ލަންކާގައި ތަޅާފޮޅަނީ؛ މުއްދަތެއް ނެތް ގޮތަށް ކާފިއު ހިންގައިފި
ލަންކާގައި ތަޅާފޮޅަނީ؛ މުއްދަތެއް ނެތް ގޮތަށް ކާފިއު ހިންގައިފި

ސްރީ ލަންކާ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުން ބޮޑުވަޒީރު މަހިންދަ ރާޖަޕްކަސްގެ އޮފީސް ބޭރުގައި މުޒާހަރާކުރަނިކޮށް ސަރުކާރުގެ ސަޕޯޓަރުން ގޮސް ހަމަލާދޭން ފަށައިފި އެވެ.

ލަންކާގައި ތަޅާފޮޅަނީ؛ މުއްދަތެއް ނެތް ގޮތަށް ކާފިއު ހިންގައިފި
ލަންކާގައި ތަޅާފޮޅަނީ؛ މުއްދަތެއް ނެތް ގޮތަށް ކާފިއު ހިންގައިފި

ހަމަނުޖެހުންތައް ފެށުމާ އެކު ފުލުހުން މިހާރު ވަނީ ވެރިރަށް ކޮލަމްބޯގައި މުއްދަތެއް ނެތް ގޮތަށް ކާފިއު ވެސް އިއުލާނުކޮށްފަ އެވެ.

ސަރުކާރުގެ ސަޕޯޓަރުން ވަނީ އިދިކޮޅު މީހުން މުޒާހަރާކުރާ ސަރަހައްދަށް އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ ވަޑައިގަތުމާ އެކު އޭނާއަށް ވެސް ހަމަލާދީފަ އެވެ. އަދި އިދިކޮޅު މީހުން ތިބުމަށް ހަދާފައިވާ ޓެންޓްތައް ވެސް ހަލާކުކޮށްލައިފަ އެވެ.

ސަރުކާރުގެ ސަޕޯޓަރުން ބޮޑުވަޒީރުގެ އޮފީސް ކައިރިއަށް ގޮސް ހަމަނުޖެހުން ހިންގަންފެށީ މަސްރަހު ފިނިކުރުމަށް ބޮޑުވަޒީރު އިސްތިއުފާ ދެއްވަފާނެ ކަމުގެ އަޑުތަކެއް ފެތުރުމާ އެކުގަ އެވެ.

ސަރުކާރުގެ ސަޕޯޓަރުން ގޮސް އެކި އެއްޗެހި ބޭނުންކޮށްގެން ޓެންޓުތައް ހަލާކުކޮށް އަލިފާން ވެސް ޖެހި އެވެ.

ހަމަނުޖެހުންތަކުގައި އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރާޖަޕަކްސަގެ ސަޕޯޓަރުން ވަނީ ސުލްހަވެރިކަމާ އެކު ތިބި އިދިކޮޅު ސަޕޯޓަރުންނަށް ވެސް ހަމަލާ ދީފަ އެވެ. ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި ފެން ޖަހައި މުޒާހަރާ ރޫޅާލައި އަދި އިދިކޮޅު މީހުންގެ ޓެންޓްތައް ވެސް ނަގައިފަ އެވެ.

މުޒާހަރާތައް ހޫނުވާން ފެށުމުން އިމަޖެންސީ ހިންގާފައި ވަނިކޮށް އިތުރު ހަމަނުޖެހުންތަކެއް ފެށުމާ އެކު ސިޔާސީ ބޭފުޅުން އަންނަނީ ރައްޔިތުން ހަމަޖެހި ތިބުމަށް ގޮވާލަމުންނެވެ. ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަމަނުޖެހުން ހިންގައިގެން އިތުރު ހަމަނުޖެހުން އުފެދުން ނޫން ކަމެއް ނުވާނެ ކަމަށެވެ.

"އަހަރެމެންނަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލައަށް ބޭނުންވަނީ އިގްތިސާދީ ހައްލެއް. މި ސަރުކާރު މި އޮތީ އެކަން ކުރުމުގެ އަޒުމުގައި،" މަހިންދަގެ ޓްވީޓްގައިވެ އެވެ.

އިގްތިސާދީ ދަތިކަމާ ހެދި އަސާސީ ކަންކަމަށް ވެސް ބުރޫއަރައި ތެޔޮ ލިބުން ދަތިވެ ކަރަންޓު ކެނޑުމުގެ މައްސަލަ އާއި ކާބޯތަކެތީގެ އަގު ވެސް ބޮޑުވުމާ އެކު ރައްޔިތުން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާތާ އެތައް މަހެއް ވެއްޖެ އެވެ. މުޒާހަރާތައް ކޮންޓްރޯލްކުރުމަށް މީގެ ކުރިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ކާފިއު ހިންގި ނަމަވެސް އެކަމުން މުޒާހާރާތައް ނުހުއްޓި، ފާޑުކިޔުން އަމާޒުވުުން އެ ހުރިހާ ކަމެއް އުވާލި އެވެ. އެކަމަކު މިދިޔަ ހުކުރު ދުވަހު އަނެއްކާވެސް ވަނީ ކުއްލި ނުރައްކާ އިއުލާނުކޮށްފަ އެވެ. ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ސަރުކާރާ ދެކޮޅު މީހުން ދަނީ ހަމަނުޖެހުން އުފެދޭ ގޮތަށް އަމަލުތައް ބަހައްޓަމުން ކަމަށާއި އާންމުންގެ ހައްގުތައް ގެއްލެމުންދާ ކަމަށެވެ.