26 ޑިސެމްބަރ 2016 - 09:59

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގައި ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި އަންނަ މަހު އޭނާ ޓީމާ ހަވާލުވާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ސްޓެވާޓް ކޯޗަކަށް ހަމަޖެއްސީ އެއްބަސްވުމެއް ނެތި އޭޝިއަން ކަޕް ޕްލޭ އޮފް ދެ މެޗަށެވެ. އޭނާ ވަނީ ޕްލޭއޮފްގައި ލާއޮސްގެ މައްޗަށް ކުރިހޯދައި އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ރާއްޖެ އަށް ޖާގަ ހޯދައިދީފަ އެވެ. ސްޓެވާޓަށް އަދި ދާއިމީ ކޮންޓްރެކްޓެއް ދީފައިނުވާއިރު، އޭނާ ވަނީ އިތުރު ފުރުސަތެއް ދީފިނަމަ 2019 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިކޮށްދޭން ބޭނުން ކަމަށް ބުނެފަ އެވެ.
ބައްސާމް "މިހާރަ"ށް ވިދާޅުވީ ކޯޗާ އެކު ބޭއްވި މަޝްވަރާތައް ނިމިފައިވާ ކަމަށެވެ.
"ކޯޗާ އެކު ކުރިއަށްގެންދިޔަ މަޝްވަރާތައް ނިމިއްޖެ. ދެން އަންނަ މަހު މެދުތެރޭ ކޯޗު (ސްޓެވާޓް) އައިސް އެއްބަސްވުމުގައި ސޮއިކޮށް ޓީމާ ހަވާލުވާނެ." ބައްސާމް ވިދާޅުވި އެވެ.
ކޯޗު ސްޓެވާޓަށް ދާއިމީ އެއްބަސްވުމެއް ދިނުމަށް ނިންމީ އެފްއޭއެމްގެ އެކްސްކޯ އާއި ގައުމީ ޓީމުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމަށް އެކުލަވާލާފައިވާ ޓެކްނިކަލް ކޮމިޓީގެ ލަފަޔާ އެކުގައި ކަމަށް ވެސް މީގެ ކުރިން ބައްސާމް ވަނީ ވިދާޅުވެފަ އެވެ.
ސްޓެވާޓަކީ ފާއިތުވި ދެ އަހަރު ތެރޭ ގައުމީ ޓީމަށް ގެނައި ތިން ވަނަ ކޯޗެވެ. އޭނާ ގެނައީ ކުރިން އެ މަގާމުގައި ހުރި ނިއު ޒީލެންޑުގެ ރިކީ ހާބަޓް މަގާމުން ވަކިކުރުމަށް ފަހު އެވެ.
ސްޓެވާޓަށް ދިނުމަށް ހަމަޖެހިފައިވަނީ އެއް އަހަރުގެ އެއްބަސްވުމެއް ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.
ސްޓެވާޓްގެ ކޯޗުކަމުގައި ގައުމީ ޓީމު ވަނީ ވާދަވެރި ތިން މެޗެއް ކުޅެފަ އެވެ. އެއީ ރަހުމަތްތެރިކަމުގެ މެޗެއްގައި ބަންގްލަދޭޝްއާ ދެކޮޅަށާއި އޭޝިއަން ކަޕް ކޮލިފައިންގައި ލާއޯސްއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗާއި ލާއޯސްގައި ކުޅުނު މެޗެވެ. ބަންގްލަދޭޝް އަތުން 5-0 އިން މޮޅުވިއިރު، ލާއޮސް އަތުން މާލޭގައި މޮޅުވީ 4-0 އިންނެވެ. އަދި ލާއޮސްގައި ކުޅުނު ދެ ވަނަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
އޮސްޓްރޭލިއާ ގައުމީ ޓީމަށް 1992 ވަނަ އަހަރު ތިން މެޗު ކުޅެދީފައިވާ ސްޓެވާޓް ވަނީ 2013 ވަނަ އަހަރު ސިންގަޕޫރު ލީގު ކަޕް ބަލެސްޓިއާ ޚަލްސާ އަށް ކާމިޔާބުކޮށްދީފަ އެވެ. އޭގެ ކުރިން 2009-2011 އަށް ސިންގަޕޫރުގެ ގޮމްބެކް ޔުނައިޓެޑަށް ވެސް ކޯޗުކޮށްދިން އިރު އޭނާ އެންމެ ފަހުން ކޯޗުކޮށްދިނީ ސިންގަޕޫރުގެ ވުޑްލެންޑްސް ވެލިންޓަން އެފްސީ އަށެވެ. މީގެ އިތުރުން 2004-2005 އަށް ސިންގަޕޫރުގެ ގަދަބާރު ގޭލެންގް ޔުނައިޓެޑުގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކުރި އެވެ.
އުމުރުން 50 އަހަރުގެ ސްޓެވާޓް ވަނީ 1986 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރުގެ ނިޔަލަށް ޕްރޮފެޝަނަލް ފުޓްބޯޅަ ކްލަބް ލެވެލްގައި ކުޅެފަ އެވެ. އެގޮތުން އޮސްޓްރޭލިއާގެ ނިއުކާސަލް ބްރޭކާސް އާއި ބްލެކްޓަން ސިޓީ އަދި މެލޭޝިއާގެ ޖޮހޯރު އެފްސީ އަދި ސިންގަޕޫރުގެ ބަލެސްޓިއާ އަށް ކުޅުނެވެ.