ތުނޑި
ތުނޑި

ހިކިފައިވާ ފަނެއް އަހަންނާ ދިމާއަށް ބަލަހައްޓައިގެން، ހެލިލަހެލިލައި އޮތެވެ. ހުހިތައް ވެސް ދެން މާ ގިނަ ދުވަހަކު ރުކުގައި ހަރުލައި ހުންނާނެހެނެއް ހިޔެއްނުވެއެވެ. ހީވަނީ ދެންމެދެންމެ އަހަރެންގެ ބޮލަށް ވެއްޓިދާނެހެންނެވެ. އެ ވަރުން ވެސް އަހަރެން ޖޯލިން ތެދުވާކަށް ބޭނުމެއް ނުވިއެވެ. ހިތަށްއެރިއެވެ. ވެއްޓޭ އެއްޗެއް ވެއްޓޭށެވެ. މަރުވާނީ އެއް ފަހަރުއެވެ. މި ތަނުގައި އުޅޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އާއިލާއެއްގެ ޒިންމާ ކޮނޑުގައި އެބަ އޮތެވެ. ލާރިއެއް ލިބޭނެ މަގެއް ނެތެވެ. ވައިމަޑުވެ ދޯނިތައް މަހަށް ފުރުން ހުއްޓައިލި ހިސާބުން އަހަރެންގެ ރިޒުގު ބަންދުވެއްޖެއެވެ. މާލެދާންވީ ހެއްޔެވެ؟ އޭރުން ވެސް ކޮންމެވެސް ވަޒީފާގަނޑެއް ލިބިދާނެއެވެ. ހަށިގަނޑުގައި ވަރު އެބަ ހުއްޓެވެ. ކޮންމެ ވަޒީފާއެއް ވެސް އަހަންނަށް އަދާކުރެވޭނެއެވެ.

"އޭ ހާމިދު! އެއްކަލަ މުނީރު އެބަ އޮތް މަރުވެގެން ލައްގާފަ!" ނޫމާން ބުނި އަޑުއިވުނެވެ.

އަހަރެންނެއް ނުސިހެއެވެ. ޖޯއްޔަކުން ނުވެސް ތެދުވަމެވެ. ކަންނެތް ގޮތަކަށް ބަލައިލީމެވެ. ނޫމާން ހުރީ މައިނޭވާލެވިފައެވެ. އޭނަ އިންތިޒާރުކުރީ އަހަރެންގެ ހަރަކާތަކަށެވެ. ކުރިޔަށް ވުރެ ބޮޑަށް އަހަރެން ހަމަޖެހިލީމެވެ. ހިތަށްއެރިއެވެ. އެ މުނީރަކީ ހިފިނުހުރެގެން އުޅޭ މީހެކެވެ. ފިސާރި މަވެގެން، ބިރުކުޑަވެގެން އުޅޭ ޒުވާނެކެވެ. ނަތީޖާ ފެނިއްޖެ ނޫން ހެއްޔެވެ؟ އަހަރެންގެ ރައްދުޢަމަލު ފެނިފައި ނޫމާން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނަ އަނެއްކާ ވެސް އަތިރިމައްޗަށް ދުއްވައިގަތެވެ. އޭރު މީހުންގަނޑު ހޯބޯލަވާ އަޑު އަހަންނަށް އިވެއެވެ. އެ މީހުންނަށް ބޮޑުވީ އެ ކަމެވެ. އަހަންނަށް ބޮޑުވެގެން މި އުޅެނީ އާމުދަނީއެއް ނުލިބޭ މައްސަލައެވެ. އެކަމަކު މުނީރު މަރުވީ ކީއްވެގެންބާއޭ ހިތަށްއަރައިފިއެވެ. އޭނައަށް ވީ ކީއްބާއެވެ؟ ޔަގީނުން ވެސް ދިވެއްސަކަށް ދިވެއްސަކު މަރާކަށް ނުކެރޭނެއެވެ.

"މި ތާ ވެސް ނޯވެވުނީ." ޖޯލިން ތެދުވަމުން، ޝަކުވާގެ ރާގަކަށް އަހަންނަށް ބުނެވުނެވެ.

އަހަރެން ތެދުވި ވަގުތު ރުކުން ކާށްޓެއް ވެއްޓުނެވެ. ޖޯލީގައި އޮތް ނަމަ ކާށި ޖެހުނީހީ އަހަރެންގެ ބޮލުގައެވެ. އެކަމަކު އެ ކަމުން ސަލާމަތްވުމުން އަހަރެން ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް ނޭނގުނެވެ. ދެއަތް ފުރަގަހަށް ލައިގެން، ވަރަށް މަޑުމަޑުން އަތިރިއަށް ފޭބީމެވެ. މީހުންތައް އެއްވެފައި އޮތް ތަން އަހަންނަށް ފެނެއެވެ.

"ހަޅޭއްލެވިއްޔާ އޭނަ ދިރޭނެ؟ ނުދިރޭނެ،" ހިތާހިތުން އަހަރެން ބުނީމެވެ. "ގެންގޮސް ހިނެވިއްޔާ މާ ރަނގަޅެއްނު!"

ކުއްލިއަކަށް މީހުންގަނޑު އެއް ފަރާތަކަށް ޖެހުނެވެ. އަހަންނަށް ފެނުނީ މުނީރު އިށީނދެގެން އިން ތަނެވެ. ޔަގީނުން ވެސް އެ ފަހަރު އަހަރެން ސިހުނެވެ. އެންމެ ފަހުން އޭނަ ދިރުނީތާއޭ ހިތަށްއެރިއެވެ. އަހަރެން މާ ކައިރިއަކަށް ނުދަމެވެ. ކުޅިބަލަން ގޮސް ތިބި މީހުންގެ ތެރެއިން އެންމެ ދުރުގައި ހުރީ އަހަންނެވެ. މުނީރު އިނީ އިސްޖަހައިގެންނެވެ. ލައިގެން ހުރި ސޯޓު ނޫން އެއްޗެއް އޭނަގެ ގަޔަކު ނެތެވެ. ގައިގެ ތަންތަން ހުރީ އަވިން ފިހިފައެވެ. ލަފާކުރެވޭ ގޮތުގައި، މީހަކަށް މުނީރު ފެނުނީ އަވިން ހަނާވި ފަހުންނެވެ. މުނީރު ވާހަކައެއް ނުދައްކައެވެ. ސިއްހީ އެހީތެރިޔާ ދުވެފައި އައެވެ. ސިއްހީ މަރުކަޒަށް މުނީރު ގެންގޮސްދިނުމަށް އެދުނެވެ. ބަޔަކަށް އެ ވަރު ވިސްނުނީ އެ ހިސާބުންނެވެ. ދެ މީހަކު އަތުލަފިކޮށްގެން މުނީރު ގެންދިޔައެވެ. އަހަރެން އަނެއްކާ ވެސް ގޮސް ޖޯލީގައި ޖައްސައިލީމެވެ. އެހެން މީހަކާ ދޭތެރޭ ވިސްނާނެ ހަކަތައެއް އަހަރެންގެ ނެތެވެ.

މުނީރާ ބެހޭ ގޮތުން ރަށުތެރޭގައި އެކިއެކި ވާހަކަދެކެވުނެވެ. މޫދަށްއެރިގެން އުޅެނިކޮށް މުނީރު ގައިގައި އެއްޗެއް ހިފީއެވެ. އެކަމަކު އެއީ ކަނޑައެޅިގެން ދޮގެކެވެ. އެ ފަދަ ނިޝާނެއް މުނީރު ގަޔަކު ނެތެވެ. މަސްބާނަން ހުއްޓައި މުނީރު އަނބުރައިގަތީއޭ ވެސް ކިޔެވެ. އެއީ ތެދަކަށް ވެދާނެއެވެ. އެންމެ ހެއްވާ ވާހަކައެއް ދެއްކީ ކުޑަކަތީބެވެ. އޭނަ ބުންޏޭ ކިޔާފައި މީހަކު ބުނި ގޮތުގައި، މުނީރު ރޭގަނޑު މަސްބާނަން ހުއްޓައި ފުރޭތައެއް އަރައި ބެއްދީއެވެ. ގަދަވީ މުނީރެވެ. އެހެނަސް ފަހުން އޭނަ ހޭނެތުނީއެވެ. ގިނަ މީހުންނަށް ކަމުދިޔައީ އެ ވާހަކައެވެ.

މުނީރަށް އިތުރު ފަރުވާދިނުމަށް ޓަކައި މާލެގެންދިޔައެވެ. އޭގެ ފަހުން އޭނަގެ ޚަބަރެއް ނުވެއެވެ. ޚަބަރެއް ހޯދާކަށް އަހަރެން ނުވެސް އުޅެމެވެ. އެ ހާދިސާއެއް ހިނގިތާ ދެ ހަފުތާއެއް ފަހެވެ. އިޝާނަމާދު ނިންމައިފައި އަހަރެން މިސްކިތުގައި މަޑުކޮށްލީމެވެ. ހިތަށްއެރިއެވެ. ދާނެ ތަނެއް، ކުރާނެ ކަމެއް އޮތީއެއް ނޫނެވެ. ކިޔަވާލަން އިންނާނީއެވެ.

"ހާމިދު! ހާމިދު!" މީހަކު ގޮވާ އަޑުއިވުނެވެ.

އަހަންނަށް ހޭލެވުނެވެ. ނިދުނީ ކޮން އިރަކުބާއޭ ހިތަށްއެރިއެވެ. ކައިރީގައި ހުރީ ނަސީމެވެ. ޒަމާންވީ އެކުވެރިއެކެވެ.

"ކަލޭ ކޮން އިރަކު އައީ؟" އަހަރެން އެހީމެވެ.

ނަސީމު ޖަވާބެއް ނުދެއެވެ. މިސްކިތުގައި ވާހަކަދައްކަން އޭނަ ހިތްހަމަނުޖެހުނީކަން ނޭނގެއެވެ. އަހަރެން ގޮވައިގެން މިސްކިތުން ފޭބިއެވެ. އޭނަ ހުރި ގެއަށް އަހަރެން ގެންދިޔައެވެ. ވަރަށް މީރު ޖޫސްތަށްޓެއް ދިނެވެ. ގޯތިތެރޭގައި ހުރި ޖޯލީގައި އަހަރުމެން ލައްކަ އިރު ތިބީމެވެ. އޭނަ ހުރީ ކޮންމެވެސް ކަމަކާ ނުތަނަވަސްވެފައެވެ.

"ހާމިދު ކޮން ކަމަކާ މާ ފިކުރުބޮޑުވެފަ ތި އިންނަނީ؟" ނަސީމު ސުވާލުކުރިއެވެ.

"އަހަރެން މި އުޅެނީ ނަސީމާ ހަމަ ތި ސުވާލުކުރަން،" އަހަރެން ބުނީމެވެ. "ފުރަތަމަ ބުނެބަލަ! ކޮން ކަމަކާ މި ކޮޅަށް އައިސްގެން ތި އުޅެނީ؟"

ވެގެން އުޅޭ ގޮތް ނަސީމު ކިޔައިދިނެވެ. އަހަރެންގެ ރަށާ މާ ދުރު ނޫން ހިސާބެއްގައި ފަޅުރަށެއް އޮވެއެވެ. އެއީ، ނަސީމުގެ އާއިލާއަށް ލިބިފައި އޮންނަ ރަށެކެވެ. ރަށާ ހަވާލުވެގެން އުޅެނީ ނަސީމެވެ. މައްސަލައަކީ، އެ ފަޅުރަށް ބަލަހައްޓައިދޭނެ މީހެއް ނުލިބުނެވެ. ނަސީމަކީ މާލޭގައި ވަޒީފާއަދާކުރާ މާލޭ މީހެކެވެ. އޭނައަކަށް އިރުއިރުކޮޅާ ފަޅުރަށަކަށް ނާދެވޭނެއެވެ. އެހެންވެ މާލޭގެ ކޮންމެވެސް މީހަކާ ރަށް ބަލަހައްޓަން ހަވާލުކުރިއެވެ. ހަފުތާއެއް ނުވެ އެ މީހާ ވަޒީފާދޫކޮށްލިއެވެ. އޭގެ ފަހުން އެ ވަޒީފާގައި މީހަކު ހަރެއްނުލައެވެ. ނަސީމު ބުނާ ގޮތުގައި ސަބަބެއް ނޭނގެއެވެ. އެންމެ ފަހުން ފަޅުރަށާ ހަވާލުވީ މުނީރެވެ. އޭނަ ވަރަށް ރަނގަޅަށް އެ ކަން ކުރިއެވެ. ދެން ފެނުނީ ރަށުގެ އަތިރިމައްޗަށް އޭނަ ވެއްޓިފަ އޮއްވައެވެ. މާލެއިން ފަރުވާކޮށްގެން އޭނަ ރަނގަޅުވިއެވެ. އެކަމަކު، ފަޅުރަށް ބެލެހެއްޓުމަކާ އޭނަ ދެން ހަވާލެއް ނުވިއެވެ. ސަބަބެއް ނުބުނެއެވެ.

"މިހާރު އަނެއްކާ ވެސް މި އުޅެނީ މި ރަށުން މީހަކު ލިބޭތޯ،" ބޯކަހާލައިފައި ނަސީމު ބުންޏެވެ. "ނުލާހިކު ކައިރީގަ ފަޅުރަށް މި އޮތީ. ދަތުރުކުރަން ދޯންޏެއް އޮންނާނެ. ދޭތެރެއަކުން ރަށަށް ޖައްސާލާފަ، ރަށްވަށާ ބުރެއްޖަހާލާފަ އައީމަ ނިމުނީ. ދަރު ލިބޭނެ. ކާށި ލިބޭނެ. ބޭނުން ވަރަކަށް ގެއަަށް ނަގާފަ، އަނެއް ބައި ވިއްކާލާނީ. ކޮންމެވެސް އެއްޗެއް ލިބޭނެތާ! އޭގެ އިތުރަށް، މަހަކު ފަސް ސަތޭކަ ރުފިޔާ. ހާދަ ރަނގަޅު މުސާރައެކޭ އެއީ. އެކަމަކު އަދިވެސް މީހަކު އަތުނުޖެހިގެން މި އުޅެނީ."

އަހަރެން ހިތަށްއެރިއެވެ. ނަސީބު އަތުގައި ހިފީއެވެ. ފަސް ސަތޭކަ ރުފިޔާއަކީ ވަރަށް ބޮޑު އެއްޗެކެވެ. ދެވަނަ ވިސްނުމަކަށް ވެސް ނުގޮސް އަހަރެން ވަޒީފާ ގަބޫލުކުރީމެވެ. ވަޒީފާއިން ވަކި ނުކުރާހައި ހިނދަކު ނުވަތަ އަހަރެންގެ ސިއްހީ ހާލަތު ތަންދޭހައި ހިނދަކު ވަޒީފާގައި ދެމިހުރުމަށް ވެސް އެއްބަސްވީމެވެ. ނަސީމު ވަރަށް އުފާކޮށްފައި، މުސާރައިގެ ފަންސާސް ޕަސަންޓު ހަދިޔާއަކަށް ދީފައި އޭނަ ފުރައިގެންދިޔައެވެ.

އުފާވެރި ޚަބަރާއިގެން އަހަރެން ގެއަށް އައީމެވެ. އަނބިމީހާއާއި އާއިލާއަށް ޚަބަރުދިނީމެވެ. އެންމެން ވެސް އަހަންނަށް މަރުހަބާކިއެވެ. އަހަރެންގެ ކާފަ ފިޔަވައެވެ. އޭނަ ހުރީ ހިތްހަމަނުޖެހިފައެވެ. ރޭގަނޑު އެންމެން ނިދައި ފައިހިލަވަޅު އޮބުނު އިރު، ކާފަ އިނީ އުނދޯލީގައެވެ. އަހަރެން ކޮޓަރިއަށް ވަންނަން ދަނިކޮށް އަހަންނަށް ގޮވިއެވެ. ގެނެސް އުނދޯލީގައި ބޭންދިއެވެ.

"ދަރިފުޅުގެ ހިތް މަރާލާކަށް ނޫން، ބިރުގަންނަވާކަށް ވެސް ނޫން،" މަޑުމަޑުން ކާފަ ބުންޏެވެ. "އެކަމަކު އެ ފަޅުރަށަކީ ފުރޭތައަރާ ރަށެެއް. އެހެންވެގެން އެ ރަށް ބަލަހައްޓާ މީހާ ހަރުނުލަނީ. އެ ކަން ވޭތޯ ހާދަ ބަޔަކު އުޅެފިޔޭ. އަހަރެންގެ ބަހެއް އަހަންޏާ އެ ރަށާ ހަވާލުނުވޭ!"

އަހަންނަކަށް އެ ކަމެއް ނޭނގެއެވެ. އެ ވާހަކަ ގަބޫލެއް ނުވެސް ކުރަމެވެ. ފުރޭތައެރުމަކީ ބޯދާ ވާހަކައެވެ. ފުލޯކެވެ. ކަނޑުގައި އުޅޭ އެއްޗެހީގެ ތެރެއިން، ނަން ނޭނގޭ ކޮންމެ އެއްޗަކަށް މީހުން ފުރޭތަ ކިޔައެވެ. އަނެއްކޮޅުން އަހަރެންގެ އަތްމަތި ވަރަށް ދައްޗެވެ. ލިބުނު ފުރުސަތު ދޫކޮށްލައިގެން އަހަންނަކަށް ދެކޮޅެއް ނުޖެއްސޭނެއެވެ. އެކަމަކު ކާފަޔާ އިދިކޮޅުހަދާކަށް ނުކެރުނެވެ.

"އަހަރެން ތި ކަމާ ވިސްނާނަން." އަހަރެން ބުނީމެވެ.

ވަޒީފާގެ ފުރަތަމަ ދުވަހެވެ. އަހަރެން ފަޅުރަށަށް މިސްރާބުޖެހީމެވެ. ދޯނި ދުއްވަނީ ރިޔަލުގެ އެހީގައެވެ. ރަށަށް ދެވެނީ ފަންސާހަކަށް މިނެޓުންނެވެ. އެއީ ރުއްގަސް ގިނަ، ވަރަށް ދިގު ރަށެކެވެ. ރަށުގެ އެއް ފަރާތުގައި އޮންނަނީ އާނުގަނޑެކެވެ. ވަރަށް ގާ ގިނައެވެ. އަނެއް ފަރާތުގައި އޮންނަނީ ހިތްގައިމު ދޮންވެލިގަނޑެވެ. ބޮޑު ތުނޑިއެއް އޮވެއެވެ. އެ ފަރާތުގައި އެންމެ ގާކޮޅެއް ވެސް ނޯވެއެވެ. ފަޅުރަށަށް އަރައި، ރުއްގަސްތައް ބަލައިލީމެވެ. ބައެއް ސާމާނު އެއްކޮށްލައި، ކުޑަކޮށް އަރާމުކޮށްލަން ތުނޑީގައި ޖައްސައިލީމެވެ. އެނބުރި ރަށަށް އައީ ހަވީރުއެވެ. އައި އިރު ކުރުނބަޔާއި، ކާށްޓާއި، ދަރު ގެނައީމެވެ. ބައެއް ވިއްކައިފައި، ބައެއް ގެއަށް ނެގީމެވެ. އެއީ އެއްބަސްވެވިފައި އޮތް ގޮތެވެ.

ހަފުތާއަކު އަހަރެން ފަސް ދަތުރުކުރަމެވެ. ބައެއް ދުވަސްދުވަހު ހަވީރު ފަހެއް ޖަހަންދެން ވެސް ފަޅުރަށުގައި ހުންނަމެވެ. ބިރުވެރި އަޑެއް ނީވެއެވެ. ފުރޭތައެއް ނުވަތަ އިފުރީތަކާ ވެސް ދިމައެއް ނުވެއެވެ. ތިން ހަފުތާ ވެއަތުވިއެވެ. އެއް ދުވަހަކު ފަޅުރަށަށް ގޮސްފައި، ހަވީރު އެނބުރި ރަށަށް ދާންވެގެން ދޯންޏާ ދިމާއަށް ހިނގައިގަތީމެވެ. އާންމުކޮށް އަހަރެން ހިނގަނީ ރަށުގެ ދޮންވެލިގަނޑު އޮންނަ ފަރާތުންނެވެ. އޭރު ގަޑިން ހަތަރުގަޑި ބައި ވެދާނެއެވެ. ދޯންޏަށް އަރައިފައި އަހަރެންގެ ރަށާ ދިމާއަށް ދޯނި އަނބުރައިލީމެވެ. އެ ވަގުތު، ފަޅުރަށުގެ ތުނޑިން އެއްޗެއް ހަރަކާތްކުރިހެން އަހަންނަށް ހީވިއެވެ. ރަނގަޅަށް ބަލައިލީމެވެ. ހީވީ ރަނގަޅަށެވެ.

ނުނިމޭ