08 މެއި 2022 - 22:40

އެސޯސިއޭޝަން އޮފް އޭޝިޔަން އިލެކްޝަން އޮތޯރިޓީ (އޭއޭއީއޭ) ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން (އީސީ) އިންތިހާބުވެއްޖެ އެވެ.
މިއީ އޭއޭއީއޭގެ މަގާމަކަށް ރާއްޖެ އިންތިހާބުވި ފުރަތަމަ ފަހަރެވެ. އިއްޔެ ފިލިޕީންސްގައި ބޭއްވި އޭއޭއީގެ އާންމު ބައްދަލުވުމުގައި އެ އޮތޯރިޓީގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ރާއްޖެ ހޮވުނީ މެންބަރު ގައުމުތަކުގެ މެދުގައި ނެގި ވޯޓުގެ އިއްތިފާގުންނެވެ.
ރާއްޖޭގެ އިތުރުން އޭއޭއީއޭގެ އެގްޒެކެޓިވް ބޯޑަށް އިންތިހާބުވީ ފިލިޕީންސާއި ރަޝިއާ އާއި ކަޒަކިސްތާނެވެ.
އޭއޭއީއޭގެ މި އަހަރުގެ ރިޔާސަތު ބެލެހެއްޓީ އިންޑިއާއިންނެވެ, ވައިސް ޗެއާގެ މަގާމު އަދާކުރީ ތައިވާނުންނެވެ.
އޭއޭއީއޭ ގައި ރާއްޖޭގެ އީސީ ތަމްސީލު ކުރެއްވީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އިސްމާއީލް ހަބީބާއި އެސިސްޓެންޓް ޑިރެކްޓަރު މަރިޔަމް ޝާހިޔާ އެވެ.
އޭއޭއީއޭޭ އަކީ މިނިވަން އިންތިހާބުތައް ބާއްވަން ބޭނުންވާ އެހީތެރިކަން އެއް ގައުމުން އަނެއް ގައުުމަށް ފޯރުކޮށްދިނުމަށާއި މެންބަރު ގައުމުތަކުގެ އިލެކްޝަން ކޮމިޝަންތަކުގެ މިނިވަންކަން ހިފެހެއްޓުމަށް މަސައްކަތް ކުރުމަށްޓަކައި 1998 ވަނަ އަހަރު އުފެއްދި އޮތޯރިޓީއެކެވެ. އެ އޮތޯރިޓީގެ މެންބަރުންގެ ގޮތުގައި 20 ގައުމު ހިމެނެ އެވެ. މެންބަރުންގެ ގޮތުގައި އަފްގާނިސްތާން, ބަންގްލަދޭޝް, އިންޑޮނޭޝިއާ, ކޮރެއާ, ނޭޕާލް, ޕާކިސްތާން, ސްރީލަންކާ ހިމެނެ އެވެ.