11 މެއި 2022 - 14:10

ނިޒާމުގެ ލޫޕް ހޯލްތައް ގަސްތުގައި ބޭނުން ކޮށްގެން ގޯސް ހަދާ މީހުން ފުލުހުންގެ ތެރޭގައި އެބަތިބި ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައެއް ތަހުގީގުކުރުމުގައި ދެ ފުލުހަކަށް ފަރުވާ ކުޑަވެގެން ދިމާވި ކަމަކާ ހެދި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ސީޕީ ހަމީދު ވިދާޅުވީ އެއީ މަސްތުވާތަކެތީގެ މައްސަލައެއްގައި މާލޭގެ މަޝްހޫރު ގުރޫޕަކާ ގުޅުން ހުރި މީހަކު ހައްޔަރުކުރުމާއި އެ މީހާގެ މައްޗަށް ކޯޓު އަމުރު ތަންފީޒުކުރުމުގެ ކަންކަމުގައި އުޅުނު ދެ ފުލުހަކަށް ކޮންމެވެސް ވަރަކަށް ފަރުވާކުޑަވުމުގެ ސަބަބުން ކުރަންޖެހޭ ކަމެއް ނުކުރެވި އޮތުމުން އެކަމަށް ރިއާޔަތް ކުރައްވައި ދެއްކެވި ވާހަކައެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި އޭޖީ މިހެން ވިދާޅުވުމުން މަޖިލީހުގައި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ މިކަމާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. އެކަމަކު އިމްރާން ވިދާޅުވީ އެކަހަލަ ފުލުހުން އުޅޭކަން މިހާތަނަށް އެނގިފައި ނެތް ކަމަށެވެ.
ހަމީދު "މިހާރު" އަށް ވިދާޅުވީ ރައްޔިތުންގެ މަސްލަހަތު އޮތް ބޮޑު މައްސަލައެއްގެ ތަހުގީގުގައި ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ފުލުހުން ގަސްދުގައި ގޯސް ހަދާފައި އޮތްކަމެއް މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ މި މައްސަލާގައި ދިމާވި ކަމަކީ ވެސް ގަސްދުގައި ވަކި މީހަކަށް ފައިދާއެއް ހޯދައި ދޭން ކޮށްފައި އޮތްކަމެއްކަން މިހާތަނަށް ތަހްގީގަކުން ފާހަގަނުވާ ކަމަށް ވިދާޅުވި އެވެ.
''ފުލުހުންގެ ތަހްގީގުތައް ހިންގާއިރު މިހާތަނަކަށް ގަސްދުގަ މީހަކަށް, ރައްޔިތުންގެ މަސްލަހަތު އޮންނަ ބޮޑެތި މައްސަލަތަކުގަ ވަކި ކަހަލަކަމެއްގައި ފައިދާ ހޯދަދޭން ކަމެއްކޮށްފަ އޮތް ކަމަކަށް މިހާތަނަކަށް ފާހަގަކުރެވިފައެއް ނެތް،" ހަމީދު ވިދާޅުވި އެވެ.
ނަމަވެސް ފުލުހުންގެ ތެރޭގައި ވެސް މި ތިބެނީ މުޖުތަމައުއަށް ނިސްބަތްވާ މީހުން ކަމަށް ވާތީ މީހަކަށް ފައިދާ ހޯދައިދޭން ގޯސް ގޮތަކަށް ކަމެއް ކޮށްފާނެ މީހުން ތިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ކުށްކުރާ މީހުންނާ ގުޅުން އޮންނަ މީހުންނާއި ވަކި ކަހަލަ ފައިދާއަކަށްޓަކައި ކަންކަން ކޮށްދިނުމާއި ކުރަންޖެހޭ ކަމެއް ނުކޮށް ދޫކޮށްލާ ފުލުހުން ދުނިޔޭގެ އެހެން ގައުމުތަކުގެ ފުލުހުންގެ މުއައްސަސާތަކުގައި ވެސް ތިބޭނެކަމަށް ހަމީދު ވިދާޅުވި އެވެ.
''ކުށްކުރާ މީހުންނާ ގުޅުން އޮންނަ މީހުންނާއި ރަށްޓެހިންނާ ނުވަތަ ފާއިތުވި ތަންތަނުގައި ކަންކަމަށް ބަލާފައި ވަކި ކަހަލަ ފައިދާއަކަށްޓަކައި ކަންކަން ކޮށްދިނުމާ ކުރަންޖެހޭ ކަމެއް ނުކޮށް ދޫކޮށްލުމާ މި ކަންކަން އެއީ އެހެން ފުލުހުންގެ މުއައްސަސާތަކުގައި ވެސް ހިނގާ ކަންކަން. ދިވެހިރާއްޖޭގައި އޭގެ އެއްވެސްކަމެއް ނުހިނގާނެއެކޭ ނޫން،'' ހަމީދު ވިދާޅުވި އެވެ.
މައްސަލަތަކުގައި އެކަށީގެންވާ މިންވަރަށް ހެކި ލިބިފައި ހުއްޓަސް, ކަމާބެހޭ އިދާރާތަކުން ހަދާ ގޯސްތަކުގެ ސަބަބުން މީހުން ދޫވާ މައްސަލަ އަބަދުވެސް ދިމާވެ އެވެ. އެކަމަކު ފުލުހުން ގަސްތުގައި ގޯސް ހަދާ ކަމަށް ކުރާ ތުހުމަތަށް ފުލުހުން އަބަދުވެސް އިންކާރުކުރެ އެވެ.