ޑޮކްޓާ ސްޓްރޭންޖް: އެއްބަޔަކަށް ވަރަށް ރީތި، އަނެއްބަޔަކަށް ސުމެއް
ޑޮކްޓާ ސްޓްރޭންޖް: އެއްބަޔަކަށް ވަރަށް ރީތި، އަނެއްބަޔަކަށް ސުމެއް

މާވެލްގެ އެންމެ ބޮޑު ކްރޮސް އޯވާ ފިލްމު "ޑޮކްޓާ ސްޓްރޭންޖް: މަލްޓިވާސް އޮފް މޭޑްނެސް" އަށް މައްސުނި ރިވިއުތަކެއް ލިބެން ފަށައިފި އެވެ.

މިއަހަރު މާވެލް އިން ސިނަމާއަށް ނެރޭ މާވެލް ސިނެމޭޓިކް ޔުނިވާސް (އެމްސީޔޫ)ގެ ފުރަތަމަ ޕްރޮޖެކްޓް ޑޮކްޓާ ސްޓްރޭންޖަކީ މާވެލްގެ އެންމެ އުއްމީދީ އަދި އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ. ތަފާތު އެކި ފްރެންޗައިޒްތަކުން ކެރެކްޓާއިން ގެނެސްގެން ނެރުނު މި ފިލްމު ދައްކަން ފަށާފައިވަނީ މިދިޔަ ހަފުތާ ބަންދުގަ އެވެ.

ފިލްމު އެޅުވުމާ އެކު ފިލްމަށް ލިބޭ ރިވިއުތައް ވަރަށް ތަފާތުވެފައިވެ އެވެ. ބައެއް މީހުންނަށް ފިލްމު ވަރަށް ކަމުދިޔަ އެވެ. އަދި އަނެއް ބަޔަކަށް ފިލްމު އެއްވެސް ވަރަކަށް ކަމަކުނުދެ އެވެ.

މިކްސްޑް ރިވިއުތަކާ ގުޅިގެން ޑޮކްޓާ ސްޓްރޭންޖަށް ރޮޓެން ޓޮމާޓޯސްގައި މިވަގުތު ލިބިފައި އޮތީ 75 ޕަސެންޓެވެ. މިއީ މައިގަނޑު ގޮތެއްގައި ޕޮޒިޓިވް ޕަސެންޓެކެވެ. ނަމަވެސް އެމްސީޔޫގެ ފަހުގެ ފިލްމުތަކުން އާންމުގޮތެއްގައި 80 އާއި 90 އާ ދެމެދު އުޅޭ އިރު މިފަހަރު މިއޮތީ ތަންކޮޅެއް ދަށްވެފަ އެވެ.

މިހެން ރިވިއު ލިބެމުން އަންނާތީ ފިލްމަށް ބޮކްސް އޮފީހުގައި ވާނެ ގޮތެއް ނޭނގެ އެވެ. މިދިޔަ ހަފުތާ ބަންދުގައި ފިލްމަށް ރަނގަޅު އާމްދަނީއެއް ވަނީ ލިބިފަ އެވެ. ނަމަވެސް ރިވިއުތަކުގެ ސަބަބުން އާމްދަނީއަށް ބަދަލު އައުން އެކަށީގެން ވެ އެވެ.