10 މެއި 2022 - 07:58

އިނގިރޭސިވިލާތުގެ ގިނަ ދުވަސްވީ މަގުބޫލު ސައިންސް ފިކްޝަން ސީރީޒް "ޑޮކްޓާ ހޫ"ގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭގެ ލީޑް ޑޮކްޓަރުގެ ރޯލަށް ކަޅު ނަސްލުގެ އެކްޓަރެއް ހަމަޖައްސައިފި އެވެ.
ބީބީސީ އިން ދައްކަމުން އަންނަތާ 59 އަހަރުވެފައިވާ "ޑޮކްޓާ ހޫ"ގެ ދިގު ތާރީހުގައި ލީޑް ރޯލުން މީގެ ކުރީން ޕާސަން އޮފް ކަލާ ނުވަތަ ދޮން ނަސްލުގެ މީހުން ނޫން މީހަކު ހަމަޖައްސާފައެއް ނުވެ އެވެ. އެއާ އެކު، އެ ރޯލު ކަޅު ނަސްލުގެ އެކްޓަރަށް ލިބުމުން އެއީ ވަރަށް މުހިންމު ނިންމުމެއް ކަމަށް ސިނަމާ އެކްސްޕާޓުން ބުންޏެވެ.
"ޑޮކްޓާ ހޫ"ގެ ލީޑް ރޯލު ނުވަތަ ޑޮކްޓާގެ ރޯލަށް ހަމަޖައްސާފައި ވަނީ 29 އަހަރުގެ އެކްޓަރު ޝޫޓީ ގާޓްވާ އެވެ. ޝޫޓީ އަކީ ނެޓްފްލިކްސްގެ މަގުބޫލު ޓީވީ ޝޯ "ސެކްސް އެޑިއުކޭޝަން"ގެ ސަޕޯޓިން ރޯލުން ފެންނަ އެކްޓަރެކެވެ.
ޑޮކްޓާ ނުވަތަ ޓައިމްލޯޑްގެ ރޯލަށް ޝޫޓީ ހަމަޖައްސާފައިވާއިރު، އެ ރޯލުން އޭނާ ފެންނާނީ އަންނަ އަހަރުގައި އެ ޝޯގެ 13 ވަނަ ސީޒަންއާ އެކުގަ އެވެ.
"ޑޮކްޓާ ހޫ"ގެ ދިގު ތާރީހުގައި މިހާތަނަށް ވަނީ 13 ޑޮކްޓަރެއް އެ ރޯލު ކުޅެފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ފަހަރަށް އަންހެން ޑޮކްޓަރެއް ހަމަޖައްސާފައި ވަނީ 13 ވަނަ ޑޮކްޓަރުގެ ގޮތުގަ އެވެ. އެ ރޯލަށް އިނގިރޭސިވިލާތު އެކްޓަރު ޖޯޑީ ވިޓޭކާ ހަމަޖެއްސި އިރު އޭނާ ވަނީ ތިން ސީޒަނުން ފެނިފަ އެވެ.