10 މެއި 2022 - 11:20

މާލޭގައި ވަޅި ހެރުން މައިތިރިވެފައި އޮންނަތާ ގިނަ ދުވަސްތަކަކަށް ފަހު މިދިޔަ ހަފުތާގައި މާރާމާރީތަކެއް ހިންގީ ގްރޫޕެއްގެ ލީޑަރަކު މަގުމަތިން ހުއްޓުވުމުން އޭނާގެ ގަދަރަށް އަރައިގަތް ކަމުގެ ރުޅިވެރިކަމާ އެކު އިންޒާރުދީ ބަދަލު ހިފަން ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މި ފަހުން މާރާމާރީ ހިންގީ އެކަން ހުއްޓުވަން ޓާސްކްފޯހެއް އެކުލަވާލައި ސިފައިންނާއި ފުލުހުން ނުކުމެ މާލޭގެ ބައެއް ސަރަހައްދުތައް ބަލަހައްޓަނިކޮށެވެ. މި ކަމުގައި ޓާސްކްފޯހުގެ ނަތީޖާއާ މެދު ސުވާލު އުފެއްދި އެވެ.

މާރާމާރީ ފެށުނީ މިދިޔަ ފިތުރު އީދު ވިލޭރޭ ކުޑަހެންވޭރަށް ނިސްބަތްވާ މީހަކާ، ވައިކަންމަތީގެ ބަޔަކު ކުރި ޒުވާބެއް ހޫނުވުމުންނެވެ. އެ ކަމުގެ ބަދަލަކަށް ވީ އެއް ބަޔަކު އަނެއް ބަޔަކު ހޯދައި ދަންވަރާއި ފަތިހު އަދި ހެނދުނު ވެސް މާރާމާރީ ހިންގުމެވެ.
ފުރަތަމަ ވަޅިން ހަމަލާދިނީ މަޖީދީ މަގުން ޔޫރޯ ސްޓޯރު ކައިރިން ދެ މީހަކަށެވެ. އޭގެ ފަހުން އެއް ބަޔަކު އަނެއް ބަޔަކު ހޯދައި އަތު ޖެހޭ މީހަކަށް ހަމަލާ އަމާޒުކުރީ އެވެ. މި މާރާމާރީތަކުގައި ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މާރާމާރީއަށް ތުހުމަތުވާ ހަތް މީހަކު ހޯދަން އިއުލާންކޮށް، އޭގެ ތެރެއިން ފޮރުވައިގެން އުޅުނު ދެ މީހުންނާއި އެ ކަން ކުރި މީހަކު ވެސް ހައްޔަރުކުރި އެވެ. އިތުރު ފަސް މީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ޕޮލިސް ކޮމިޝަނަރު "މިހާރު"އަށް ރޭ ވިދާޅުވި ގޮތުގައި މާރާމާރީ ހުއްޓުވަން އެކުލަވާލި ޓާސްކްފޯހުން ޕްލޭންތަކަކާ އެކު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މާލޭގައި އަތްގަދަ ކޮށްގެން ގްރޫޕްތައް ހަރަކާތްތެރިވަމުންދާތާ އަހަރުތަކެއް ވެފައިވާ އިރު ފުލުހުންނާއި ސިފައިން ނުކުމެ ތިއްބަސް އެއީ ކުއްލިއަކަށް ހުއްޓުވޭނެ ކަމެއް ނޫން ކަން ފާހަގަކުރައްވައި ވިދާޅުވީ ޓާސްކް ފޯހުގެ މޮނިޓާ ކުރުންތަކާ އެކު ހަރަކާތްތައް މަޑުޖައްސާލެވުނު ކަމަށެވެ.
މާރާމާރީގެ އިތުރުން ޑްރަގުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރެވޭނެ މަގުތައް ބަންދުކޮށް، ހުރަސް އެޅުމަކީ ވެސް ޓާސްކުފޯހުން ނަގަމުން އަންނަ ޒިންމާއެކެވެ.
މާލޭގެ ބައެއް މަގުތަކުގައި ޓާސްކްފޯހަށް ނިސްބަތްވާ ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު ކޮމިޝަނަރު ވިދާޅުވި ގޮތުގައި މަރާމާރީތައް ހިނގީ ފުލުހުން ތިބި ސަރަހައްދުތަކުގައެއް ނޫނެވެ.
"ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި މި ބަލަނީ މާލޭގައި ހަރަކާތްތެރިވާ 10 ގްރޫޕެއްގެ ހަރަކާތްތައް ފުޅާކޮށް ހިންގާ 10 ސަރަހައްދެއް. އެ ނޫން ތަނެއްގައި އެ މީހުން ބޭނުން ކަމެއް ކޮށްލުމުގެ ފުރުސަތު އޮވެދާނެ،" އޭނާ ވިދާޅުވި އެވެ.
ކޮމިޝަނަރު ވިދާޅުވި ގޮތުގައި ގްރޫޕްތަކުގެ ހަރަކާތްތެރިވުން އިތުރުކުރުމާ އެކު ފުލުހުން ވެސް ކުރިއަށް ވުރެ ބޮޑަށް އެ ކަމަށް ސަމާލުވެ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.
މި ފަހުން ހިންގި މާރާމާރީތަކުގައި ހުޅުމާލޭގެ ހިޔާ ފްލެޓާއި މާލޭގެ އެކި ތަންތަނުން ހައްޔަރުކުރި އިރު ކުޑަކުދިންގެ ބައިވެރިވުން ބޮޑެވެ.
ސީޕީ ދެކެވަޑައިގަންނަވާ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ތެރެއިން ފިޔަވަޅުތަކެއް އަޅަން ޖެހޭ ކުދިންތަކެއް ގްރޫޕްތަކުގެ ތެރޭގައި އެބަތިއްބެވެ.
ކޮމިޝަނަރު ވިދާޅުވީ ފަހުން ހިންގި މާރާމާރީތަކާއި މާލޭގައި ރޭ ފެށި ބައިބަލާ މުބާރާތަކާ ގުޅުމެއް ނެތް ކަމަށެވެ. އެ ކަމަކު އެ މާރާމާރީތަކުގައި ބައިވެރިވި ގްރޫޕްތަކަށް ނިސްބަތްވާ ޓީމެއް ނުވަތަ އެއްވެސް މާރާމާރީއަކަށް ތުހުމަތުކުރެވޭ މީހުން ވެސް ބައިބަލާ މުބާރާތުގައި ބައިވެރި ނުކުރަން ފުލުހުން ވަނީ އަންގައިފަ އެވެ. މި ޝަރުތުތަކަށް އިންތިޒާމްކުރާ ފަރާތްތަކާ އެއްބަސްވެވި އެކަން ވެސް ހިނގަމުން އަންނަ ކަމަށް ހަމީދު ވިދާޅުވި އެވެ.
މާރާމާރީ މި ވަގުތަށް މަޑުޖެހިފައި އޮތަސް އެ މީހުންގެ ވިސްނުމާއި ހަރަކާތްތެރިވާ ގޮތްތަކަށް ބަލާއިރު ބަދަލު ހިފުން ގްރޫޕްތަކުގެ މެދުގައި އަދިވެސް އޮވެދާނެ ކަން ސީޕީ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިލްސިލާ މާރާމާރީތަކުގައި އަތުލައިގަނެ ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް ގާނޫނީ ނިޒާމުގައި ކަނޑައަޅާފައިވާ މުއްދަތުތަކުގެ ތެރޭގައި ދައުވާ އުފުލާނެ އެވެ.