ޔޫކްރޭންގެ ސްކޫލަކަށް ބޮން އަޅައި 60 މީހަކު މަރާލައިފި
ޔޫކްރޭންގެ ސްކޫލަކަށް ބޮން އަޅައި 60 މީހަކު މަރާލައިފި

ރަޝިޔާ ސިފައިން ދެމުންދާ ހަމަލާތަކުން ރައްކާތެރިކަން ހޯދުމަށް އާންމުންގެ ބަޔަކު ވަދެ ތިބި ސްކޫލަކަށް، ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ބޮން އެޅުމުގެ ސަބަބުން، އެ ތަނުގައި ތިބި 60 މީހުން މަރުވެއްޖެ ކަމަށް، ޔޫކްރޭނުން ބުނެފި އެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި އެ ގައުމުގެ ލުހާންސްކް ސަރަހައްދުގެ ބިލޮހޮރިވްކާ ކިޔާ އަވަށުގައި ހުރި ސްކޫލެއްގެ ތެރޭގައި އާންމުން ރައްކާތެރިކަން ހޯދުމަށް ވަދެ ތިއްބައި، ރަޝިޔާ ސިފައިންގެ ބޯޓުތަކުން ބޮން އެޅިއިރު، އެއީ ސްކޫލެއް ކަމާއި އެތަނުގައި އާންމުން ތިބިކަން ރަޝިޔާ ސިފައިންނަށް އެނގޭނެ އެވެ. ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިޔާގެ މަތިންދާބޯޓުތަކުން އެ ސްކޫލަށް ބޮން އެޅީ މިދިޔަ ހޮނިހިރު ދުވަހު ހެނދުނެވެ. ބޮން އެޅިތާ މާ ގިނައިރުތަކެއް ނުވެ، ސްކޫލްގެ އިމާރާތުގައި ރޯވެ އިމާރާތުގެ ބޮޑުބައެއް ވަނީ އަނދައި އަޅިއަށް ވެފަ އެވެ.

މި ހާދިސާއާ ގުޚޭ ގޮތުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ އެއީ ބިރުވެރި ޚަބަރެއް ކަމަށެވެ. ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެންމެ ބޮޑު އަގެއް އަދާކުރަންޖެހިފައިވަނީ ޔޫކްރޭންގެ އާންމު ރައްޔިތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި ބިލޮހޮރިވްކާ އަވަށުގައި ހުރި ސްކޫލަށް ރަޝިޔާ ސިފައިން ބޮން އެޅިއިރު، އެ ސްކޫލްގެ ބިންގަރާހުގެ ތެރޭގައި އާންމުންގެ 90 މީހަކު ރައްކާތެރިކަން ހޯދައިގެން ތިއްބެވެ. ބޮން އެޅުމާ ގުޅިގެން، މީހުން ސަލާމަތްކުރާ އިދާރާގެ މުވައްޒަފުން އެތަނަށް ވަދެ ބެލި އިރު، މަރުވެފައިވާ ދެ މީހެއްގެ ހަށިގަނޑު ފެނުނެވެ. އަދި ދިރިތިބި 30 މީހަކު އެ ތަނުން ސަލާމަތް ކުރި އެވެ.

ނަމަވެސް އިމާރާތުގެ ވެއްޓިފައިވާ ބައިގެ ދަށުގައި ތާށިވެފައި ތިބޭނެ ކަމަށް ބެލެވޭ 60 މީހުން މިހާރު ވާނީ މަރުވެފައި ކަމަށް ވެސް ޔޫކްރޭން ސަރުކާރުން ބުނެ އެވެ.

އެ ސްކޫލް ހުންނަނީ، ރަޝިޔާ ސިފައިން އެމީހުންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިއުމަށް މަސައްކަތް ކުރާ، ޔޫކްރޭންގެ އިރުމަތީގައި އޮންނަ ދޮންބާސް ސަރަހައްދުގަ އެވެ. ޔޫކްރޭންގެ ސިނާއީ މަސައްކަތްތަކުގެ މައި މަރުކަޒުގެ ގޮތުގައި ބެލެވޭ ދޮންބާސް ސަރަހައްދަކީ، ރަޝިޔާގެ މަދަދާ އެކު، ޔޫކްރޭނުން ވަކިވެގަތުމަށް މަސައްކަތް ކުރާ ހަނގުރާމަވެރިންގެ ނުފޫޒު ގަދަ ސަރަހައްދެކެވެ.

އެ ސަރަހައްދު، ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންދިއުމަށް މަސައްކަތް ކުރަނީ، ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންގެ ވަރަށް ބޮޑު ބައިވެރިވުމަކާ ވެސް އެކުގަ އެވެ. ދޮންބާސް ސަރަހައްދުގެ ބޮޑު ބައެއް މިހާރު ވެސް ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އޮތް އިރު، އެ ސަރަހައްދުގެ ދިފާއުގައި ޔޫކްރޭން ސިފައިން ގެންދަނީ ވަރުގަދަ ރައްދު ހަމަލާތަކެއް ދެމުންނެވެ.

ދެ ވަނަ ބޮޑު ހަނގުރާމައިގައި ނާޒީ ޖަރުމަނުގެ ސިފައިން، ރަޝިޔާ ސިފައިންގެ ކުރިމަތީގައި ހަތިޔާރު ބަހައްޓައި އަމާން ދިންތާ 77 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން މިއަދު ރަޝިޔާގައި ފާހަގަކުރާ ނަސްރުގެ ދުވަހުގެ ކުރިން، ދޮންބާސް ސަރަހައްދު ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިއުމަށް ރަޝިޔާ ވަރަށް ބޮޑަށް ބޭނުންވި އެވެ.