09 މެއި 2022 - 07:34

ރާއްޖޭގައި މިއަދު ފަށާ ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތް، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ސިފަ ކުރެއްވީ ރާއްޖޭގެ ޓީޓީ އަށް ބަލާއިރު "ކުޑަ ވޯލްޑް ކަޕެއް" ގެ ގޮތުގަ އެވެ.

"މީ އަޅުގަނޑުމެންގެ ޓީޓީ ވޯލްޑް ކަޕޭ ވެސް ބުނެވިދާނެ،" މިނިސްޓަރު ވިދާޅުވެފައި އެވެ.

"މީ ޓީޓީ ބަދަލުކޮށްލަން ލިބޭ ވަރަށް ބޮޑު ފުރުސަތެއް. ޓީޓީ އަށް ބަލާއިރު އިންޑިއާ އަކީ ވަރަށް ވަރުގަދަ ބާރެއް. އޭގެއިން އެންމެ ކުޅުންތެރިޔެއް ބަލި ކުރެވުނަސް އެއީ ވަރަށް ބޮޑު ހިތްވަރެއް، އެކަން ބަދަލު ކުރަން ސަޕޯޓަރުންގެ އެހީ ވަރަށް މުހިންމު."

މުބާރާތަށް ސްޕޯޓްސް މިނިސްޓްރީ އާއި ޓީޓީއޭއެމުން ވީ ތައްޔާރީތަކަށް ބެލިޔަސް ރާއްޖޭގައި ބޭއްވި އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތެއް ފިޔަވައި އެހެން ކުޅިވަރެއްގެ އިންޓަނޭޝަނަލް މުބާރާތެއްގައި ނުފެންނާނެހާ ގިބަ ކުލަތައް ފެނިގެން ދިޔަ އެވެ. މީގެކުރިން މިފަދަ މަންޒަރުތައް ފެނިފައި ވަނީ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕްގަ އެވެ. މިފަހަރު ސަރަހައްދީ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝޕްގަ އެވެ.

ދެކުނު އޭޝިއާގައި ވެސް ޖޫނިއާ ޓީޓީ މުބާރާތަށް ދެވިފައިވާ އަހަމިއްޔަތުކަން ކުޑަ އެވެ. މުބާރާތުގެ ފޯރި ގެނައުމަށް ހިންގޭ ހަރަކާތްތައް ވެސް ކުޑަ އެވެ. އެކަމަކު މިފަހަރު މުބާރާތަށް ރާއްޖެއިން ވީ ތައްޔާރީތަކަށް އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަށްއިން ވެސް ތައުރީފް ކުރި އެވެ. މުބާރާތަށް ހާއްސަ ލޯގޯ އަކާއި ލަވައެއް ތައްޔާރު ކުރި އެވެ. މިރޭ ބާއްވާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މުބާރާތަށް ހާއްސަކޮށް ބައިނަލްއަގްވާމީ ޓީޓީ ފެޑެރޭޝަންތަކުގެ ވެރިން ވެސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިއީ މީގެ ކުރިން ދެކުނު އޭޝިއާގެ ޖޫނިއާ ޓީޓީ މުބާރާތެއްގައި ފެނުނު ކަންތައްތަކެއް ނޫނެވެ.
"މުބާރާތަށް ހާއްސަ ލޯގޯ ލޯންޗުކޮށްލީމަ ވެސް ބައެއް ގައުމުތަކުގެ އެސޯސިއޭޝަންތަކުގެ ރައީސުން ވަރަށް ތައުރީފްކޮށްފައި އެބަހުރި. އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަންގެ ރައީސް (ކައި ޒީންހުއާ) ވެސް. އެމީހުން ވަރަށް އެގްޒައިޓެޑް މިހާރު މިމުބާރާތަށް އަންނަން ވެސް،" މަހްލޫފް ކުރިން ވިދާޅުވެފައި ވެއެވެ.
"(އެމީހުން ފާހަގަ ކުރި) މީގެ ކުރިން މިމުބާރާތް ބާއްވަނީ ވަރަށް އާދައިގެ ކުޑަކުޑަގޮތަކަށޭ. އަޅުގަނޑު ކައިރިގައި ބުނި ކަލޭމެން [ރާއްޖެއިން] ތިއުޅެނީ މުޅި ސްކޭލް ބަދަލުކޮށްލަންހޭ. އިރާދަކުރެއްވިއްޔާ މުބާރަތަށް މިތަނަށް [ސޯޝަލް ސެންޓަރަށް] ވަންނައިރަށް އެތަފާތު ފެންނަވަރަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން."
ބޭރުން ޓީމުތައް ގެނެސް މުބާރާތަކަށް ތައްޔާރުވުންްްް، މީގެ ކުރިން ފެނިފައި ވަނީ ފުޓްބޯޅަ އާއި ވޮލީގަ އެވެ. ގައުމީ ޓީޓީ ޓީމުގެ ތައްޔާރީތަކަށް ކޮރޮއޭޝިއާގެ ދެކުޅުންތެރިންނާއި ކޯޗަކު ގެނައުމަކީ ޓީމުގެ ތައްޔާރީތަކަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގައުމީ ޓީމުގެ ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޯޕޮލްސް (ކޮސްޓޯ) ފާހަގަ ކުރި އެވެ.
ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް މުބާރާތަށް ހާއްސަކޮށް ޓީމު އެއްކޮށް އެއް ހޮޓަލެއްގައި ކޭމްޕް ކުރުމަކީ ވެސް މީގެ ކުރިން ޓީޓީން ފެނުނު މަންޒަރެއް ނޫނެވެ. އެއީ ވެސް ތައްޔާރީތަކުގައި ފެނިގެން ދިޔަ ތަފާތެއްގެ ގޮތުގައި މިނިސްޓަރު މަހްލޫފް ފާހަގަ ކުރެއްވި އެވެ.
"ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބާއްވާއިރު ފުޓުބޯޅަ ފިޔަވައި އެހެން ކުޅިވަރުތަކުން ކޭމްޕްކުރުން އޮތީ ކުރަން ނުޖެހޭ ކަމެއްގެގޮތުގައި. ނަމަވެސް ޒުވާން ޓީޓީ ޓީމު މިހާރު ތިބީ ބީހައިވް ހޮޓަލުގަ ކޭމްޕް ކޮށްގެން. މިއީ ޓީޓީ ޓީމެއް ކޭމްޕްކުރި ފުރަތަމަ ފަހަރު. ފައިދާތަކެއް ކުރާނެ،" މިނިސްޓަރު މަހްލޫފް ސޯޝަލް މީޑީއާގައި ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމު ވެސް ޓީމާ ވަކިވަކިން ބައްދަލު ކުރެއްވި އެވެ. އެކަން ވެސް ވެގެން ދިޔައީ މީގެ ކުރިން ޓީޓީ އަށް ހާއްސަ އިންޓަނޭޝަނަލް މުބާރާތެއްގައި އަލަށް ފެނުނު ކަމަކަށެވެ. މުބާރާތައް ރާއްޖެއިންވީ ތައްޔާރީތަކާއެކު ފުޓްބޯޅަ އާއި އެހެން ކުޅިވަރުތަކާ ތަފާތެއް ނެތްކަން ހާމަ ކުރައްވަން މިނިސްޓަރު ހުންނެވީ ތައްޔާރު ވެގެންނެވެ.
"އަޅުގަނޑުމެން ފުޓްބޯޅަ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ވެސް އަޑު އިވޭނެ ފުޓްބޯޅަ އެކަނި ހެއްޔޭ މިނިސްޓްރީން ކުރާ ކަމަކީ. ފުޓްބޯޅަ އަށް އެކަނިހޭ ސަޕޯޓަރުން ހޯދަން ޕްރަމޯޓް ކުރަން ޖެހެނީ. އަޅުގަނޑުމެން މިއުޅެނީ އެކަން ބަދަލު ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ އެކަން ބަދަލު ކުރުމަށް އަޅާ އެއް ފިޔަވަޅު. އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތް އަޅުގަނޑުމެން އެބަކުރަން."
ބުރާސްފަތި ދުވަހާ ހަމައަށް ސޯޝަލް ސެންޓަރުގެ އިންޑޯހޯލްގައި ކުރިއަށްދާ މުބާރާތައް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީން ވަނީ އިންޑޯގައި އެއާކޮންޑިޝަންތައް ހަރުކޮށްފަ އެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ އެއީ 30 އަހަރަށް ފަހު ސޯޝަލް ސެންޓަރުގެ އިންޑޯގައި އޭސީ ހަރުކުރާ ފުރަތަމަ ފަހަރު ކަމަށެވެ.