ޓޮނާލީގެ ދެ ލަނޑުން މޮޅުވެ އޭސީ މިލާން ލީގު ހޯދުމާ ގާތަށް
ޓޮނާލީގެ ދެ ލަނޑުން މޮޅުވެ އޭސީ މިލާން ލީގު ހޯދުމާ ގާތަށް

ވެރޯނާ (މެއި 9) - އިޓާލިއަން ސެރީ އޭ ގައި އޭސީ މިލާނުން ރަށުން ބޭރުގައި ހަލެސް ވެރޯނާ 3-1 އިން ބަލިކޮށް ލީގު އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ދަމަހައްޓައިފި އެވެ.

މި މެޗުގެ ކުރިން ޗެމްޕިއަން އިންޓަ މިލާން އޮތީ އެއް މެޗު އިތުރަށް ކުޅެގެން އެއް ޕޮއިންޓުން ކުރި ހޯދައި ލީގު އެއްވަނައިގަ އެވެ. އެކަމަކު އޭސީ މިލާން ވަނީ މިރޭ ފަހަތުން އަރައި ވެރޯނާ ބަލިކޮށް، 10 އަހަރު ފަހުން އެޓީމު ލީގު ހޯދަން ކުރާ އުންމީދު ދަމަހައްޓައިފަ އެވެ.

މެޗުގެ 38 ވަނަ މިނިޓުގައި ވެރޯނާ އަށް ލީޑު ނަގައިދިނީ ޑެވިޑޭ ފަރައޯނީ އެވެ. ނަމަވެސް ސަންޑްރޯ ޓޮނާލީ ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަނޑު ޖަހައި ހާފް ނިމުމުގެ ކުރިން އޭސީ މިލާނަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

ފަހު ހާފު ފެށިގެން ފަސްވަނަ މިނިޓުގައި މިލާނުން ވަނީ މެޗުގައި ލީޑު ނަގައިފަ އެވެ. ލީޑު ނެގި ލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ޓޮނާލީ އެވެ. އަދި ތިންވަނަ ލަނޑު 87 ވަނަ މިނިޓުގައި ޖަހައިދިނީ އަލެސަންޑްރޯ ފްލޮރެންޒީ އެވެ.

މި ނަތީޖާއާ އެކު އޭސީ މިލާން އެއްވަނައިގައި އޮތީ 36 މެޗުން 80 ޕޮއިންޓް ހަމަ ކޮށްގެންނެވެ. ދެވަނައިގައި އޮތް އިންޓަ މިލާނަށް ލިބިފައި ވަނީ 78 ޕޮއިންޓެވެ. ދެ ޓީމަށް ވެސް ލީގުގައި ބާކީ އޮތީ ދެ މެޗެވެ.

ލީގު ތިންވަނައިގައި އޮތް ނަޕޯލީ ވަނީ ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 1-0 އިން ޓޮރީނޯ ބަލި ކޮށްފަ އެވެ. އެޓީމުގެ ހަމައެކަނި ލަނޑު ފަހު ހާފުގައި ޖަހައިދިނީ ފަބިއަން ރުއިޒް އެވެ.

ނަޕޯލީ އަށް ވެސް ލީގުގައި ބާކީ ދެ މެޗު އޮތްއިރު އެޓީމަށް ލިބިފައި ވަނީ 73 ޕޮއިންޓެވެ. އަދި ހަތަރު ވަނައިގައި އޮތް ޔުވެންޓަސް ވަނީ 69 ޕޮއިންޓް ހޯދައިފަ އެވެ.