08 މެއި 2022 - 12:49

ދިވެހި ސާފިން ލީގުގެ ދެވަނަ މުބާރާތުގެ އިސް ޖަޖެއްގެ ގޮތުގައި ދެކުނު އެފްރިކާގެ ތަޖުރިބާކާރެއް ކަމަށްވާ، ކްލައިޑް މާޓިން ހަމަޖައްސައިފި އެވެ.
މ. މުލީގައި އަންނަ ހުކުރު ދުވަހު ފަށާ މުބާރާތުގައި މާޓިން އާއެކު ރާއްޖޭގެ ޖަޖުން ވެސް މަސައްކަތް ކުރާނެ އެވެ.
ސާފިން އެސޯސިއޭޝަނުން ބުނީ މުލީ މުބާރާތުގެ ސީނިއާ ޖަޖެއްގެ ގޮތުގައި މާޓިން ހަމަޖެއްސީ ރާއްޖޭގެ ޖަޖުންނަށް އޭނާގެ ކިބައިން ކަންކަން ދަސްކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ކަމަށެވެ. ޖަޖެއްގެ ގޮތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތެއް މާޓިން ވަނީ ހޭދަ ކޮށްފަ އެވެ.
ރާޅާ އެޅުމުގެ ޖަޖެއްގެ ގޮތުގައި އޭނާ އެންމެ ފުރަތަމަ މަސައްކަތް ފެށީ 1989 ވަނަ އަހަރު އެވެ. އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ އެސޯސިއޭޝަން ސާފިން ޕްރޮފެޝަނަލްގަ އެވެ. ގާތްގަނޑަކަށް ހަތަރު އަހަރު ވަންދެން އެއެސޯސިއޭޝަންގައި އޭނާ މަސައްކަތް ކުރި އެވެ. އަދި އޭގެ ފަހުން ޔޫރަޕިއަން ޕްރޮފެޝަނަލް ސާފިން އެސޯސިއޭޝަންގައި ވެސް އޭނާ މަސައްކަތް ކުރި އެވެ. އެސޯސިއޭޝަން ސާފިން ޕްރޮފެޝަނަލްގައި ޔޫރަޕްގެ ޔޫރަޕްގެ ޓްއާ މެނޭޖަރެއްގެ ގޮތުގައި ވެސްމަސައްކަތް ކޮށްފަ އެވެ.
ޕޯޗުގަލްގައި 1998 ގައި ބޭއްވި ޖޫނިއާ ވޯލްޑް ޗެމްޕިއަންޝިޕްގައި އިސް ޖަޖުގެ ގޮތުގައި އޭނާ މަސައްކަތް ކުރި އެވެ. ޕްރޮފެޝަނަލް ރާޅާ އެޅުންތެރިޔަކަށް ވާނެ ގޮތާ ބެހޭގޮތުން އޭނާ ލިޔެފައިވާ ފޮތަކީ ސާފިން ެއތުލީޓުންގެ މެދުގައި ވެސް މަގުބޫލު ފޮތެކެވެ.
ސާފިން އެސޯސިއޭޝަނުން ދަނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ސާފިންގެ އެކި ދާއިރާތަކުން މީހުން ތަމްރީން ކުރަމުންނެވެ. އެގޮތުން މިދިޔަ މަހު އިންގްލެންޑުގެ ގައުމީ ސާފިން ޓީމުގެ ކުރީގެ ކޯޗު ޕެޓްރިކް ރެނައުޑްގެ ބެލުމުގެ ދަށުން ރާއްޖޭގެ ގައުމީ ސާފިން ޓީމަށް ކޯޗިން ކޭމެޕެއް ކުރިއަށް ގެންގޮސްފި އެވެ. އޭގެ އިތުރުން ސާފް ސޭފް ގާޑިން ކޯހެއް ވެސް އޭނާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ އެވެ.
ރެނައުޑް ވަނީ ސާފިން ކޯޗެއްގެ ގޮތުގައި ސައުތު އެފްރިކާ އާއި އޮސްޓްރޭލިއާ، ދެކުނު ކޮރެއާ އަދި ސްރީ ލަންކާގައި މަސައްކަތް ކޮށްފަ އެވެ. ސާފިން ކޯޗެއްގެ އިތުރުން ލައިފް ގާޑް އިންސްޓްރަކްޓަރެއްގެ ގޮތުގައި އޭނާ ވަނީ 15 އަހަރު މަސައްކަތްކޮށްފަ އެވެ.