11 މެއި 2022 - 13:08

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އިތުރު ހަތް ބިމެއްގައި މެދު ފަންތީގެ ފްލެޓުތައް އަޅައިދޭނެ ބަޔަކު ހޯދަން އެޗްޑީސީން ރޭ އިއުލާނުކޮށްފި އެވެ.
އެ ކުންފުނިން ކުރި އިއުލާނުގައި ބުނީ 26،400 އަކަފޫޓާއި 34،543 އަކަފޫޓާ ދެމެދުގެ އެ ބިންތަކުގައި ފްލެޓް އަޅަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 23ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ.
ބިންތަކުގެ ތެރެއިން ފަސް ބިމުގެ އަކަފޫޓެއް ވިއްކޭނެ އެންމެ ދަށް އަގަކީ 2،451ރ. އެވެ. ދެ ބިމެއްގެ އަކަފޫޓު ވިއްކޭނެ އެންމެ ދަށް އަގަކީ އަކަފޫޓެއް 2،530ރ. އެވެ.
އިއުލާނުގައިވާ ގޮތުން، ފްލެޓުތަކުގައި ދެ ކޮޓަރިއާ ތިން ކޮޓަރީގެ އެޕާޓްމަންޓް ހުންނަން ޖެހޭނެ އެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުގައި މަދުވެގެން 700 އަކަފޫޓު އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި މަދުވެގެން 900 އަކަފޫޓު ހުންނަން ޖެހެ އެވެ.
ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ 60 ޕަސެންޓް، 1.5 މިލިއަން ރުފިޔާގައި ހިފަހައްޓަންޖެހޭއިރު، ތިން ކޮޓަރީގެ ތަންތަން 2.5 މިލިއަން ރުފިޔާއަށް ބޮޑުވެގެން ނުވާނެ ކަމަށް އިއުލާނުގައި ބުންޏެވެ.
ސާދަ ބުރިއަށް ހަދަން ހަމަޖައްސާފައިވާ ފްލެޓުތަކުގައި މުޅި ޖުމްލަ 900 އެއްހާ ޔުނިޓު ހުންނާނެ އެވެ.
އެޕާޓްމަންޓުތަކުގެ ސިވިލް މަސައްކަތްތަކުގެ 20 ޕަސެންޓް ނިމުމުން ޕްރީ-ސޭލަށް ހުޅުވާލުމުގެ ހުއްދަ ދޭއިރު، ބުކިން ހެއްދޭނީ ޕްރީ-ސޭލްގެ ހުއްދަ ލިބުމުން ކަމަށް އިއުލާނުގައި ބުންޏެވެ. ބުކިން ފީގެ ގޮތުގައި ގިނަ ވެގެން ނެގޭނީ 50،000ރ. ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
އިއުލާނުގައި ބުނީ ގިނަވެގެން ތިން ލޮޓަށް ޕްރޮޕޯޒަލް ހުށަހެޅޭނެ ކަމަށެވެ. އަދި ބިން ހަވާލުކުރާތާ ދެ އަހަރުގެ ތެރޭގައި ނިންމާފައި ހުރި ޔުނިޓުތައް އެޗްޑީސީއާ ހަވާލުކުރަންޖެހޭނެ އެވެ.
ފްލެޓުތަކުގެ ގްރައުންޑު ފްލޯގައި ވިޔަފާރިއާ އެކި ބޭނުންތައް އަދި ފުރަތަމަ ފްލޯގައި ވިޔަފާރިއާ ޕާކިންނަށް ހާއްސަކޮށްފައިވެ އެވެ. މީހުން ދިރިއުޅޭ ޔުނިޓުތައް ހުންނާނީ ދެ ވަނަ ފްލޯއިން ފެށިގެން 14 ވަނަ ފްލޯއަށެވެ.
އެޗްޑީސީން މިދިޔަ މަހުގެ ފަހުކޮޅު ވެސް ވަނީ 10 ބިމެއްގައި އެޕާޓްމަންޓް ބިލްޑިން އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.