މަރިއުޕޯލް ކާރުޚާނާއިން އާންމުން ސަލާމަތްކޮށް ނިމިއްޖެ
މަރިއުޕޯލް ކާރުޚާނާއިން އާންމުން ސަލާމަތްކޮށް ނިމިއްޖެ

ރަޝިޔާ ސިފައިންގެ ހިސޯރުގައި އޮތް ކާރުޚާނާގެ ތެރޭގައި ރައްކާތެރިކަން ހޯދައިގެން ތިބި ޔޫކްރޭންގެ އާންމު ރައްޔިތުން، ސަލާމަތުން އެ ތަނުގެ ތެރެއިން ނެރެ، ރައްކާތެރި ހިސާބުތަކަށް ގެންދެވިއްޖެ ކަމަށް، ޔޫކްރޭންގެ ބޮޑުވަޒީރުގެ ނައިބު ރޭ ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރުގެ ނައިބު އިރީނާ ވެރެޝްޗުކް ޓެލެގްރާމްގައި އާންމުކުރެއްވި ކުރު ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ޔޫކްރޭންގެ ދެކުނުން އޮންނަ މަރިއުޕޯލްގައި ހުރި ދަގަނޑު އުފައްދާ ކާރުޚާނާގެ ތެރޭގައި ތިބި ހުރިހާ އަންހެނުންނާއި ކުޑަކުދިންނާއި އާންމު މުސްކުޅިން މިހާރު ވަނީ އެ ތަނުން ނެރެވިފަ އެވެ.

ރަޝިޔާ ސިފައިންގެ ހިސޯރުގައި އޮންނަތާ މަހެއްހާ ދުވަސް ވެފައިވާ ކާރުޚާނާގެ ތެރޭގައި މިހާރު ތިބީ، ޔޫކްރޭން ސިފައިންގެ މަދު އަދަދެއްގެ ބައެއް ކަމަށް ރަޝިޔާ އިން ބުނެ އެވެ. އަދި އެމީހުންގެ ފުރާނަ ސަލާމަތް ކުރަން ބޭނުން ނަމަ އޮތް ހަމައެކަނި ގޮތަކީ، ހަތިޔާރު ބަހައްޓައި އަމާން ދިނުން ކަމަށް ވެސް ރަޝިޔާ ސިފައިން ބުނެ އެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި، މަރިއުޕޯލް ކާރުޚާނާގައި ތިބި އާންމު ރައްޔިތުން ސަލާމަތް ކުރުމަށް، ހިންގި ޚާއްސަ ހަރަކާތުގެ ތެރޭގައި، އާންމުންގެ 300 އަށް ވުރެ ގިނަ މީހުން ވަނީ އެ ތަނުން ނެރެ ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފަ އެވެ.

ޔޫކްރޭންގެ ބޮޑުވަޒީރުގެ ނައިބު ވިދާޅުވި ގޮތުގައި މަރިއުޕޯލް އިން އާންމުން ސަލާމަތް ކުރުމަށް މިވަގުތު ހިންގުމަށް ކަނޑައެޅި ހަރަކާތްތައް މިހާ ހިސާބުން ނިމުނީ އެވެ. އަދި ދެން އޮތް މަރުހަލާގައި މަސައްކަތް ކުރާނީ، އެ ކާރުޚާނާގެ ތެރޭގައި ތިބި ޒަޚަމްވެފައިވާ މީހުން އެ ތަނުން ނެރުމަށެވެ. އޭގެ އިތުރުން މަރިއުޕޯލްގައި ތިބި އާންމުންގެ ތެރެއިން އެ ސަހަރު ދޫކޮށް ދާން ބޭނުންވާ މީހުންނަށް ފަސޭހަ އިން އެ ތަނުން ނުކުމެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫކްރޭންގެ ދެކުނުން، ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ ބަނދަރުމަތީ ރަށެއް ކަމަށްވާ މަރިއުޕޯލް މިހާރު އޮތީ ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގަ އެވެ. އެ ސަހަރުގައި ރަޝިޔާ ސިފައިންނާ ހަނގުރާމަކުރި، ޔޫކްރޭން ސިފައިން ފައިބައިގެން ގޮސްފައިވާ އިރު، ފައިބައިގެން ނުދެވުނު ސިފައިން، ރައްކާތެރިކަން ހޯދުމަށްޓަކައި ވަނީ، އެ ސަހަރުގައި ހުރި ދަގަނޑު އުފައްދާ ކާރުޚާނާގެ ތެރައަށެވެ.

ދަގަނޑު އުފައްދާ ކާރުޚާނާއެއްގެ ގޮތުގައި މިހާރު ބޭނުންކުރާ އެތަނަކީ، ނިއުކްލިއާ ހަމަލާއަކުން ރައްކާތެރިކަން ހޯދުމަށް ވަންނާނެ ބިންގަރާހެއްގެ ގޮތުގައި ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، އޭރުގެ ސޮވިއެޓް ޔޫނިއަނުން ހެދި ތަނެކެވެ. ގިނަ ދުވަސްތަކެއް ވަންދެން އެތައް ހާސް ބަޔަކަށް ދިރިއުޅެވޭ ގޮތަށް ހަދާފައިވާ އެ ތަނުގެ ބިމު އަޑީގައި ދުރަށް ދެމިފައިވާ ބިންގަރާސް އެތައް މަގެއް ވެއެވެ.