އުމުރުން ދުވަސްވީ ދިވެއްސަކު ލަންކާގައި ގެއްލިގެން ހޯދަނީ
އުމުރުން ދުވަސްވީ ދިވެއްސަކު ލަންކާގައި ގެއްލިގެން ހޯދަނީ

ސްރީ ލަންކާއަށް ބޭސްފަރުވާއަށް ގޮސް އުޅުނު އުމުރުން ދުވަސްވީ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު ހެނދުނުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން އަންނަނީ އިބްރާހިމް އަލީ ނަމަކަށް ކިޔާ 62 އަހަރުގެ މީހެކެވެ. އޭނާއަކީ ކިޑްނީގެ ބަލި ހުންނަ މީހެކެވެ.

ފޮރިން މިނިސްޓްރީން ބުނީ ދުވަސްވީ ފިރިހެނަކު ގެއްލިގެން އެ އާއިލާއަށް ކޮންސިއުލާ އެހީތެރިކަން ދެމުން އަންނަ ކަމަށެވެ. އެ މައްސަލަ ލަންކާގެ ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނީ އީދު ދުވަހު ދެހިވަލަ މިސްކިތް ކައިރިއަށް ދިޔަ ގޮތަށް އިބްރާހިމްގެ ހަބަރެއް ނުވާ ކަމަށެވެ. އޭނާއާ ގުޅޭ މައުލޫމާތު ލިބިއްޖެނަމަ 2382 499 (77) 94+ ނުވަތަ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ނަމްބަރު 6666 881 076 އަށް ގުޅުމަށް އެދިފައިވެ އެވެ.

ލަންކާގައި ދިވެހި ޒުވާނަކު ވެސް ގެއްލިގެން މިިދިޔަ ފެބްރުއަރީ މަހު ހޯދި އެވެ. އަފްހަމް ނަސީރު، 23، ފެނުނީ ވެއްލަވައްތަގެ ގޮނޑުދޮށުގެ ސަރަހައްދެއްގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވަ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފަހުން ނުލިބެ އެވެ.