08 މެއި 2022 - 23:34

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު ނަހުލާ އަލީ ޕީޕީއެމުން ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމައިފި އެވެ.
ނަހުލާ އާއި އޭނާގެ މަންމަ ޕީޕީއެމުން ވަކިކުރަން ނިންމީ މި މަހުގެ 14 ގައި ބާއްވާ މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓަށް "އެންޓި ކެމްޕެއިން" ކުރާ ކަމަށާއި ޕާޓީގެ ލީޑާޝިޕް ބަދުނާމުކުރާ ކަމަށް ތުހުމަތުކޮށެވެ.
ޕީޕީއެމްގެ އިސް ބޭފުޅަކު މިރޭ ވިދާޅުވީ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު ނަހުލާ އާއި އޭނާގެ މަންމަ ޕާޓީން ވަކިކުރަން ނިންމައިފައިވާ ކަމަށެވެ.
ނަހުލާގެ ސުލޫކީ މައްސަލައެއް ބަލަން ފެށީި މި މަހުގެ ހަވަނަ ދުވަހުގަ އެވެ. އެ ދުވަހު ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ
ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަންފުޅު ބޭނުންކޮށް ދޮގު ވާހަކަތައް ދައްކައި, މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި ފިތުނަ އުފެދޭ ވާހަކަތައް ނަހުލާ ދައްކަމުން ގެންދާ ކަމަށެވެ. އަދި އެ ކަންކަން ކުރުމުގައި ނަހުލާއާ އެކު އޭނާ އަށް ވާގިވެރިވުމުގައި އޭނާގެ މަންމަ ލީލާ އާއި އެ ޕާޓީން މިހާރު ވަކިވެފައިވާ އޭނާގެ ކޮއްކޮ މަރްޔަމް ނަފްހާ އަލީ ހިމެނޭ ކަމަށެވެ. ނަމަވެސް ނަހުލާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.