ބަރަހަނާ ހާލުގައި އޮއްވައި ހައްޔަރުކުރި ޒިޔާދު ދޫކޮށްލައިފި
ބަރަހަނާ ހާލުގައި އޮއްވައި ހައްޔަރުކުރި ޒިޔާދު ދޫކޮށްލައިފި

ހަތިމަށް ކުޅުޖެހި މައްސަލައެއްގައި ކުރިން ހައްޔަރުކުރި މީހާ، އާންމު ތަނެއްގައި ބަރަހަނާ ހާލުގައި އޮއްވައި ހައްޔަރުކުރުމަށް ފަހު، ބަންދުން ދޫކޮށްލައިފި އެވެ.

ހ. ޝޭޑީހޯމް ހަސަން ޒިޔާދު, 40 އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.

''މިހާރު'' އަށް އެނގިފައިވާ ގޮތުގައި އޭނާ އެންމެ ފަހުން ހައްޔަރުކުރީ މާލޭގެ މަސްވެރިންގެ ޕާކް ސަރަހައްދުގައި ބަރަހަނާ ހާލުގައި މޫދުގައި އޮއްވަ އެވެ.

ޒިޔާދު ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމުގެ ހުއްދަ ހޯދުމަށް ފުލުހުން ކްރިމިނަލް ކޯޓަށް ދިއުމުން ދިނީ 15 ދުވަހެވެ. އޭނާ ބަންދުކުރަން ނެރުނު ކޯޓު އަމުރުގައިވާ ގޮތުން ކުށުގެ ތުހުމަތުކުރެވޭ ވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅައިފަ އެވެ.

ޒިޔާދުގެ ބަންދުގެ މުއްދަތު މި މަހުގެ ހަތްވަނަ ދުވަހަށް ހަމަވިއިރު ވެސް ބަންދާ މެދު އިތުރު ގޮތެއް ނިންމަން ފުލުހން އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުު ނުކުރާ ކަމަށް އެ ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.

ހަތިމަށް ކުޅު ޖެހުމުގެ އިތުރުން ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒާއި ރައީސް އޮފީހުގެ ދޮރުމައްޗަށް ކުޑަކަމުގޮސްގެން ކުރިން ދެ ފަހަރެއްގެ މަތިން ޒިޔާދު ހައްޔަރުކުރި އެވެ. އަދި މިދިޔަ ރޯދަމަހު ވައްކަމުގެ މައްސަލައެއްގައި ވެސް ހައްޔަރުކުރި އެވެ.

ޒިޔާދަކީ ނަފުސާނީ ބަލި ހުންނަ މީހެއް ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ. އަދި އޭނާއަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެއް ކަމަށް ޒިޔާދު ވެސް ކޯޓުގައި ބުންޏެވެ. އެކަމަކު، ޒިޔާދަކީ ނަފުސާނީ ބަލީގެ މީހެއްކަން ފާހަގަ ކުރެވިފައިނުވާ ކަމަށާއި އޭނާ އަށް ބޭނުންވަނީ މަސްތުވާތަކެތީގެ ފަރުވާ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.