10 މެއި 2022 - 07:56

ބޮލިވިއާގައި ކުށްވެރިން ލިޔަންކިޔަން ދަސްކޮށްގެން އަވަހަށް ޖަލުން ނުކުމެވޭ ޕްރޮގްރާމެއް އެ ގައުމުގެ ސަރުކާރުން ފަށައިފި އެވެ.

"ބުކްސް ބިހައިންޑް ބާސް" ކިޔާ އެ ޕްރޮގްރާމް ފެށީ ބޮލިވިއާގެ ޖަލުތައް ފުރިފައިވާ ވާތީ މީހުން މަދުކުރުމުގެ ގޮތުންނެވެ. އަދި ލިޔަންކިޔަން ދަންނަ މީހުން އިތުރުކުރުމަކީ ވެސް އެ ޕްރޮގްރާމްގެ އަމާޒެކެވެ. އެ ގައުމުގައި ކުށްވެރިންގެ ތެރޭގައި ގިނައީ ލިޔަންކިޔަން ނުދަންނަ މީހުންނެވެ.

އެ ޕްރޮގްރާމްގެ ދަށުން ކުށްވެރިން މިނިވަން ކުރަން އޮންނަ ތާރީހުގެ ދުވަސްތަކެއް ނުވަތަ ހަފުތާތަކެއް ކުރިން އެ މީހުން މުޖުތަމައު އަށް ދޫކޮށްލާނެ އެވެ.
ބޮލިވިއާގައި އުމުރު ދުވަހަށް މީހުން ޖަލަކަށް ނުލަ އެވެ. އަދި މަރުގެ އަދަބެއް ވެސް ނުދެ އެވެ. އެކަމަކު، ޝަރީއަތް ލަސްވުމުގެ ސަބަބުން ބައެއް މީހުން އެތައް އަހަރެއް ވަންދެން ޖަލުގައި ތިބެން ޖެހެ އެވެ. އެތަނުގައި ތިބެ މީހުން މަރުވެގެން ވެސް ދެ އެވެ.
މިހާރު އެ ގައުމުގެ 47 ޖަލެއްގައި އެ ޕްރޮގްރާމް ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުށްވެރިންނަށް ތައުލީމާއި އަލުން މުޖުތަމައު އަށް ނެރުމަށް އެ މީހުން ތަމްރީނުކުރާނެ ޕްރޮގްރާމްތަކާއި އަދި އިޖުތިމާއީ ހޭލުންތެރިކަން ވެސް ދެވެން ނެތް ޖަލުތަކެވެ.
އެ ޕްރޮގްރާމްގެ ދަށުން 856 ކުށްވެރިއަކުން މިހާރު އަންނަނީ ލިިޔުމާއި ކިޔުމުގެ ހުނަރު ދަސްކުރަމުންނެވެ. އެއަށް ފަހު އެ މީހުން ބައެއް ޓެސްޓުތައް ވެސް ހަދަން ޖެހެ އެވެ.