިނެއް ހޯދިއްޖެ ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ ޓައިޕް 1 ޑައިބެޓީސްގެ އެޑްވާންސް ސްޓޭޖްގައިވާ 150 މީހަކަށް އެ ވެކްސިން ޓެސްޓްކުރަން ދޭން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

އެމެރިކާގައި އެކަނި ވެސް ޓައިޕް 1 ޑައިބެޓީސް ޖެހިފައިވާ 1.25 މިލިއަން މީހުން އެބަ ތިއްބެވެ. މިއީ އެމެރިކާގައި ހަތް ވަނަ އަށް އެންމެ ގިނަ މީހުން މަރުވާ ބައްޔެވެ. އެ ގައުމުގައި އަހަރަކު 234،051 މީހުން ހަކުރުބައްޔާ ގުޅިގެން ދިމާވާ ތަފާތު މައްސަލަތަކުގައި މަރުވެ އެވެ.

ޓައިޕް 1 ޑައިބެޓީސް އަކީ ހަކުރު ބަލީގެ ވައްތަރެކެވެ. މި ބަލި ޖެހޭ މީހުންގެ ވެސް ހަށިގަނޑުން އެކަށީގެންވާ މިންވަރަށް އިންސިއުލިން އުފައްދައެއް ނުދެ އެވެ. އެހެންކަމުން ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވެ އެވެ.

އިންސިއުލިން އުފައްދާ ބީޓާ ސެލްސްތައް ހުންނަނީ އިންސާނުންގެ ޕެންކްރިއަސްގަ އެވެ. ދިފާއީ ނިޒާމުގައިވާ ޓީ-ސެލްސް ކުރާ ކަމަކީ ޕެންކްރިއަސްގެ އިންލެޓްސް ހަލާކުކޮށްލަނީ އެވެ.

ޓައިޕް 1 ޑައިބެޓީސް ޖެހެނީ ކުޑަކުދިންނަށާއި ޒުވާން އުމުރުގެ މީހުންނަށެވެ. މި ބަލީގެ އަލާމްތަކުގެ ތެރޭގައި އާދަޔާޚިލާފަށް ގިނައިން ކަރުހިއްކުން ހިމެނެ އެވެ. އަދި އެހާމެ ގިނައިން ކުޑަކަމު ވެސް ދެ އެވެ. ބޮލަށް އެނބުރުން އަރާ ކަހަލަ ގޮތްގޮތް ވާނެ އެވެ. އަދި ކުއްލިއަކަށް ބަރުދަން ލުއިވެ އެވެ. ލޮލުގެ ފެނުމަށް ވެސް އަސަރު ކުރެ އެވެ. ބައެއް ފަހަރަށް ނޭވާލާން ދަތިވެ ހޭނެތޭ ގޮތް ވެސް މެދުވެރިވެ އެވެ.

މި ވައްތަރުގެ ހަކުރު ބަލީގެ މީހުން ކޮންމެ ދުވަހަކު އިންސިއުލިން އިންޖެކްޝަން ޖަހަން ޖެހެ އެވެ.

ޓައިޕް 1 ޑައިބެޓީސް އަށް ވެކްސިން ތައްޔާރުކުރީ ކެއްސުން ބައްޔަށް މިހާރު ވެސް ދޭ ބީސީޖީ ވެކްސިނުންނެވެ. މި ވެކްސިން މަސައްކަތް ކުރަނީ ހަށިގަނޑުގައިވާ ޓީ-ސެލްތައް ނައްތާލާށެވެ. އޭރުން އަނެއްކާވެސް ޕެންކްރިއަސް އިން އިންސިއުލިން އުފައްދަން ފަށާނެ ފުރުސަތު ލިބެ އެވެ.

މި ނޫން ފަރުވާ ވެސް ޓައިޕް 1 ޑައިބެޓީސް އަށް ލިބޭތޯ އަަންނަނީ މަސައްކަތްކުރަމުންނެވެ.