10 މެއި 2022 - 18:27

އެއް އާއިލާއެެއްގެ ހަ ކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލުމާ އެކު އަނެއްކާވެސް ފުލުހުން އެ މީހާ ދެންމެ ހައްޔަރުކޮށްފި އެވެ.
އެ ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިދިޔަ މަހުގެ ކުރީކޮޅު ހައްޔަރުކުރީ 55 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް ދީފައިވަނިކޮށް ބަންދު ރިވިއުއަށް ގެންދިއުމުން އިއްޔެ ދޫކޮށްލީ ޝަރުތުތަކަކާ އެކުގަ އެވެ.
އޭނާ ބަންދުން ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި ޕީޖީ އޮފީހުން މައްސަލައާ ގުޅޭ ގޮތުން ދޭ ލިޔުން ބަންދު ރިވިއުގައި އާ ލިޔުމެއްގެ ގޮތުގައި ހުށަހަޅަން ޖެހުން ކޯޓުން ފާހަގަކޮށްފައިވާ ކަމަށްވެ އެވެ. އެކަމަކު ބަންދު އަމުރު ދެމެހެއްޓުމާއި ރިވިއުކުރުމުގައި ވެސް މައްސަލަ ބަލަން ފެށުމާ އެކު ފުރަތަމަ ދޭ ލިޔުމަށް މީގެ ކުރިން ބަލާފައިވެ އެވެ.
ކޯޓުން އޭނާ ދޫކޮށްލުމާ އެކު ފުލުހުން ވަނީ އޭނާ ހައްޔަރުކުރުމަށް އަލުން ކޯޓު އަމުރެއް ހޯދައިފަ އެވެ. އަދި މީގެ ކުޑައިރުކޮޅެއް އެމީހާ ދިރިއުޅޭ ގެއަށް ގޮސް އޭނާ ހައްޔަރުކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ.
އާއިލާ އިން ކުރިން "މިހާރު" އަށް ބުނި ގޮތުގައި އެމީހާ ކޯޓުން ދޫކޮށްލީ ހެކި ވެސް ހުށަހަޅާފައިވަނިކޮށެވެ. އެކުދިންނަށް އެމީހާ 2017 ވަަނަ އަހަރާ ހަމަައަށް އެކި ގޮތްގޮތަށް ޖިންސީ ގޯނާކުރި ކަމަށްވެ އެވެ.
ކުދިންގެ ބަރަހަނާ ފޮޓޯ ނަގައި، ބްލެކްމެއިލްކޮށް ޖިންސީ އެކި އަނިޔާތައް ދިން ކަަމަށް އެތަނުން ކުއްޖަކު ކައުންސެލިން ސެޝަނެއްގައި ކިޔައިދިނުމުން އެކަން ފުލުހަށް ރިޕޯޓްކުރީ ކައުންސެލަރެވެ. އަދި ހަ ކުދިންނަށް ބެހުނުކަން އާއިލާއަށް ވެސް އެނގުނީ އެ ހިސާބުންނެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން އެ ތުހުމަތުކުރާ މީހާގެ ގެ ބަލައި ފާސްކުރިއިރު އެ ގެއިން ގެންދިޔަ ޕެންޑްރައިވްގައި ކުދިންގެ ބަރަހަނާ ފޮޓޯ އެބަހުރި ކަމަށް އާއިލާ އިން ބުނެ އެވެ. ކޯޓުން އޭނާ ދޫކޮށްލީ އެވެސް ހުށަހަޅާފައިވަނިކޮށް ކަމަށް ކުދިންގެ އާއިލާއިން ބުނެ އެވެ.
ކުދިންނަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރާ މީހާއަކީ އެ ކުދިންގެ ޅިޔަނެކެވެ.
އޭނާ އަލުން ހައްޔަރުކުއިއިރު ދައުލަތުން ވަނީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން ވެސް ނިންމައިފަ އެވެ.