09 މެއި 2022 - 09:58

މާލޭގައި މިދިޔަ ހޯމަ ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ހޯދަމުން ދިޔަ ހަތް މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓްގައި ބުނީ، ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީގެ މައްސަލައިގައި މިދިޔަ ހޮނިހިރު ދުވަހު ތ. ތިމަރަފުށި، ސީނުގެ، އަހުމަދު ޝިމްހާޒު 22، އަދި މ. ލޮނުމިދިލިގެ، ލޫތު އަހުމަދު އާސިފް 18، ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ދެ މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ދިނީ ފަސް ދުވަހުގެ މުއްދަތެކެވެ.
ޝިމްހާޒާއި ލޫތުގެ ބަންދު އަމުރުގައި ބުނީ، އެ މީހުންގެ ބަންދަށް ފަސް ދުވަސް ދިނީ ވަކީލަކާއެކު ކުރިއަށް ދާން ބޭނުންވާ ކަމަށް ބުނުމުން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ، އެންމެ ފަހުން ހައްޔަރުކުރި ދެ މީހުންގެ އިތުރުން ގދ. ވާދޫ، އުނިމާގެ، ހަސަން ޒިޔާން އިބްރާހިމް 18، އަދި އުމުރުން 15 އަހަރުގެ ކުޑަ ކުއްޖެކެވެ.
އެ ދެ މީހުންގެ އިތުރުން މާރާމާރީގެ މައްސަލައިގައި އިތުރު ފަސް މީހަކު ދަނީ ހޯދަމުންނެވެ. އެއީ؛
- ދަފްތަރު ނަމްބަރު، މައުސޫމް މުހައްމަދު ދީދީ، 27
- ގއ. މާމެންދޫ، ގްލޭނޫރަންމާގެ، އަހުމަދު ރަބީއު، 24
- ގއ. ގެމަނަފުށި، ކެނެރީގެ، އަހުމަދު ނާޒިހު، 27
- ސ. ހުޅުދޫ، ނާދީ، މުނާދު ޖައުފަރު، 20
- ސ. މަރަދޫ، ކޮރަލް، އަހުމަދު ސާތިއު، 21
މާލޭގައި ގްރޫޕް މާރާމާރީތައް ހިންގުން ވަރަށް ބޮޑަށް މައިތިރިކޮށް އޮތުމަށް ފަހު، މި ފަހުން އަނެއްކާ ވެސް ވަނީ މާރާމާރީތައް އިތުރުވެފަ އެވެ. އެ މައްސަލަތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކޮށްފައި ވެ އެވެ.