ޝަރަފާއި ފަޒީލް ތަމްރީނަށް މޮރޮކޯ އަށް ފޮނުވަނީ
ޝަރަފާއި ފަޒީލް ތަމްރީނަށް މޮރޮކޯ އަށް ފޮނުވަނީ

ރާއްޖޭގެ ހާފް މެރެތަން ގައުމީ ރެކޯޑް ހަދާފައިވާ އަހުމަދު ޝަރަފް އަދި މިޑްލް ޑިސްޓެންސް ދުވުމުގައި ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ހުސެއިން ފަޒީލް ހާރޫނަށް މޮރޮކޯގައި ތަމްރީން ހެދުމުގެ ފުރުސަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދީފި އެވެ.

މީގެ ތެރެއިން ޝަރަފް މިހާތަނަށް އައީ ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުގެ ސްކޮލަޝިޕެއްގެ ދަށުން އިތިއޯޕިއާ އާއި މޮރޮކޯގައި ތަމްރީން ހަދަމުންނެވެ. އެކަމަކު ކޮމަންވެލްތުން ވަކިވާން ރާއްޖޭން ނިންމުމުން އެ ފުރުސަތު ޝަރަފަށް ގެއްލުނީ އެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ އޮލިމްޕިކް ކޮމިޓީގެ ހަރަދުގައި ޝަރަފުގެ އިތުރުން ފަޒީލް ވެސް އެއް އަހަރަށް މޮރޮކޯ އަށް ފޮނުވަން ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ. އަންނަ މަހުގެ 2 ވަނަ ދުވަހު މޮރޮކޯ އަށް ފުރަން ހަމަޖެހިފައިވާއިރު އެއް އަހަރު ހަމަވުމުން މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް މަރުޒޫގު ވިދާޅުވި އެވެ.

މެރެތަން ތަމްރީންތަކުގައި ދުނިޔޭގެ އެންމެ ކުރީގައި އޮތް އެއް ގައުމު ކަމަށްވާ އިތިއޯޕިއާ އަށް އަލުން ނުފޮނުވަން ނިންމީ، އެ ގައުމުން ހަމަޖެހުުނު ތަމްރީން ސެންޓަރާ އެތުލީޓުން ތިބޭ އެކޮމަޑޭޝަން ބްލޮކާ ދުރުދުރުގައި ހުރުމުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވާނެތީ އެވެ.

އިތިއޯޕިއާ އަދި މޮރޮކޯގައި ފުރިހަމަކުރި ތަމްރީންތަކާ އެކު ޝަރަފް ވަނީ މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ހާފް މެރެތަން ރެކޯޑް މުގުރާލައިފަ އެވެ. އަދި 27 އަހަރުވެފައިވާ ފުލް މެރެތަން ރެކޯޑް މުގުރާލުމާ ދެ މިނެޓް ގާތަށް ދިޔަ އެވެ.

މީގެ ފަސް އަހަރު ކުރިން ދުވުމުގެ ތެރެއަށް ވަން ޝަރަފް ވަނީ 2013 ވަނަ އަހަރުގެ ޕުކެޓް މެރެތަންގެ އުމުރުފުރާގެ ކެޓަގަރީން ތިން ވަނަ ހޯދައިފަ އެވެ. އަދި އޭނާ ވަނީ 2014 ވަނަ އަހަރުގެ ގައުމީ ހާފް މެރެތަން ޗެމްޕިއަންޝިޕުންނާއި މިޑްނައިޓް ރަންގެ ހާފް މެރެތަން އިން ދެ ވަނަ ހޯދައިފަ އެވެ.

މި އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި ވިދާލި ފަޒީލް ވަނީ އެ މުބާރާތުގެ 5000 މީޓަރު، 800 މީޓަރު އަދި 1500 މީޓަރު ދުވުމުން އެއް ވަނަ ހޯދައި އަދި މި އަހަރުގެ ރެޑްބުލް ކެޗް ދަ ފެރީ ރޭސް ވެސް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ފަސް ކިލޯމީޓަރު ދުވުމުގެ ރެކޯޑް އޭނާ ވަނީ މި އަހަރުގެ ދިރާގު ރޯޑްރޭހުގައި، 27 އަހަރަށް ފަހު މުގުރާލައިފަ އެވެ.