08 މެއި 2022 - 12:42

ސިޔާސީ އަދި އިގްތިސާދީ ހަމަނުޖެހުން ބޮޑުވެފައިވާ ސްރީ ލަންކާގައި ވަގުތީ ސަރުކާރެއް އެކުލަވާލުމަށް ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ހުށަހެޅުއްވުމުން އިދިކޮޅު ސަމަގީ ޖަނާ ބަލަވެގަޔާ (އެސްޖޭބީ) އިން އެކަމަށް ދެކޮޅުހަދައި، ރިޔާސީ ނިޒާމު އުވާލުމުގެ ހުށަހެޅުމަށް ތާއީދުކުރާކަން ހާމަކޮށްފި އެވެ.
ލަންކާ ސަރުކާރާ ދެކޮޅު މުޒާހަރާތައް އިތުރަށް ހޫނުވެ އަލުން އިމަޖެންސީ އިއުލާނުކޮށްފައި ވަނިކޮށް އެސްޖޭބީން ބުނީ ޕާޓީގެ ލީޑަރު ސަޖިތު ޕްރެމަދާސަ ވަނީ ރައީސްގެ ހުށަހެޅުން ގަބޫލުކުރެވެން ނެތްކަން އަންގަވާފައި ކަމަށެވެ.
ރާޖަޕަކްސަ ވަނީ ޕްރެމަދާސަ އާއި އެސްޖޭބީގެ އިގްތިސާދީ ކަންކަމާ ބެހޭ ލީޑަރު ހާޝަ ޑި ސިލްވާ އަށް ފޯނުން ގުޅުއްވައި ވަގުތީ ސަރުކާރެއްގައި ބައިވެރިވުމަށް ދައުވަތު ދެއްވައިފަ އެވެ. ވަގުތީ ސަރުކާރެއް އެކުލަވައިލުމަކީ ނުފޫޒު ގަދަ ބުޑިސްޓުންނާއި ސަރުކާރުގެ ކޯލިޝަނުން ވަކިވި ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ވެސް ޑިމާންޑެކެވެ.
އެކަމަކު އެސްޖޭބީން އިއްޔެ ވަނީ ލަންކާގެ ބާ އެސޯސިއޭޝަނުން ހުށަހަޅާފައިވާ ގޮތަށް 18 މަސް ދުވަހުގެ ވަގުތީ ސަރުކާރެއް އެކުލަވާލައި އެ މުއްދަތުގައި ރިޔާސީ ނިޒާމު އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތާއީދުކޮށްފަ އެވެ. މީގެ އިތުރުން 2020 ވަނަ އަހަރު ގާނޫނުއަސާސީއަށް އިސްލާހު ގެނެސް ރާޖަޕަކްސަގެ ބާރުތައް ގަދަކުރި އިސްލާހު އުވާލަން ވެސް ހުށަހަޅައިފަ އެވެ.
ސަރުކާރުގެ ހުށަހެޅުމަށް އިދިކޮޅު ޕާޓީން ނޫނެކޭ ބުނުމުގެ ކުރިން ކުރީގެ ރައީސް މައިތިރްޕަލާ ސިރިސޭނާ ޕްރެމަދާސައާ ބައްދަލުކުރައްވައި، ވަގުތީ ސަރުކާރުގައި ބައިވެރިވުމުގެ ހުށަހެޅުމުން ގަބޫލުކުރުމަށް ވެސް އެދިވަޑައިގަތެވެ. ޕްރެމަދާސަ ވަނީ ގޮޓާބަޔަ އާއި މަހިންދަ ރާޖަޕަކްސަ ބައިވެރިވާ އެއްވެސް ސަރުކާރެއްގައި ހިއްސާނުވާނެ ކަމަށް ކުރިން ވެސް ވިދާޅުވެފަ އެވެ.
ލަންކާ ދަރަނިވެރިވެ އިގްތިސާދީ އަޑިގަނޑަކަށް ވެއްޓުމާ އެކު ސަރުކާރާ ދެކޮޅަށް ރައްޔިތުން ނުކުމެ އަޑު އުފުލަމުން ދަނީ ވެރިން އިސްތިއުފާ ދިނުމަށެވެ. އެކަމަކު ރާޖަޕަކްސަ އާއިލާގެ ފުރިހަމަ ކޮންޓްރޯލް އޮތް ސަރުކާރުން ދަނީ ޑިމާންޑްތަކަށް ދެކޮޅުހަދަމުންނެވެ.