09 މެއި 2022 - 17:16

"ހިޔާ" ގެ 13 އަދި 14 ވަނަ ޓަވަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ފަށާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން ބުނީ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދާއިރު މިހާތަނަށް ނިމިފައި ވަނީ 13 އަދި 14 ވަނަ ޓަވަރުގައި ކެމެރާ ހަރުކުރުން ކަމަށެވެ.
އެ ޓަވަރުތަކުގައި ކެމެރާ ހަރުކޮށްފައި ހުރީ ޓަވަރުގެ ބޭރު ހިމެނޭ ސަރަހައްދު ފެންނަ ގޮތަށާއި ކޮންމެ ފްލޯއެއްގައި ވެސް ވާނުވާ ފެންނާނެ ގޮތަށެވެ. އަދި ލިފްޓްތަކާއި ޓެރަސްގައި ވެސް ކެމެރާ ހަރުކޮށްފައިވެ އެވެ.
އެ ޕްރޮޖެކްޓްގެ މެނޭޖަރު އަލީ ވަޖީހު ވިދާޅުވީ އެހެން ޓަވަރުތަކުގައި ވެސް ކެމެރާ ހަރުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ މަސައްކަތްތައް އޮތީ އެކި ސްޓޭޖްތަކުގައި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަވަސް މުސްތަގުބަލެއްގައި އެ މަސައްކަތް ނިންމާލެވޭނެ،" ވަޖީހު ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވީ އެ ޕްރޮޖެކްޓްގެ ދަށުން ކޮންމެ ޓަވަރެއްގައި ވެސް ކެމެރާ ހަރުކޮށްފައި ހުންނާނީ ކޮމަން އޭރިއާ ކަވާ ވާނެ ގޮތަށް ކަމަށެވެ. އަދި އެ ޕްރޮޖެކްޓާ އެކު އެތަނަށް ދިމާވެފައިވާ މައްސަލަތައް ވެސް ހައްލުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓަވަރުތަކުގައި ދިމާވާ މައްސަލަތައް ހައްލުވާނެ ކަމަށް. ކުނީގެ މައްސަލަތަކާއި ކްރިމިނަލް އެކްޓިވިޓީސްތައް ވެސް މީގެ ސަބަބުން މަދުވާނެ ކަމަށް އުއްމީދުކުރަނީ."
އެޗްޑީސީން 25 ބުރީގެ 16 ޓަވަރުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެ މަޝްރޫއުގައި 3،000 އެއްހާ ކެމެރާ ހިޔާ ފްލެޓްގައި ހަރުކުރަން ނިންމާފައިވާއިރު ކޮންމެ ބުރިއެއްގައި ހަރުކުރަނީ ހަތް ކެމެރާ އެވެ.