09 މެއި 2022 - 07:19

މިއުނިކް (މެއި 9) - ޖަރުމަން ބުންޑެސްލިގާ ގައި ޗެމްޕިއަން ބެޔާން މިއުނިކުން އަމިއްލަ ދަނޑުގައި ކުޅުނު ފަހު މެޗުގައި ސްޓަޓްގާޓާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވި މެޗަށް ފަހު އެޓީމުން ލީގުގެ އަށްޑަނަ އުފުލާލައިފި އެވެ.
މިއީ ބެޔާން މިއުނިކުން ޖެހިޖެހިގެން ބުންޑެސްލިގާ ކާމިޔާބުކުރި 10 ވަނަ ފަހަރެވެ. އެޓީމުން ވަނީ ލީގުގައި ބާކީ ތިން މެޗު އޮއްވައި މީގެ ދެ ހަފްތާ ކުރިން އަމިއްލަ ދަނޑުގައި ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ލީގު ޗެމްޕިއަންކަން ޔަގީން ކޮށްފަ އެވެ. މިއީ ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ތެރެއިން ޓީމެއް ލީގު ޗެމްޕިއަންކަން ޖެހިޖެހިގެން 10 ފަހަރު ހޯދި ފުރަތަަ ފަހަރެވެ.
މިރޭގެ މެޗުގެ އަށްވަނަ މިނިޓުގައި ލަނޑު ޖަހައި ލީޑު ނެގީ ސްޓަޓްގާޓުންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޕޯޗުގަލްގެ ސްޕޯޓިން އިން އެޓީމަށް ލޯނު އުސޫލުން ކުޅޭ ޒުވާން ފޯވާޑް އިތާގޯ ތޯމަސް އެވެ. ނަމަވެސް 35 ވަނަ މިނިޓުގައި ސާޖް ގްނަބްރީ ބެޔާން އަށް އެއްވަރު ކޮށްދިނެވެ. އަދި ހާފް ނިމުމުގެ ކުރިން ތޯމަސް މުލާ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ.
ދެވަނަ ހާފުގެ 64 ވަނަ މިނިޓުގައި ސްޓަޓްގާޓަށް ނަތީޖާ އެއްވަރު ކޮށްދިނީ އެޓީމުގެ އޮސްޓްރިއާ ފޯވާޑް ސަސާ ކަލަޑްޒިކް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ސްޓަޓްގާޑް ޑިފެންޑަރެއްގެ މޫނުމަތީގައި ޖަހައިގެން ބެޔާންގެ ފޯވާޑް ކިންގްސްލީ ކޯމަން އަށް ވަނީ ރެފްރީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.
އެއްވަނައިގައި އޮތް ބެޔާން މިއުނިކަަށް 76 ޕޮއިންޓް ލިބިފައި ވާއިރު، ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑް އޮތީ 10 ޕޮއިންޓް ފަހަތުގަ އެވެ.
ލީގު ޗެމްޕިއަންކަން ޔަގީން ކުރި މެޗަށް ފަހު ބެޔާނުން ދެ މެޗު ކުޅެފައި ވެއެވެ. ދެ މެޗުން ވެސް މޮޅެއް ނުވެ އެވެ. މިރޭ ސްޓަޓްގާޑް އަތުން ޕޮއިންޓެއް ހޯދުމުގެ ކުރިން މިދިޔަ ހަފްތާ ބެޔާން ވަނީ ރަށުން ބޭރުގައި މެއިންޒް އަތުން ބަލި ވެފަ އެވެ.
ލީގު ފަހު މެޗުގައި ބެޔާން މިއުނިކް އަންނަ ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ ރަށުން ބޭރުގައި ވުލްވްސްބާގާ ދެކޮޅަށެވެ.