ލޮކްއަޕް ކާމިޔާބުކުރީ ޝޯގެ ތެރެއިން ޖަލަށްލި މުނައްވަރު
ލޮކްއަޕް ކާމިޔާބުކުރީ ޝޯގެ ތެރެއިން ޖަލަށްލި މުނައްވަރު

ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނައުތު ހުށަހަޅާ ފުރަތަމަ ޝޯ "ލޮކް އަޕް" ގެ ފުރަތަމަ ސީޒަން، މުނައްވަރު ފާރުގީ ކާމިޔާބުކޮށްފި އެވެ.

ސްޓޭންޑަޕް ކޮމޭޑިއަނެއްގެ ގޮތުގައި މަސައްކަތްކުރާ މުނައްވަރު މި ޝޯ ކާމިޔާބުކުރީ ޕާޔަލް ރޯހަތުގީ އާއި އަންޖަލީ އަރޯރާއާ ވާދަކޮށްގެންނެވެ. ޝޯގެ ދެވަނަ ހޯދީ ޕާޔަލް އެވެ.

ފައިނަލިސްޓުންގެ ގޮތުގައި ހޮވުނު އަޒްމާ ފަލާހާއި ޝިވަމް ޝަރްމާ ކެޓީ ފިނާލޭ ޝޯގަ އެވެ.

ޝޯ ކާމިޔާބުކުރުމާ އެކު ލޮކް އަޕްގެ ޓްރޮފީގެ އިތުރުން 20 ލައްކަ ރުޕީސްގެ ފައިސާގެ އިނާމާއި ކާރެއް ވެސް އިނާމުގެ ގޮތުގައި މުނައްވަރަށް ލިބުނެވެ.

އެހެން ރިއަލިޓީ ޝޯތަކާ ހިލާފަށް މި ޝޯގެ މޮޅުވާ ބައިވެރިޔާ ހޮވަނީ ވޯޓަކުނެއް ނޫނެވެ. ޝޯގެ ވަކި ހިސާބަކަށް ދާން ވޯޓު މުހިއްމު ވިޔަސް މޮޅުވާ ބައިވެރިޔާ ހޮވުމުގެ ބާރު އޮންނަނީ ކަންގަނާ އަށެވެ.

އެކަމަކު އެންމެ ގިނަ އަދަދަކަށް ވޯޓު ވެސް ލިބުނީ މުނައްވަރަށެވެ.

އެ ޝޯ ކާމިޔާބުކުރެވުމުން އޭނާ ވަނީ ފަންސާހެއްހާ ނޫސްވެރިންނަށް ވަކިވަކިން އިންޓަވިއު ދީފަ އެވެ.

މުނައްވަރަށް ޝޯ އިން ފުރުސަތު ލިބުމުގެ ކުރިން ޝޯއެއްގައި ހިންދޫންގެ ކަލާނގެއަށް އޭނާ ފުރައްސާރަކުރި ކަމަށް ބުނެ މަސް ދުވަހަށް ޖަލަށްވެސް ލި އެވެ. އެކަމަކު ކަފާލާތުގެ ދަށުން މިނިވަންވީ އެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ އެތައް ޝޯއެއް ކެންސަލްވި އެވެ.

އެކަމާ ގުޅިގެން މުނައްވަރު ބުނެފައި ވަނީ އޭނާ ޖަލަށް ދާން ޖެހުނީ އޭނާ ބޭރު ވެސް ނުކުރާ ޖޯކަކާ ގުޅިގެން ކަމަށެވެ.