09 މެއި 2022 - 13:51

ބީއެމްއެލްގެ 39 ވަނަ އަހަރީ އާންމު ޖަލްސާ މި މަހުގެ 29 ގައި ބާއްވަން ނިންމައިފި އެވެ.
ބީއެމްއެލްގެ ހިއްސާދާރުންނަށް އަހަރީ އާންމު ޖަލްސާ އަށް ދައުވަތުދީ ފޮނުވި ނޯޓިސްގައި ވާ ގޮތުން އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮޓެލް ޖެންގަ އެވެ. އެ ޖަލްސާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ޕްރީ-ރަޖިސްޓަރީ ކުރާ ހިއްސާދާރުންނާއި ޕްރޮކްސީހޯލްޑަރުން ޖަލްސާ އަށް ހާޒިރުވެގެން އަދި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށެވެ.
ބީއެމްއެލް އިން ބުނީ އެވކުންފުނީގެ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން މިއަދުން ފެށިގެން މިވމަހުގެ 27 ވަނަ ދުވަހާ ހަމައަށް ރަޖިސްޓާ ކުރެވޭނެ އެވެ. ޖަލްސާގައި ބައިވެރިވޭނީ މި މުއްދަތުގައި ރަޖިސްޓާވާ ފަރާތްތަކަށް ކަމަށެވެ.
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ އަށް ޕްރީ-ރަޖިސްޓަރީ ކުރަން ބޭނުންވާ ހިއްސާދާރުން "އިންފިނިޓީ" ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ. ޕްރީ-ރަޖިސްޓަރީކުރުމަށް އެދޭ ފޯމް ބޭންކުގެ ވެބްސައިޓުން ލިބޭނެ އެވެ.
އެ ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 18 ގެ ނިޔަލަށް ބީއެމްއެލްގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހިއްސާދާރުންނަށެވެ.
އޭޖީއެމްގައި އެ ކުންފުނީ މިދިޔަ އަހަރުގެ ބެލެންސް ޝީޓާއި އާމްދަނީގެ ބަޔާން ފާސްކުރާނެ އެވެ. އަދި ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ ފާސް ކުރާނެ އެވެ. މީގެ އިތުރުން ހިއްސާދާރުންގެ ހިޔާލު ހޯދުމުގައި އޮޑިޓަރުންގެ ރިޕޯޓް ފާސް ކުރުން ވެސް ކުރިއަށްދާނެ އެވެ.
މިދިޔަ އަހަރު ބީއެމްއެލް އަށް ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބުނެވެ.