27 ޑިސެމްބަރ 2016 - 06:17

އާމިރު ޚާންގެ ރެސްލިން ފިލްމު "ދަންގަލް" އިންޑިޔާ އާއި ބޭރު ގައުމުތަކުގެ ބޮކްސް އޮފީސްތަކުގައި ވަރަށް ބޮޑު ކާމިޔާބީތަކެއް ހޯދަމުން އެބަދެ އެވެ. ފުރަތަމަ ދެ ދުވަހުގެ ތެރޭ މި ފިލްމު 64.60 ކްރޯޑު (646 މިލިއަން ރުޕީސް) އިންޑިޔާއިން އެކަނި ހޯދި އެވެ. މި އަހަރު ރިލިޒްކުރި ފިލްމުތަކުގެ ތެރެއިން މިއަށް ވުރެ ގިނައިން ލިބުނީ ސަލްމާން ޚާންގެ "ސުލްތާން" އަށް އެކަންޏެވެ. އެ ފިލްމަށް ދެ ދުވަހުގެ ތެރޭ 73.7 ކްރޯޑު (737 މިލިއަން ރުޕީސް) ލިބުނެވެ.
އިންޓަނޭޝަނަލް މާކެޓުގައި އާމިރުގެ ފިލްމު ހިނގުން ވަރަށް ރަނގަޅެވެ. ބޭރުގެ ބައެއް ގައުމުތަކުގައި ފިލްމު ރިލީޒްކުރީ އިންޑިއާ އަށް ވުރެ އެއް ދުވަސް ކުރިން ކަމަށް ވާތީ ތިން ދުވަހުގެ ވިޔަފާރި މިހާރު ވަނީ އެނގިފަ އެވެ. އެގޮތުން އެ މުއްދަތުގައި 6.6 މިލިއަން ޑޮލަރު ލިބުނެވެ.
ފިލްމު އެންމެ ރަނގަޅަށް ހިނގި ގައުމުތަކުގެ ތެރޭގައި ގަލްފުގެ ގައުމުތަކާއި ނޯތު އެމެރިކާ އަދި އިނގިރޭސި ވިލާތައި އޮސްޓްރޭލިޔާ ހިމެނެ އެވެ.