10 މެއި 2022 - 13:01

ގއ. ގެމަނަފުށީ ސްކޫލުގައި އޯލެވެލް ހަދާ ދަރިވަރަކު އޭނާ ނުކިޔަވާ މާއްދާއެއްގެ ޓެސްޓް ހަދަން ޖެހުނު މައްސަލަ ބޮޑުވެފައިވަނިކޮށް، އެ ކުއްޖާ ކިޔެވި މާއްދާ އިން އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު އެ ސްކޫލުން ދީފި އެވެ.
މިދިޔަ ބުދަ ދުވަހު ފެށި އޯލެވެލް އިމްތިހާނުގައި އެ ދަރިވަރު ބައިވެރިވީ މެރިން ސައިންސްގެ މާއްދާގަ އެވެ. ބަޔޮލޮޖީ އާއި ޕިޒިކްސް މާއްދާ ދޫކޮށްލި ނަމަވެސް ސްޓޭޓްމެންޓް އޮފް އެންޓްރީ ލިބުނުއިރު މެރިން ސައިންސްގެ ބަދަލުގައި އޮތީ ފިޒިކްސް ޓެސްޓްގައި ބައިވެރިވާން ޖެހޭ ގޮތަށެވެ.
އެ މައްސަލަ ފޭސްބުކްގައި ހިއްސާކޮށް، އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް މިއަދު ހެނދުނު 11 ޖަހާކަންހާއިރު، ދަރިވަރަށް ސްކޫލުން ފޮނުވި ސިޓީގައި ވަނީ މިއަދު މެންދުރު 1:30 ގައި މެރިން ސައިންސް ޓެސްޓުގައި ބައިވެރިވުމަށް ސްކޫލަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
ޓެސްޓްގައި ބައިވެރިވުމުގެ ފުރުސަތު ސްކޫލުން ދިން އިރު، އެންމެ ފުރަތަމަ އެ މައްސަލަ ހިފައިގެން ދިއުމުން ސްކޫލުން ބުނެފައި ވަަނީ އެ ތަނުގެ މައްސަލައެއް ނޫޅޭ ކަމަށެވެ.
އެ ކަމަކު ދަރިވަރު ބުނާ ގޮތުގައި އެ މައުލޫމާތު ސްކޫލުގެ ލީޑިން ޓީޗަރާއި އެހެން ޓީޗަރުންނަށް ވެސް އެނގޭނެ އެވެ.
އެ މައްސަލައާ ގުޅިގެން ދަރިވަރު ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނަށް ގުޅައިގެން ވެސް މެރިން ސަައިންސް އިމްތިހާނުގައި ބައިވެރިވެވޭނެ ގޮތެއް ހަދައިދޭން އެދިފަ އެެވެ.
ދަރިވަރު އާންމުކުރި ޕޯސްޓުގައި ބުނީ ޕިޒިކްސް ދޫކޮށްލުމަށް ފަހު، އެ ކްލާހަށް ނުދާތާ ތިން މަސް ވެފައިވާއިރު ޓެސްޓް ހަދާނެ ގޮތެއް ވެސް ނޭނގެ ކަމަށެވެ.
މެރިން ސައިންސްގެ ކްލާސްތަކަށް ހާޒިރުވިއިރު އެއީ "އޮޅުމެއް" ނަމަ އެ ކަން ޓީޗަރުން އޭނާ އަށް ނޭންގުމަކީ ދަރިވަރު އުފައްދާ ސުވާލެކެވެ.