09 މެއި 2022 - 15:22

ހަމަނުޖެހުންތައް ބޮޑުވުމާ އެކު ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފި އެވެ.

ރާޖަޕަކްސަގެ އާއިލާގެ ބޭފުޅަކާ ހަވާލާދީ "ނިއުސް ވަޔަ" ނޫހުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އަދި ފަހުން ވަނީ އިސްތިއުފާގެ ސިޓީ ވެސް މީޑިއާގައި ލީކުވެފަ އެވެ.
އެ ސިޓީގައި ވިދާޅުވެފައި ވަނީ ކޮވިޑްގެ ބަލިމަޑުކަމާއި ރަޝި-ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ކުރިމަތިވި ހީނަރުކަން އަދިވެސް ދަނީ ގޯސްވަމުން ކަމަށާއި މިކަމާ ގުޅިގެން ރައްޔިތުން އުފުލަންޖެހިފައިވާ ތަކުލީފަށް ނިމުމެއް ގެނެސް ކަންކަން ރަނގަޅުކުރެވެން އޮތް އެންމެ ރަނގަޅު ހައްލަކީ ހުރިހާ ޕާޓީތަކެއް ބައިވެރިވާ ސަރުކާރެއް އެކުލަވައިލުން ކަމަށެވެ.
ރާޖަޕަކްސަ ވިދާޅުވެފައިވަނީ އޭނާގެ ހަމައެކަނި އެދިވަޑައިގަތުމަކީ ގައުމަށް ހަމަޖެހުން އައުން ކަމަށެވެ.
އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައިވާ ލަންކާގެ ބޮޑުވަޒީރު މަހިންދަ އިސްތިއުފާ ދެއްވިކަން އިއުލާނުކުރެއްވީ އޭނާ އިސްތިއުފާ ދެއްވުމަށް ރައީސް އަދި މަހިންދަގެ ކޮއްކޯފުޅު ގޮޓާބަޔަ ރާޖަޕަކްސަ ވެސް އެދިވަޑައިގެންފައިވާ ކަމަށް މީޑިއާ އިން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
ސަރުކާރާ ދެކޮޅު މީހުން ދަނީ ގޮޓާބަޔަގެ ވެސް އިސްތިއުފާ އަށް ގޮވާލަމުންނެވެ.
މަހިންދަ އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގަތީ ވެރިކަންކުރާ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ ޕާޓީ (އެސްއެލްޕީޕީ) އާއި އެ ޕާޓީއާ އެކުގައި މަސައްކަތްކުރާ އެހެން ޕާޓީތަކުން ވާހަކަ ދެއްކުމަށް ފަހުގަ އެވެ. އިސްތިއުފާގެ ސިޓީގައި ވެސް އެކަން ފާހަގަކުރައްވާފައިވެ އެވެ.
މަހިންދަ އިސްތިއުފާ ދެއްވި ކަމަށް ބުނެފައި މި ވަނީ އޭނާގެ އޮފީސް ކައިރީ މުޒާހަރާކުރާ އިދިކޮޅު މީހުންނަށް މަހިންދަގެ ސަޕޯޓަރުން ހަމަލާދީ ބޮޑު ހަމަނުޖެހުމެއް ހިންގިތާ އިރުކޮޅެއް ފަހުންނެވެ. އެއާ އެކު މިހާރު ވަނީ މުޅި ސްރީ ލަންކާގައި ކާފިއު ވެސް އިއުލާނުކޮށްފަ އެވެ.