11 މެއި 2022 - 07:38

ބޮލީވުޑްގެ ކުރީގެ ތަރި، ޝަރްމީލާ ތަންގޯރު، 11 އަހަރު ފަހުން ބޮލީވުޑަށް އެނބުރި އަންނަން ނިންމައިފި އެވެ.
އުމުރުން 75 އަހަރުގެ ޝަރްމީލާ ބޮލީވުޑުގެ މަސައްކަތްތަކާ އަލުން ގުޅޭ ފިލްމަކީ "ގުލްމޯހަރު" އެވެ. އެ އާއިލީ ކަންތައްތަކެއް ދައްކުވައިދޭ އެ ފިލްމުގައި ސަރްމީލާގެ އިތުރުން ފެންނާނީ މަނޯޖް ބަޖްޕަޔީ އާއި ސޫރަޖް ޝަރްމާ އާއި އަމޯލް ޕަލޭކަރާއި ސިމްރަން ބައްގާ އެވެ.
އެ ފިލްމުގެ ޝޫޓިންތައް މިހާރު އެއްކޮށް ނިމިފައިވާއިރު އެ ފިލްމު ރިލީޒްކުރާނީ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
ޝަރްމީލާ ބުނީ އެތައް އަހަރެއް ފަހުން ފިލްމީ ދާއިރާގެ މަސައްކަތުގައި ހޭދަކުރުމަކީ ލިބުނު އުފަލެއް ކަމަށެވެ. ފިލްމުގެ ސްކްރިޕްޓް އަޑު އެހި ގޮތަށް އެެ ފިލްމުގައި މަސައްކަތްކުރަން ނިންމީ ކަމަށާއި މިއީ ގޭގެ ސިޓިންރޫމްގައި އާއިލާގެ މެމްބަރުންނާ އެކު ވެސް ތިބެގެން ބަލައި މަޖާކޮށްލެވޭނެ ފިލްމެއް ކަމަށް އޭނާ ބުންޏެވެ.
ސައިފް އަލީ ހާންގެ މަންމަ، ޝަރްމީލާއަކީ ފަސްދޮޅަހުގެ އަހަރުތަކުގައި ބޮލީވުޑްގައި ނަން މަޝްހޫރު ތަރިއެކެވެ. ޝަރްމީލާގެ އެންމެ އައިކޯނިކް ފިލްމުތަކުގެ ތެރޭގައި ހިމެނެނީ "އަރާދަނާ" އާއި "ޗުޕްކޭ ޗުޕްކޭ" އާއި "އަމަރް ޕްރޭމް" އަދި "މޯސަމް" ކަހަލަ ފިލްމުތަކެވެ. އެންމެ ފަހުން އޭނާ ފެނުނީ އިމްރާން ހާނާއި ދީޕިކާ ޕަދުކޯނާ އެކު 2010 ގައި ނެރުނު، "ބްރޭކް ކޭ ބާދު" އިންނެވެ.