ކުއްޖަކާ ބެހުނު މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް ދޫކޮށްލި މީހަކު ހޯދަނީ
ކުއްޖަކާ ބެހުނު މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް ދޫކޮށްލި މީހަކު ހޯދަނީ

ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލި މީހަކު އަލުން ހައްޔަރުކުރުމަށް އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފޮޓޯ އާންމުކޮށް ފުލުހުން ހޯދަމުން އަންނަނީ މާލޭ މީހެއް ކަމަށްވާ 41 އަހަރުގެ މުހައްމަދު ބިޝާރު އިސްމާއިލް އެވެ. އޭނާ އަކީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށް ލާފައި ވަނިކޮށް ހައި ކޯޓުން ހުކުމް ބާތިލްކުރުމުން ސަލާމަތްވެފައިވާ މީހެކެވެ. އޭނާ އާއ އިތުރު މީހެއްގެ އަތުން ފެނުނު 2.1 މިލިއަން ރުފިޔާ ވެސް އަނބުރާ ދޭން ޖެހުނެވެ.

ފުލުހުން ބުނީ ބިޝާރަކީ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޖެނުއަރީ 19، 2020 ގައި ހައްޔަރުކުރި މީހެއް ކަމަށެވެ. އެ ފަހަރު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ސައުތު ޕޮލިސް ރީޖަން (ގއ، ގދ، ޏ، ސ) ގައި ހިމެނޭ ރަށެއްގެ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން އޭނާ ބަންދުކުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓަށް ބަދަލުކުރުމާ ގުޅިގެން މެއި 26، 2021 ގައި ކްރިމިނަލް ކޯޓުން ވެސް ވަނީ އޭނާ ޝަރީއަތުން ގޮތެއް ނިންމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އެކަމަކު އޭނާގެ ފަރާތުން ބަންދު މުރާޖާކޮށްދިނުމަށް ކޯޓުގައި އެދުމުން ދޫކޮށްލީ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ދޫކޮށްލުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ޑިސެމްބަރު 23، 2021 ގައި ހައި ކޯޓުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރިން ކޮށްފައިވާ އަމުރު ބާތިލުނުވެ ދެމި އޮތްކަމަށް ހުކުމްކޮށްފައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ހައި ކޯޓުގެ އެ ހުކުމާ ގުޅިގެން އޭނާ ހައްޔަރުކުރުމަށް އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދިޔަ ނަމަވެސް، މިހާތަނަށް ކުރެވެނު މަސައްކަތުން އޭނާ ހޯދިފައިނުވާތީ އެކަމުގައި އާންމުންގެ އެހީއަށް ފުލުހުން އެދުނީ އެވެ.