09 މެއި 2022 - 23:28

ކޮމަންވެލްތުގެ ޖޫނިއާ އަދި ކެޑޭޓް މުބާރާތް ވެސް ރާއްޖޭގައި ބާއްވަން މަސައްކަތް ކުރާނެ ކަމަށް، ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެ އެވެ.
މިއަދު ރާއްޖޭގައި ފެށި ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ރަސްމީކޮށް ލޯންޗު ކުރުމަށް ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ބޭއްވި ހަފުލާގައި މަހްލޫފް ވިދާޅުވީ އެންމެ އަވަހަށް ފުރުސަތު ލިބޭ ކޮމަންވެލްތުގެ ޖޫނިއާ އަދި ކެޑޭޓް މުބާރާތް ބާއްވަން ވެސް ރާއްޖެއިން ބޭނުންވާ ކަމަށެވެ.
އަންނަ އަހަރު ކޮމަންވެލްތުގެ ޖޫނިއާ އަދި ކެޑޭޓް މުބާރާތް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތް ބާއްވާނެ ގައުމެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.
މިރޭގެ ހަފުލާގައި ވާހަކަ ދައްކަމުން ކޮމަންވެލްތު ޓީޓީ ފެޑެރޭޝަންގެ އެގްޒެކެޓިވް މެންބަރު އަދި ދެކުނު އޭޝިއާގެ ޓީޓީ ފެޑެރޭޝަންގެ ނައިބުރައީސް ބަންގްލަދޭޝްގެ ހޮންދަހާރު ހަސަން ނަސީރު ވިދާޅުވީ އެފުރުސަތު ރާއްޖެ އަށް ހޯދައިދިނުމަށް އޭނާ ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިރޭގެ ހަފުލާގައި ކޮމަންވެލްތު ޓީޓީ ފެޑެރޭޝަންގެ ޗެއާމަން ވިވެކް ކޯލީ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ ކުރިން ވެސް ރާއްޖެ ވަޑައިގެންނެވި ކޯލީ އަކީ ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނާ ރަނގަޅު ގުޅުމެއް ބާއްވަމުން ގެންދަވާ ބޭފުޅެކެވެ.
މިރޭގެ ހަފުލާގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ ދެކުނު އޭޝިއާގެ ޖޫނިއާ މުބާރާތް ރާއްޖޭގައި ބޭއްވިގެން މިދަނީ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ވެސް ބާއްވާ ފެންވަރުގައި ކަމަށެވެ.