ޔޫކްރޭނުން ރަޝިޔާ ހިފި ބިންތައް އެއީ ރަޝިޔާގެ ތަންތަން
ޔޫކްރޭނުން ރަޝިޔާ ހިފި ބިންތައް އެއީ ރަޝިޔާގެ ތަންތަން

ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި، ރަޝިޔާ ސިފައިން ހިފާފައިވާ ޔޫކްރޭންގެ ބިންތަކަކީ ރަޝިޔާގެ ސަރަހައްދުތަކެއް ކަމަށް ވެގެންދާނެ ކަމަށް، ރަޝިޔާގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ރަޝިޔާ ސިފައިން 2014 ވަނަ އަހަރު ޔޫކްރޭނުން އަތުލައިގަތް ކްރީމިއާ ސަރަހައްދަށް ރަޝިޔާ އިން ކަނޑައަޅާފައި ހުންނަ އިސް ވެރިޔާ ޖޯޖީ މުރާދޯވް ވިދާޅުވި ގޮތުގައި ޔޫކްރޭންގެ ދެކުނު ސަރަހައްދުން ރަޝިޔާ ސިފައިން މިނިވަންކުރި ބިންތައް، ކުރިމަގުގައި ހަމަޖެހިގެންދާނީ ރަޝިޔާގެ ސަރަހައްދުގެ ގޮތުގަ އެވެ.

އެކަން ހަމަޖެއްސުމަށްޓަކައި، އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުންނާ ސުވާލުކޮށް އެމީހުން އެދޭ ގޮތް އޮޅުން ފިލުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ޔޫކްރޭންގެ ދެކުނުން ރަޝިޔާ ސިފައިން ހިފި ބިންތައް، ރަޝިޔާގެ ސަރަހައްދުތަކުގެ ގޮތުގައި ހަމަޖައްސާނީ، އެ ސަރަހައްދުތަކުގެ އާންމުން އެ ގޮތަށް އެދޭނަމަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫކްރޭންގެ ދެކުނުން ރަޝިޔާ ސިފައިން މިހާރު ހިފާފައިވާ ސަރަހައްދުތަކުގެ މީހުން، މިދިޔަ އަށް އަހަރު ދުވަސް ހޭދަކުރީ ވަރަށް ބޮޑު ހާސްކަމަކާއި ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް، ރަޝިޔާގެ އޮފިޝަލް ވިދާޅުވި އެވެ. އެއީ، އެ ސަރަހައްދުގެ އާންމުންނަށް ޔޫކްރޭން ސަރުކާރާއި ސިފައިންގެ ފަރާތުން ކުރިމަތިވާ ގޯނާކުރުންތަކުގެ ސަބަބުންނެވެ.

"މި ސަރަހައްދުތަކުގައި މިހާރު ވަނީ މަދަނީ-އަސްކަރީ އިދާރީ ހިންގުން ގާއިމުކުރެވިފައި. ރަޝިޔާގެ ޓީވީ ޗެނެލްތައް މިތަންތަނަށް އަތުވެއްޖެ. ސްކޫލްތަކުގައި ރަޝިޔާގެ ޓެކްސްޓް ފޮތްތައް ކިޔަވައިދޭން ފަށައިފި. މި ސަރަހައްދުގެ އިގްތިސާދީ ދިރުމުގެ ތެރެ އަށް ރަޝިޔާގެ ރުބެލް އެދަނީ ކާމިޔާބުކަމާއެކު ވަންނަމުން،" މުރާދޯވް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޚެރްސޯން އާއި ކްރީމިއާގެ އިތުރުން ޒަޕަރޯޖިޔާގެ ގިނަ ސަރަހައްދުތަކެއްގައި މިހާރު ވަނީ ރަޝިޔާގެ ބާރުގެ ދަށުން ހިންގާ މަދަނީ-އަސްކަރީ އިދާރީ ހިންގުން ގާއިމުކޮށްފަ އެވެ.