އޮބާމަޔަންގެ ދެ ލަނޑުން މޮޅުވެ، ބާސާ ދެވަނަ ޔަގީން ކުރުމާ ގާތަށް
އޮބާމަޔަންގެ ދެ ލަނޑުން މޮޅުވެ، ބާސާ ދެވަނަ ޔަގީން ކުރުމާ ގާތަށް

ބާސެލޯނާ (މެއި 11) - ސްޕެނިޝް ލަ ލީގާ ގައި ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ސެލްޓަ ވީގޯއާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބުކޮށް، ލީގުގެ ދެވަނަ ޔަގީންކުރުމާ ގާތަށް ޖެހިލައިފި އެވެ.

އޮބާމަޔަންގެ ދެ ލަނޑުން މޮޅުވެ، ބާސާ ދެވަނަ ޔަގީން ކުރުމާ ގާތަށް
އޮބާމަޔަންގެ ދެ ލަނޑުން މޮޅުވެ، ބާސާ ދެވަނަ ޔަގީން ކުރުމާ ގާތަށް

އުސްމާން ޑެމްބެލޭ ދިން ބޯޅައަކުން މެޗުގެ ފުރަތަމަ ލަނޑު ބާސެލޯނާ އަށް ޖަހައިދިނީ މެމްފިސް ޑިޕާއި އެވެ. އޭގެ އިރުކޮޅެއް ފަހުން ސެލްޓާގެ ތިއާގޯ ގަލާޑޯ ފޮނުވާލި ހަމަލާއެއް ގޯލު ތިރީ ކަނާ ދިމާލަށް ފޮނުވާލުމުން ކީޕަރު މާކް އަންޑްރޭ ޓާ ސްޓޭގަން ވަނީ ދިފާއު ކޮށްފަ އެވެ.

އޮބާމަޔަންގެ ފުރަތަމަ ލަނޑު ޖެހީ 41 ވަނަ މިނެޓްގަ އެވެ. ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފު ފެށިގެންގެ ތިންވަނަ މިނިޓުގައި ޑެމްބެލޭ ދިން ޕާހަކުންނެވެ. މިއީ އޭނާ ލީގުގައި މިހާތަނަށް ޖެހި 11 ވަނަ ލަނޑެވެ.

ސެލްޓާގެ ހަމައެކަނި ލަނޑު އިއާގޯ އަސްޕާސް ޖެހީ 50 ވަނަ މިނިޓުގަ އެވެ. މިއީ ޓާ ސްޓޭގަން އާއި ރޮނާލްޑް އަރައުހޯއާ ދެކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޖެހި ލަޑެކެވެ.

މެޗުގެ 60 ވަނަ މިނިޓުގައި ބާސެލޯނާގެ އަރައުހޯ އާއި މިޑްފީލްޑަރު ގަވީއާ ދެކުޅުންތެރިން ޖެހި އަނިޔާވުމުން ވަނީ ދަނޑުމަތީގައި ގަވީ އަށް ފަރުވާ ދިނެވެ. އަރައުހޯ ގެންދެވުނީ ހޮސްޕިޓަލަށެވެ. އެވެ. މަތިން އައި ބޯޅައަކަށް ދެ ކުޅުންތެރިން އެރި ވަގުތު ބޯ ޖެހިގެން ގަވީ ވަގުތުން ދަނޑުމައްޗަށް ވެއްޓުނުއިރު، އަރައުހޯ ވެއްޓުނީ ވިއްސަކަށް މީޓަރަށް ޑިފެންސަށް ފޭބި ފަހުންނެވެ.

އަރައުހޯ އަށް 10 ވަރަކަށް މިނިޓު ފަރުވާ ދިނުމަށް ފަހު ޖެހުނީ އެމްބިއުލާންސުގައި ހޮސްޕިޓަލަށް ގެންދާށެވެ. ނަމަވެސް މެޗަށް ފަހު ކޯޗު ޒަވީ ހެނާންޑޭޒް ބުނީ، އަރައުހޯގެ ހާލު މިހާރު ރަނގަޅު ކަމަށާއި، ވަރަށް އަވަހަށް އޭނާ ހޮސްޕިޓަލުން ގެއަށް ދޫކޮށްލާނެ ކަމަށެވެ.

"ފުރަތަމަ އަހަރެމެން ވަރަށް ބިރުގަތް، އެކަމަކު ފަހުން ޑޮކްޓަރު ބުނީ ނުރައްކަލެއް ނެތޭ، އޭނާ ހޭ އަރައިފިއޭ. މިރޭ އޭނާ ހޮސްޕިޓަލުގައި އޮވެފައި މާދަމާ ގެއަށް ދޫކޮށްލާނެކަމަށް އުންމީދުކުރަނީ،" ޒަވީ ބުންޏެވެ.

އަރައުހޯ ވަނީ މީގެ ދެ ހަފްތާ ކުރިން ބާސެލޯނާއާ އެކު 2026 އާހަމައަށް މަޑުކުރަން އޭނާގެ ކޮންޓްރެކްޓް އާކޮށްފަ އެވެ. އަދި ބާސެލޯނާއިން އޭނާގެ ރިލީޒް ކްލޯސް އަކަށް ހަމަޖެއްސީ އެއް ބިލިއަން ޔޫރޯ އެވެ.

މެޗުގައި ސެލްޓާގެ ޑިފެންޑަރު ޖެއިސަން މުރީލޯ އަށް ވަނީ ޑިޕާއި މުޅިން ހުސްކޮށް އޭރިއާތެރެއަށް ވަންނަން ދަނިކޮށް އޭނާ ވައްޓާލުމުން ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.

މި ނަތީޖާއާ އެކު ބާސެލޯނާ ދެވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން ތިންވަނައިގައި އޮތް ސެވިއްޔާ އަށް ވުރެ ހަތް ޕޮއިންޓް ކުރީގަ އެވެ. ބާސެލޯނާ އަށް 72 ޕޮއިންޓް ލިިފައި ވާއިރު، ސެވިއްޔާ އަށް ލިބެނީ 65 ޕޮއިންޓެވެ.

ލީގުގައި ބާސެލޯނާ އަށް ދެން އޮތީ ދެ މެޗެވެ. އެއީ އާދިއްތަ ދުވަހުގެ ރޭ ގެޓާފޭއާ ދެކޮޅަށް ކުޅޭ މެޗާއި، އެއަށް ފަހު އަމިއްލަ ދަނޑުގައި ވިޔަރެއާލާ ދެކޮޅަށް ކުޅޭ މެޗެވެ. ގެޓާފޭއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކުރެވިއްޖެ ނަމަ ބާސެލޯނާ އަށް ލީގުގެ ދެވަނަ ޔަގީން ވާނެ އެވެ. ރެއާލް މެޑްރިޑް ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރު ކޮށްފަ އެވެ.