ދަރިވަރެއްގެ އޯލެވެލް މާއްދާ ސްކޫލަށް އޮޅުނު މައްސަލައެއް ފެންމަތިވެއްޖެ
ދަރިވަރެއްގެ އޯލެވެލް މާއްދާ ސްކޫލަށް އޮޅުނު މައްސަލައެއް ފެންމަތިވެއްޖެ

ގއ. ގެމަނަފުށީ ސްކޫލުގައި އޯލެވެލް ހަދާ ދަރިވަރަކު ނުކިޔަވާ މާއްދާއެއްގެ ޓެސްޓް ހަދަން ޖެހި، ކިޔެވި މާއްދާގެ އިމްތިހާނު ލިބޭ ގޮތް ނުވެ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ފޭސްބުކްގައި އެ ކުއްޖާ ކުރި ޕޯސްޓުގައި ބުނީ އޭނާއަކީ މި އަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރެއް ކަމަށާއި އާންމު އުސޫލުގެ ދަށުން އިމްތިހާނުގައި ބައިވެރިވާން ބޭނުންވާ މާއްދާތަކާއި ދޫކޮށްލަން ބޭނުންވާ މާއްދާތައް ކަނޑައެޅުމުގެ ފުރުސަތު އޭނާ އަށް ވެސް ލިބުނު ކަމަށެވެ.

ސައިންސް ސްޓްރީމް ކިޔަވަމުން އަންނަ އެ ދަރިވަރު ބުނީ އިތުރު މާއްދާއެއްގެ ގޮތުގައި އޭނާ އައީ މެރިން ސައިންސް ކިޔަވަމުން ކަމަށާއި އޭނާ ދޫކޮށްލީ ބަޔޮލޮޖީ އާއި ފިޒިކްސް މާއްދާ ކަމަށެވެ.

އެ ނިންމުމަކީ ކްލާހުގެ ލީޑިން ޓީޗަރާއި އިތުރު ޓީޗަރުންނަށް ވެސް އެނގޭނެ ނިންމުމެއް ކަމަށް ކުއްޖާ ބުނެ އެވެ.

"އެ މާއްދާތައް ދޫކޮށްލިކަން ލީޑިން ޓީޗަރާއި އިތުރު ޓީޗަރުންނަށް އެނގޭނެ. އެ މާއްދާ ދޫކޮށްލީމަ ޓެސްޓްގައި ބައިވެރިވާން ވެސް ނުޖެހެނޭތީ އަޅުގަނޑު ވާނީ އެ ކްލާސްތަކަށް ވެސް އެޓެންޑުވުން ހުއްޓާލާފައި،" އޭނާ ބުންޏެވެ.

އެކަމަކު މެރިން ސައިންސްގެ ބަދަލުގައި ފިޒިކްސް ޓެސްޓް ހަދަން ޖެހޭ ކަން އޮތްކަން ކުއްޖާ އަށް އެނގުނީ ސްޓޭޓްމެންޓް އޮފް އެންޓްރީ ލިބުމުންނެވެ.

"އަޅުގަނޑަށް ސްޓޭޓްމެންޓް އޮފް އެންޓްރީ ލިބުނީ ޓެސްޓް ފެށުމުގެ އެއް ދުވަސް ކުރިން. އެހެން ދަރިވަރުންނަށް ލިބުނު ދުވަހު އަޅުގަނޑަށް ނުލިބުނީ އަޅުގަނޑު ހާޒިރުވެފައިނުވާތީ،" އޭގެ ކުރިން ސްޓޭޓްމެންޓް އޮފް އެންޓްރީގައި ފިޒިކްސް ޓެސްޓް ހަދަން އޮތް ކަމަށް އެއްވެސް މީހަކު އަންގާފައިނުވާ ކަމަށް ބުނެ ކުއްޖާ ކަންބޮޑުވުން ފާޅުކުރި އެވެ.

"ކްލާހުގައި ކިޔަވާ ކުއްޖަކު ވެސް އަދި ޓީޗަރަކު ވެސް އެކަން އަންގައިފައެއް ނުވޭ."

އެ މައްސަލަ ފާހަގަވުމާ އެކު ސްކޫލުގެ އެޑްމިނިސްޓްރޭޝަނަށް އަންގާފައިވާ ކަމަށާއި އެކަމަކު އެ މީހުންގެ ފަރާތުން އެއްވެސް މައްސަލައެއް ޖެހިފައި ނެތް ކަމަށް ބުނެފައިވާ ކަމަށް ވެސް ކުއްޖާ ބުނެފައިވެ އެވެ.

"އެ މީހުން ބުނީ އެ މީހުންގެ ފަރާތުން އެއްވެސް މިސްޓޭކެއް ނެތޭ. އަޅުގަނޑު އެންމެ ފުރަތަމަ ދޫކޮށްލަން އުޅުނީ މެރިން ސައިންސޭ. އެކަމަކު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވަރަށް ޔަގީންކަމާ އެކު ޑްރަޕްކޮށްލަން ނިންމި މާއްދާއެއް ފިޒިކްސްއަކީ."

ކުއްޖާގެ ކަންބޮޑުވުމަކީ ފިޒިކްސް ދޫކޮށްލުމަށް ފަހު، އޭނާ އެ މާއްދާ ކިޔަވަން އެއްވެސް ކްލާހަކަށް އެޓެންޑް ނުވެ، އެ މާއްދާގެ ޓެސްޓް ހަދަން ޖެހުމެވެ.

ކުއްޖާ ބުނި ގޮތުގައި ފިޒިކްސް ދޫކޮށްލި ފަހުން އޭނާ ވަނީ މެރިން ސައިންސްގެ ކްލާސްތަކަށް އެޑެންޓްވެފަ އެވެ. އަދި "ނުބައި ކްލާހަކަށް ދިއުމުން" އެ ޓީޗަރުގެ ފަރާތުން އެއްވެސް ޝަކުވާއެއް ވެސް ނުލިބެ އެވެ.

އޯލެެވެލް އިމްތިހާނު މިހާރު ފަށާފައިވާއިރު ސްކޫލުގެ އިހުމާލަކުން އެހާ ބޮޑު "އޮޅުމެއް" އަަރައި ނުބައި އިމްތިހާނެއް ހަދަން ޖެހުމަކީ އެންމެ ބޮޑު ކަންބޮޑުވުން ކަމަށް ކުއްޖާ ބުންޏެވެ.

އެކަމަކު އޭނާ ގަބޫލުކުރަނީ ސްކޫލުގެ އިހުމާލުން ދިމާވި ކަމެއްގެ ޒިންމާ އޭނާ ނަގަން ނުޖެހޭނެ ކަމަށެވެ.

"މިއީ އެެހާ ބޮޑު ކަމަކަށް އެހެން މީހުންނަށް ހީނުވެދާނެ. އެކަމަކު މިއީ އަޅުގަނޑަށް ވަރަށް މުހިއްމު އިމްތިހާނެއް. މީގެ ސަބަބުން އަހަރެންގެ ކުރިމަގަށް އަސަރުކުރާނެ،" ފޭސްބުކްގައި އާންމުކުރި ޕޯސްޓް ނިންމާލަމުން ދަރިވަރު ބުންޏެވެ.

އެކަމާ ގުޅިގެން މިނިސްޓްރީ އާއި ސްކޫލުގެ ބަހެއް ހޯދުމަށް ގުޅި ނަމަވެސް އަދި ޖަވާބެއް ނުލިބެ އެވެ.