ލަންކާގެ ހަމަނުޖެހުމުގައި މެންބަރަކު އަވަހާރަވެއްޖެ، ތަންތަނުގައި ހުޅުޖަހަނީ
ލަންކާގެ ހަމަނުޖެހުމުގައި މެންބަރަކު އަވަހާރަވެއްޖެ، ތަންތަނުގައި ހުޅުޖަހަނީ

ސްރީ ލަންކާ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި، އެ ގައުމުގެ ވެރިކަންކުރާ ޕާޓީގެ މަޖިލިސް މެންބަރަކު އަވަހާރަވެ އަދި އެ ޕާޓީގެ މެންބަރުންގެ ގެތަކާއި ވެހިކަލްތަކުގައި ހުޅުޖައި ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ހިނގައްޖެ އެވެ.

ލަންކާގެ ހަމަނުޖެހުމުގައި މެންބަރަކު އަވަހާރަވެއްޖެ، ތަންތަނުގައި ހުޅުޖަހަނީ
ލަންކާގެ ހަމަނުޖެހުމުގައި މެންބަރަކު އަވަހާރަވެއްޖެ، ތަންތަނުގައި ހުޅުޖަހަނީ

އިގްތިސާދީ ހީނަރުކަމާ ހެދި ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތަކަށް އެތައް ދުވަހެއް ފަހުން މިއަދު ހަމަނުޖެހުން ބޮޑުވީ މިއަދު އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އޮފީސް ދޮށުގައި މުޒާހަރާކުރަން ތިބި މީހުންނަށް ސަރުކާރުގެ ސަޕޯޓަރުން ހަމަލާ ދިނުމާ އެކުގަ އެވެ. ރާޖަޕަކްސަ އިސްތިއުފާ ދެއްވީ އެތައް ބަޔަކު ޒަހަމްވި މި ހަމަނުޖެހުންތަކަށް ފަހުގަ އެވެ.

ހަމަނުޖެހުންތަކުގައި ޒަހަމްވި ބައެއް މީހުންގެ ހާލު ސީރިއަސްވެ ފަރުވާ ދެމުން އަންނައިރު، މުޒާހަރާ ތެރެއަށް ބަޑި ޖެހުމުން ޒަހަމްވި މީހަކު މިއަދު މަރު ވެސް ވެފައިވެ އެވެ.

ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ ޕާޓީ (އެސްއެލްޕީޕީ) ގެ މަޖިލިސް މެންބަރު އަމަރަކީރިތި އަތުކޮރަލާ އަވަރާވީ ސަރުކާރާ ދެކޮޅު މީހުންނާ ދެމެދު ހިނގި ކުރިމަތިލުމަކަށް ފަހުގައި ކަމަށް އޭއެފްޕީ ނިއުސް އެޖެންސީން ބުންޏެވެ. އޭނާގެ ވެހިކަލަކަށް މިއަދު ހަވީރުގެ ވަގުތެއްގައި ބަޑިން ހަމަލާ ދިން ކަމަށް މީޑިއާ އިން ރިޕޯޓްކޮށްފައިވެ އެވެ. މި ހާދިސާގައި ތިން މީހަކު ޒަހަމްވެ އެކެއްގެ ހާލު ސީރިއަސް އެވެ.

ފުލުހުންނާ ހަވާލާދީ އޭއެފްޕީން ބުނީ ބަޑި ޖެހި ހާދިސާއަށް ފަހު މެންބަރު ސަލާމަތްވެ ވަޑައިގަތުމަށް ފަހު ކައިރީގައި ހުރި އިމާރާތެއްގެ ތެރެއަށް ވަަދެވަޑައިގަތީ ކަމަށެވެ.

"މެންބަރު ވަނީ ބަޑި ޖެހުމާ އެކު އެތަނުން ސަލާމަތްވެވަޑައިގެން ކައިރީގައި ހުރި އިމާރާތަކުން ހިމާޔަތް ހޯއްދަވާފައި،" ފުލުހުންގެ ތަރުޖަމާނަކު އޭއެޕްޕީއަށް ވިދާޅުވި އެވެ. "އެއާ އެކު އެތައް ހާސް ބަޔަކު ގޮސް އިމާރާތް ވަށާލައިގެން ތިއްބާ މެންބަރު އަވަހާރަވީ އޭނާގެ އަތުގައި އޮތް ފިސްތޯލައަކުން އަމިއްލައަށް ހަމަލާ ދިނުމުން."

ސްރީ ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރުޅި ގަދަވެފައި ތިބި އާންމުން ދަނީ މުޅި ގައުމުގައި އިއުލާނުކޮށްފައިވާ ކާފިއުއަށް ވެސް ބެލުމެއް ނެތި ހަމަނުޖެހުން ހިންގަމުންނެވެ. އެ މީހުން އެސްއެލްޕީޕީގެ މެންބަރުންގެ ވެހިކަލްތަކާއި އިމާރާތްތަކަށް ގެއްލުންދީ އެ ތަންތަނުގައި ހުޅު ވެސް ޖަހާފައިވެ އެވެ.

ސްރީ ލަންކާގެ ހާލަތު ނުރައްކާވުމާ އެކު ގައުމުތަކުން މިހާރު ދަނީ އެ ގައުމުތަކުގެ މީހުން ސްރީ ލަންކާގައި ރައްކާތެރިވެ ތިބުމަށް އިލްތިމާސްކުރަމުންނެވެ. މަގުމައްޗަށް ނުނިކުތުމަށާއި މުހިންމު ނޫން ދަތުރުތައް ލަންކާއަށް ނުކުރުމަށް ވެސް އަންނަނީ އެދެމުންނެވެ.