ސަންދީޕްގެ ހަޔާތަށް ނެރޭ ފިލްމު، "މޭޖާ" ގެ ޓްރެއިލާ
ސަންދީޕްގެ ހަޔާތަށް ނެރޭ ފިލްމު، "މޭޖާ" ގެ ޓްރެއިލާ

އިންޑިއާގެ ސިފައިންގޭގައި މަސައްކަތްކުރަމުން އައި ސަންދީޕް އުނިކްރިޝްނަންގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމު، "މޭޖާ" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

އެ ފިލްމުގެ ޓްރެއިލާ ސޯޝަލް މީޑިއާގައި އާންމުކުރީ ބޮލީވުޑްގެ ތަރި ސަލްމާން ހާނެވެ. ތެލޫގޫ ތަރި، އަދިވީ ސެޝް ލީޑް ރޯލުން ފެނިގެންދާ އެ ފިލްމު، ނެރޭނީ ހިންދީ އާއި ތެލޫގޫ އަދި މަލަޔާލަމް ބަހުންނެވެ.

އެ ފިލްމަކީ 2008 ވަަނަ އަހަރު މުމްބާއީއަށް ދިން ހަމަލާއެއްގައި ޓެރަރިސްޓުންނާ ދެކޮޅަށް ހަމަލާދެމުންދަނިކޮށް މަރުވި ސަންދީޕްގެ ހަޔާތަށް ނެރޭ ފިލްމެކެވެ.

ސަލްމާން ހާނު އޭނާގެ އިންސްޓަގްރާމު މެދުވެރިކޮށް ޓްރެއިލާ ނެރުމަށް ފަހު ބުނީ އެ ޓްރެއިލާ ލޯންޗް ކުރުމުގެ ފުރުސަތު ލިބުމުން އުފާވާ ކަމަށެވެ. އަދި އެ ފިލްމަކީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށް ބުނެ އޭނާ ވަނީ ފިލްމުގެ މަސައްކަތުގައި ހިމެނޭ ޓީމަށް ކާމިޔާބަށް އެދިފަ އެވެ.

ޖޫން ތިނެއްގައި ނެރޭ ގޮތަށް އޮތް އެ ފިލްމުގެ ޓްރެއިލާ އާންމުކޮށް ސަލްމާން ބުނީ "ފުރާނަ ދިނަސް ގައުމު ނުދޭނެ" ކަމަށެވެ.

ފިލްމުގެ ތެލޫގޫ ޓްރެއިލާ އާންމުކުރީ ފިލްމު ޕްރޮޑިއުސްކުރާ މަޝްހޫރު ތަރި މަހޭޝް ބާބޫ އެވެ. އަދި ގައުމު އަނދިރި ހާލަތެއްގައި އޮއްވާ ގައުމު ސަލާމަތްކޮށްދިން ހީރޯއެެއްގެ ވާހަކަ ގެނެސްދިނުމަށް ފަހުރުވެރިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ސަޝީ ކިރަން ތިއްކާ ޑައިރެކްޓްކުރާ އެ ފިލްމުގައި ސައީ މަންޖްރެކާރާއި ސޮބިތާ ދުލިޕަލާ އަދި މުރާލީ ޝަރްމާ ވެސް މުހިއްމު ރޯލަކުން ފެންނާނެ އެވެ.