08 މެއި 2022 - 13:04

މަންމަނެއް ކަމަށް ހެދިގެން ގެއަކަށް ވަދެ, މަކަރާއި ހީލަތުން ފައިސާ ހޯދަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ.މުލަކު މީހެއް ކަމަށްވާ އަހްމަދު އާމިރު ހުސައިން, 29، އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން ގާޒީ ހުސައިން ފާއިޒް ރަޝާދު އަމުރު ކުރެއްވީ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ.
ފުލުހުންގެ ހާދިސާ ރިޕޯޓުގައިވާ ގޮތުން މާފަންނުގައި ހުންނަ ގެޔަކަށް އަހްމަދު ވަނުމަށް ފަހު މަންމަނެއް ކަމަށް ހެދިގެން ފައިސާ ހޯދަން އުޅުނެވެ. ނަމަވެސް އޭނާ ބުނީ އެ ގެއަށް ވަނީ އެ ގޭގެ ވެރިފަރާތުން ބުނެގެން ކަމަށެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި އަހްމަދަކީ މި ބާވަތުގެ ކުށުގެ ރެކޯޑުގެ އިތުރުން އެހެނިހެން ކުށްތަކުގެ ރެކޯޑު ވެސް ގިނަ މީހެކެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ގިނަ އެވެ. އަދި ފައިސާ ހޯދަން ބޭނުންކުރާ މަކަރުވެރި އެކި އުކުޅުތައް ވެސް ބޭނުންކުރެ އެވެ.