ރޮނާލްޑޯގެ މުހިއްމުކަން އެންމެ ބޮޑީ ޕޯޗުގަލްއަށް: ކޯޗު
ރޮނާލްޑޯގެ މުހިއްމުކަން އެންމެ ބޮޑީ ޕޯޗުގަލްއަށް: ކޯޗު

ލިޒްބަން (ޖޫން 7) - ރެއާލް މެޑްރިޑަށް ކްރިސްޓިއާނޯ ރޮނާލްޑޯ މުހިއްމު ވާ ވަރަށް ވުރެ ބޮޑަށް ޕޯޗުގަލް ގައުމީ ޓީމަށް އޭނާ މުހިއްމު ކަމަށް އެ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.

ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް ފަހު، ހަފުތާއެއްހާ ދުވަހު ޗުއްޓީގައި ހުރުމަށް ފަހު ރޮނާލްޑޯ ވަނީ ޔޫރޯ އަށް ތައްޔާރުވާ ޕޯޗުގަލްގެ ކޭމްޕާ އާދީއްތަ ދުވަހު ގުޅިފަ އެވެ.

އެކުވެރިކަމުގެ މެޗެއްގައި އިންގްލެންޑް އަތުން ޕޯޗުގަލް 1-0 އިން ބަލިވި މެޗުގައި ރޮނާލްޑޯ ނުކުޅޭއިރު މާދަމާރޭ އެސްޓޯނިއާއާ ދެކޮޅަށް ރޮނާލްޑޯ ކުޅޭނެ ކަމަށް ބެލެވެ އެވެ. ރޮނާލްޑޯގެ އިތުރުން ރެއާލް މެޑްރިޑުގެ ޑިފެންޑަރު ޕެޕޭ ވެސް ކޭމްޕާ ގުޅުނީ ޗުއްޓީއަކަށް ފަހު އެވެ.

"އެ މީހުންނަށް އަރާމުކުރަން ފުރުސަތު ބޭނުންވޭ. އެހެން ކުޅުންތެރިންނަށް ވެސް ވަރަށް މުހިއްމު އެ ކުޅުންތެރިން ހިތްހަމަޖެހިގެން ތިބެ ޓީމާ ގުޅުން،" ސަންޓޯސް ބުންޏެވެ.

ރޮނާލްޑޯ ވަނީ މި ސީޒަނުގައި 48 މެޗުން 51 ގޯލް ޖަހައިދީފަ އެވެ.

"ރޮނާލްޑޯ ރެއާލަށް އެހާ މުހިއްމު ވަންޏާ ދެން ވިސްނާލާ އޭނާގެ މުހިއްމުކަން ޕޯޗުގަލް އަށް ބޮޑުވާނެ ވަރު. ސީޒަނެއްގައި 50، 60 ލަނޑު ޖަހާ ކުޅުންތެރިޔަކު އެ ޓީމެއްގައި ހުރިއްޔާ އެ ކުޅުންތެރިއެއްގެ މުހިއްމުކަން ކިހާ ބޮޑުވާނެ،" ސަންޓޯސް ބުންޏެވެ.

ރޮނާލްޑޯއާ އެކު ޕޯޗުގަލް އިން 2004 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރި އެވެ. އެކަމަކު ގްރީސް އަތުން ބަލިވެ ތަށި ގެއްލުނީ އެވެ.

ރޮނާލްޑޯ ސަތޭކަ ޕަސެންޓް ފިޓް ނޫން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސަންޓޯސް ބުނީ އޭނާ 80 ޕަސެންޓް ފިޓްކޮށް ހުރި ނަމަވެސް ޓީމަށް ނަގާނެ ކަމަށެވެ.