ފައްޔާޒުގެ ޓީމުން ހުށަހެޅި ޝަކުވާ ބަލައި ކޮމިޓީ ގަވައިދާ ހިލާފު ކަމަށް ނިންމައިފި
ފައްޔާޒުގެ ޓީމުން ހުށަހެޅި ޝަކުވާ ބަލައި ކޮމިޓީ ގަވައިދާ ހިލާފު ކަމަށް ނިންމައިފި

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ޓީމުން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް، މައްސަލަތަކެއް ނިންމި ޝަކުވާ ބަލާ ކޮމިޓީ ގަވާއިދާ ހިލާފު ކަމަށް އިސްތިއުނާފް ފަނޑިޔާރުގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ޝަކުވާ ބަލާ ކޮމިޓީން ފައްޔާޒްއާ ދެކޮޅު ނިންމުންތަކެއް ނިންމީ އިންތިހާބާ ދިމާކޮށް ވަޒީފާގެ ބިރުދައްކައި ނުފޫޒު ފޯރުވާ ކަމަށް ފައްޔާޒްގެ ވާދަވެރިޔާ، އިމްތިޔާޒް ފަހުމީގެ ޓީމުން ހުށަހެޅި މައްސަލަތައް ބެލުމަށް ފަހު އެވެ. މިއީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ފައްޔާޒްގެ ކެމްޕޭންގެ ތަސައްވަރު ކިލަނބުވާ ގޮތަށް، އިންތިހާބަށް ނުފޫޒު ފޯރުވައި ވަކި ފަރާތަކަށް ކަންކަން ފަހިވާ ގޮތަށް ޝަކުވާ ބަލާ ކޮމިޓީން ނިންމި ނިންމުމެއް ކަމަށް ބުނެ މައްސަލަ ބަލައިދޭން އެދުނީ ފައްޔާޒްގެ ޓީމުންނެވެ.

ފައްޔާޒްގެ ކެމްޕޭން މެނޭޖަރު އިބްރާހިމް ވަހީދު އިސްތިއުނާފްކުރެއްވި ޝަކުވާ ބަލާ ކޮމިޓީގެ އެ ނިންމުމާ ގުޅޭ ގޮތުން އޭނާ ވިދާޅުވެފައި ވަނީ ފައްޔާޒަށް ތުހުމަތުކޮށް، މައްސަލަތަކެއް ނިންމާފައި ވަނީ ގަވާއިދާ ހިލާފު ކޮމިޓީއަކުން ކަމަށެވެ.

އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގައިވާ ގޮތުން، އިންތިހާބާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބެލުމަށް އިންތިހާބާ ބެހޭ ކޮމިޓީގެ މެމްބަރަކު ހިމެނޭ ގޮތުން ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލަން ވާނެ އެވެ. އަދި ހުށަހަޅާ މައްސަލަތައް 48 ގަޑިއިރު ތެރޭގައި ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

އެކަމަކު ފައްޔާޒްގެ ކެމްޕޭން ޓީމާ ދެކޮޅަށް ނިންމުންތައް އައީ އެ މާއްދާއާ ޚިލާފަށް އެކުލަވާލާފައި އޮތް ކޮމިޓީއަކުން ކަމަށް ވަހީދު ހުށަހެޅުއްވި ޝަކުވާގައިވެ އެވެ.

އޭނާ އެދިވަޑައިގަތީ ގަވާއިދާ ހިލާފު ކޮމިޓީގެ ނިންމުންތައް ބާތިލްކޮށް ދިނުމަށެވެ.

ތިން މެމްބަރުންގެ ކޮމިޓީއަކުން މި ކަން ބަލައި ނިންމުމެއް ނިންމާފައިވާ ކަންް އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ކަށަވަރު ކޮށްދެއްވި އެވެ. އެކަމަކު ތަފްސީލެއް ވިދާޅެއް ނުވެ އެވެ.

މި މައްސަލަ ބެލި ތިން މެމްބަރުންގެ ކޮމިޓީން އިއްތިފާގުވީ އެނގިފައިވާ ގޮތުގައި ޝަކުވާ ބެލި ކޮމިޓީ އެކުލަވާލާފައި ވަނީ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ)އާ ހިލާފަށެވެ. އެހެން ކަމުން އެ ނިންމުންތައް ބާތިލް ކަމަށެވެ.

ކޮމިޓީ ބާތިލް ކަމަށް ނިންމީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ބިރު ދެއްކުމާއި ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިނގަމުންދާ ކަމަށް ހުށަހެޅި ޝަކުވާތައް ސައްހަ ކަމަށް ޕާޓީން ބަލައިގަނެފައިވާ ކަމަށް އިންތިގެ ކެމްޕޭން ޓީމުން ބުނެފައި ވަނިކޮށެވެ.

އިންތިހާބާ ބެހޭ ކޮމިޓީން ނިންމި ބައެއް މައްސަލަތަކުގެ ތަފްސީލްތައް އިންތިގެ ކެމްޕޭން ޓީމުން ވަނީ އާއްމުކޮށްފަ އެވެ. އޭގެ ތެރޭގައި ގދ. ގައްދޫ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގެ މެނޭޖަރު ކަމުގެ މަގާމުގައި ހުންނެވި އިލްހާމް ރަޝީދު، އިންތިގެ ކެމްޕޭންގެ ހަރަކާތެއްގައި ބައިވެރި ނުވާން އެ ކުންފުނީގެ މުވައްޒަފެއް ކަމަށްވާ އާމިރު އަބްދުﷲ އަށް އަންގައި މަގާމުގެ ނުފޫޒުން ބިރު ދެއްކި ކަމަށް ބުނާ މައްސަލަ ހިމެނެ އެވެ.

ފައްޔާޒުގެ ކެމްޕޭން ޓީމުން ގއ. ނިލަންދޫ ފެނަކަ އޮފީހުގައި ބައްދަލުވުމެއް ބާއްވާފައިވާ މައްސަލަ ވެސް ކޮމިޓީއަށް ހުށަހެޅި އެވެ.

ކޮމިޓީގެ ނިންމުމުގައި ބުނެފައި ވަނީ ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުމުގައި ވަކި ފަރުދަކަށް ފައިދާއެއް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ބޭނުންކުރާ ކަން ދުރުން ބަލަން ތިބީ އާއްމު ރައްޔިތުންނަށް ގަބޫލުކުރެވޭ ފަދަ ގޮތަކަށް އަމަލުކުރުމަކީ ޕާޓީއަށް ރައްޔިތުން ކުރާ ތާއީދާއި އިތުބާރު ހީނަރުވާނެ ކަމެއް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 94،000 އަށް ވުރެ ގިނަ މީހުންނަށް ލިބެ އެވެ.