ޑައިވަރު ސައީދު ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފި
ޑައިވަރު ސައީދު ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފި

ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިން ޕޮއިންޓަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު އެ ރަށު މަޝްހޫރު ޑައިވަރު، މުހައްމަދު ސައީދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން މެދުކަނޑާލައިފި އެވެ.

ސައީދު, 44، ގެއްލުނީ އިތުރު މީހަކާ އެކު ޑައިވިން އަށް ގޮސް އުޅެނިކޮށް މި މަހުގެ ދެ ވަނަ ދުވަހު ހަވީރުގަ އެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ސައީދު ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން އެމްއެންޑީއެފް ކޯސްޓްގާޑުން މެދުކަނޑާލާފައިވާ ކަމަށެވެ.

ތިން ކުދިންގެ ބައްޕަ ސައީދު ހޯދުމަށް ކޯސްޓްގާޑުގެ ސިފައިން ހަތް ދުވަހުގެ ތެރޭގައި ވައިގެ މަގުން 2960 ސްކެއާ މޭލުގެ ސަރަހައްދެއް ބެލި އެވެ. އަދި ކަނޑުގެ މަގުން (ސާފޭސް ސާޗު) 760 ސްކެއާ މޭލާއި ކަނޑުގެ އަޑިން 1000 މީޓަރުގެ (ފުންމިން 85 މީޓަރު) ސަރަހައްދެއް ބެލި އެވެ.

ސައީދު ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން ސިފައިން ވަނީ ސައީދު, މަސް ހިފަން ގެންގުޅުނު އާލާތެއް 59 މީޓަރު އަޑިން ހޯދައިފަ އެވެ. އަދި ސައީދު ގެއްލުނު ސަރަހައްދުގެ 68 މީޓަރު (223 ފޫޓް) އަަޑިން ޑައިވިން ބެލްޓެއް ވެސް ހޯދި އެވެ. ނަމަވެސް އެއީ ސައީދުއާ ގުޅުން ހުރި އެއްޗެއް ކަމަކަށް އެމްއެންޑީއެފަކުން ނުބުނެ އެވެ.