27 ޑިސެމްބަރ 2016 - 06:14

ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ މިހާރު ތައްޔާރުކުރަމުން އަންނަ ފިލްމު "ޕަދްމާވަތީ"ގެ ސެޓުގައި ހިނގި އެކްސިޑެންޓެއްގައި އާދިއްތަދުވަހު މީހަކު މަރުވެއްޖެ އެވެ.
މުކޭޝް ޑާކިއާ ،34، މަރުވީ އެ ސެޓުގައި ހިމެނޭ މަގްބަރާއެއް ކަހަލަ އުސް ތަނެއްގައި ދަވާދު ލާން ހުއްޓާ ވެއްޓިގެންނެވެ.
ފުލުހުން ބުނާ ގޮތުގައި މުކޭޝް ވެއްޓުނީ މެންދުރު ކާ ގަޑި ޖެހުމުން އެތަނުން ފައިބަން އުޅެނިކޮށެވެ. ވެއްޓި ބޯ ޖެހުނު ގޮތުން ބޮލަށް ވަރަށް ބޮޑަށް އަނިޔާވި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފިލްމުގެ ތަރިންނާއި ކުރޫންނަށް އެ މަންޒަރު ފެނިގެން ވަރަށް ބޮޑަށް އަސަރުކުރި އެވެ.
ފިލްމުގެ އާޓް ޑައިރެކްޓަރުން ކަމަށްވާ އަމިތު ރޭ އާއި ސުބްރަތާ ޗަކްރަބަތީ ބުނީ "ޕަދްމާވަތީ" ސެޓުގައި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވަރަށް ފުރިހަމައަށް އަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އުސް ތަންތަނަށް އަރަން ޖެހޭ މީހުންގެ އުނަގަނޑުގައި ވާ އެއްސުމާއި ހެލްމެޓް ފަދަ އެއްޗެހި އެޅުން ވެސް ހިމެނެ އެވެ. ހުރިހާ ކަމެއް އެގޮތަށް ހުއްޓަސް މިފަހަރު މި އެކްސިޑެންޓް ދިމާވީ ކަމަށް އެ މީހުން ބުނެ އެވެ.
ބާންސާލީ ޕްރޮޑަކްޝަންގެ ސީއީއޯ ޝޯބާ ސާންޓް ބުނީ މިއީ ވަރަށް ބަދުނަސީބު އަދި ހީވެސް ނުކުރާ ކަހަލަ ހިތާމަވެރި ހާދިސާއެއް ކަމަށެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން އެ އެކްސިޑެންޓް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.